ޚަބަރު

ރައީސް މުއިއްޒު ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް، ސިއްރިޔާތުގައި އަބްދުއްރަހީމް، އަންނި އާއި ބައްދަލުކޮށްފި

ދިޔަވަރު
ރައީސް މުއިއްޒު ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް، ސިއްރިޔާތުގައި އަބްދުއްރަހީމް، އަންނި އާއި ބައްދަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭގައެވެ.

އެ މަޢުލޫމާތު އެނގިވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ދެއްވިއިރު، މި ބައްދަލުވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން އަދި ނަޝީދުގެ ފަރާތުން އެއްވެސް ރަސްމީ މަޢުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ. މަޖިލީހުގެ މީޑިއާ އޮފިޝަލުން ވެސް މިކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ދެއްވާފައެއް ނުވެއެވެ.

މި ދެ ބޭފުޅުންގެ ބައްދަލުވުން ބޭއްވުނު ވަގުތު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ އިނގިރޭސިވިލާތުގައި ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައެވެ. އަދި މުއިއްޒު އާއި، އަބްދުއްރަހީމް އާއި ދެމެދު ވަނީ ޚިޔާލު ތަފާތުވުންތައް އުފެދި ޕާޓީތެރޭގައި ފެކްޝަން އުފެދިފައެވެ.

މި އަހަރުގެ ކުރީކޮޅު މަޖިލިސް ރައީސްކަމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެގެން، ނަޝީދު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ގާނާގައެވެ. އެމަނިކުފާނު އެ ޤައުމަށް ވަޑައިގެންނެވީ އެމަނިކުފާނު އުފައްދަވާފައިވާ ކްލައިމެޓް ވަލްނަރަބިލިޓީ ފަންޑު (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އަދާކުރެއްވުމަށެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ނަޝީދު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގައި ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީގެ ގިނަ މެންބަރުން އެހީތެރިވެވަޑައިގެންނެވިއެވެ. މީގެ ކުރިން، ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ދެމެދު އުފެދުނު ޚިލާފުތަކުގައި، ނަޝީދު މަސައްކަތް ކުރެއްވީ ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ.