އެމްއެމްއައިން އެކުލަވާލި ޑޮލަރު ވިއްކުމުގެ ގަވާއިދަށް ބަދަލު ނުގެންނާނެކަމަށް ވިދާޅުވެ މުއިއްޒު ދޮގު ހެއްދެވިކަން ހާމަވެއްޖެއެވެ.
މިކަން ހާމަވީ އެމްއެމްއޭއިން ބޭރު ފައިސާއާ ބެހޭ ގަވާއިދެއް ޑްރާފްޓްކޮށް، އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުމާއި ގުޅިގެންނެވެ. މި ބިލުގައި ރިސޯޓުތަކުން ލިބޭ ޑޮލަރު ބޭންކުތަކަށް މާރުކުރުމުގައި ލުއިގޮތްތަކެއް ހިމަނާފައިވެއެވެ.
ބިލުގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ދެ ކެޓަގަރީއަކަށް ބަހާލާފައިވެއެވެ. ފުރަތަމަ ކެޓަގަރީ ކަމުގައިވާ "އޭ" ގައި ހިމެނެނީ ރިސޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި، ރިސޯޓު ހޮޓާތަކެވެ. މި ތަންތަނުން ކޮންމެ ޓޫރިސްޓަކަށް ބޮލަކަށް 500 ޑޮލަރު ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭނެއެވެ.
ދެވަނަ ކެޓަގަރީ ކަމުގައިވާ "ބީ" ގައި ހިމެނޭ ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކުން ކޮންމެ ޓޫރިސްޓަކަށް މަހަކު 25 ޑޮލަރުގެ ރޭޓުން ބޭންކަކަށް ޖަމާކޮށް މާރުކުރަން ޖެހޭނެއެވެ. ނަމަވެސް ރިސޯޓުގައި 24 ގަޑިއިރު ހޭދަނުކުރާ ޓޫރިސްޓުންނާއި، ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި، ހިލޭ ތިބޭ ފަރާތްތަކަށް މި ގަވާއިދު ނުހިނގާނެއެވެ.
މީގެ އިތުރުން، އަހަރަކު 20 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން ބޭރު ފައިސާ ލިބޭ ވިޔަފާރިތަކުން، އެ ލިބޭ އާމްދަނީގެ ތެރެއިން މަހެއްގެ މައްޗަށް 25 ޕަސެންޓަށްވުރެ ބޮޑުނުވާ އަދަދެއް ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރަން ޖެހޭނެއެވެ.
މި ގަވާއިދަކީ ވިޔަފާރިތަކާއި ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ބިލަކަށްވާތީ، އެމްއެމްއޭއިން ވަނީ އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައެވެ. އާންމުންނަށް މި ގަވާއިދާ ގުޅޭގޮތުން ކޮމެންޓް ކުރުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 2 އާ ހަމައަށް ހުޅުވާލާފައިވާއިރު، ކޮމެންޓްތައް foreignexchange@mma.gov.mv އަށް ފޮނުވުމަށް އެދިފައިވެއެވެ.
އެހެންނަމަވެސް މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުން, ރުންކުރުވެ ހުންނަވާ, މުއިއްޒު ވިދާޅުވީ ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ބަދަލު ނުގެނެވޭނެ ކަމަށާއި, ރިސޯޓު އޯނަރުން ޖެހޭނީ ބޮލަކަށް 500 ޑޮލަރު މާރު ކުރަން ކަމުގައެވެ.