ބ. އޭދަފުށީގައި 1،000 ހައުސިން ޔުނިޓް އެޅުމަށް، ޗައިނާގެ ސިނޯހައިޑްރޯ ކޯޕަރޭޝަނާ އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއީ މިދިޔަ މޭ މަހު ދެ ފަރާތުން ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫއަށް ދޭ ފައިސާ ދެނީ ޑޮލަރަށް ދަތިވެފައި ވަނިކޮށް، ރިސޯޓްތަކުން މާރުކުރާ ޑޮލަރު ބޭނުން ކޮށްގެންނެވެ.
ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ސިނޯހައިޑްރޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު ޕޭން ގުއާންޒޯއެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން އޭދަފުށީގައި 15 ބުރީގެ 12 ޓަވަރު އެޅުމަށް ވަނީ ނިންމާފައެވެ. މިގޮތަށް ނިންމެވީ އޭދަފުށްޓަށް އިތުރު ބިން ހޯދެން ނެތުމުން، މިހާރު ހުރި ބިން އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށެވެ.
"އޭދަފުއްޓަކީ އާބަން ސެންޓަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށެއް. މި މަޝްރޫޢާ އެކު، ބ. އަތޮޅުގައި އާބާދީއާއި ތަރައްޤީ އެއްފަސްކުރެވޭނެ މުހިންމު މަރުކަޒަކަށް އޭދަފުށި ވެގެންދާނެ،" މުއްތަލިބު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން އަޅާ 1،000 ހައުސިން ޔުނިޓުގެ ތެރޭގައި ހިމެނެނީ:
- ތިން ކޮޓަރީގެ 336 ފްލެޓް
- ދެ ކޮޓަރީގެ 772 ފްލެޓް
މަޝްރޫޢަށް ބޭނުންވާ ފައިނޭންސިންގ 2025 ވަނަ އަހަރު ތެރޭގައި ހަމަޖެހި، މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 70،000 ހައުސިން ޔުނިޓް އެޅުން ހިމެނެއެވެ. މި ވަޢުދު ފުއްދުމަށްޓަކައި، އެކި ފަރާތްތަކުން ފައިނޭންސް ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.