ޚަބަރު

އެންސްޕާގެ ޚިދުމަތް ރައްޔިތުންނަށް ދިނުން ހުއްޓާލުމަށް ފަހު، އެންސްޕާ އިން 34.80 މިލިއަން ރުފިޔާގެ އޮފީސް ޢިމާރާތެއް ކުއްޔަށް ހިފައި، އެއިން 2 ބުރި މުއިއްޒުގެ ޓީވީ ސްޓޭޝަނަށް

ދިޔަވަރު
އެންސްޕާގެ ޚިދުމަތް ރައްޔިތުންނަށް ދިނުން ހުއްޓާލުމަށް ފަހު، އެންސްޕާ އިން 34.80 މިލިއަން ރުފިޔާގެ އޮފީސް ޢިމާރާތެއް ކުއްޔަށް ހިފައި، އެއިން 2 ބުރި މުއިއްޒުގެ ޓީވީ ސްޓޭޝަނަށް

އެންސްޕާ އިން 34.80 މިލިއަން ރުފިޔާގެ އޮފީސް ޢިމާރާތެއް ކުއްޔަށް ހިފުމުގެ އެއްބަސްވުމެއް ރައީސް މުއިއްޒު ހިންގަވާ އެމްއެމް ޓީވީ ހިންގާ ކުންފުންޏާއި އެކު ސޮއިކޮށްފިއެވެ. އެމްއެމް ޓީވީ ހިންގާ މި މޯލްޑިވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓެޑާއި އެކު ސޮއި ކޮށްފައި ވަނީ 5 އަހަރުގެ އެއްބަސްވުމެއްގައެވެ. މި އެއްބަސްވުމުގެ ދަށުން ދެ ފަންގިފިލާ ހިފާފައިވަނީ މަހަކު 580،000 ރުފިޔާއަށެވެ.

މިއީ އެންސްޕާއަށް އަމިއްލައަށް ގެއެއްގެ ވެރިފަރާތާއި އެކީ އެއްބަސްވުން ހަދައިގެން ތަނެއް ކުއްޔަން ހިފެން އޮއްވާ، ރައީސް މުއިއްޒުއަށް ނާޖާއިޒް ގޮތުގައި ދައުލަތުގެ ފައިސާއިން މަންފާ ހޯދައި ދިނުމަށް ހިންގާފައިވާ އަނިޔާވެރި ކޮރަޕްޓް އަމަލެކެވެ.

މި އެއްބަސްވުމުގެ ދަށުން، މީޑިއާ ހައުސްއިން މ. ސީރާޒީގޭ އިމާރާތުން 4 ފަންގިފިލާ ކުއްޔަށް ހިފާފައިވެއެވެ. އޭގެ ތެރެއިން 2 ފަންގިފިލާ އެންސްޕާ އަށް ދޫކޮށްފައިވާއިރު، އަނެއް 2 ފަންގިފިލާ ބޭނުންކުރަނީ މުއިއްޒުގެ ޓީވީ ސްޓޭޝަންގެ މަސައްކަތްތަކަށެވެ.

އެންސްޕާއިން ދޭ ޚިދުމަތްތައް އެތައް ގުނައަކަށް އުނިކޮށް، އެންސްޕާއިން ދޭ ކޮންމެ ޚިދުމަތަކީ ލޯނެއް ގޮތުގައި އާންމުން ދައްކަން ޖެހޭ ފައިސާ ކަމަށް ކަނޑައެޅުމަށްފަހު، ރައީސް މުއިއްޒު ބޮޑުކޮށް އެންސްޕާއިން އޭނާގެ ޓީވީ ސްޓޭޝަން ހަދާފައިވާ ތަނަށް ކުލި ދެއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް، ބޮޑު އަގުގައި އިމާރާތެއް ކުށްޔަށް ނަގައިގެން ހިންގުމަކީ ރައްޔިތުންނާއި މެދު އެއްވެސް މިންވަރެއްގެ އޯގާތެރި ކަމެއް ނެތްކަން ސާފުކޮށް ހާމަވާ ވަރަށް ދަށުދަރަޖައިގެ އަމަލެކެވެ.

މި ކުންފުނި ރަޖިސްޓްރީ ކުރެވިފައިވަނީ 2024 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. މިއީ ސަރުކާރުގެ އިދާރާތަކަށް ކުއްޔަށް ދިނުމުގެ ޚިދުމަތް ދިނުމުގެ ތަޖުރިބާއެއް ނެތް ކުންފުންޏެއްވެސް މެއެވެ. އަދި ތަންތަން އިމާރާތްކޮށް، ރިއެލްސްޓޭޓް ވިޔަފާރި ކުރާ ކުންފުންޏެއްވެސް ނޫނެވެ.

މުއިއްޒު މިކުންފުނި ރަޖިސްޓްރީ ކޮށްފައިވަނީ އޭނާ ގޭގައި އަތްގާތް ކުރަން ގެންގުޅޭ އެއްޖިންސުން ގުޅުން ހިނގި ކަމަށް ތުހުމަތު ކޮށްފައިވާ އަލަމްގިރި މައްސަލާގައި ހިމެނޭ މީހެކެވެ.

މިހާރު އެންސްޕާއިން ހިސާބުތަކުގައި ރެކޯޑު ކުރެވިފައިވާ ގޮތުން، ދެ ފަންގިފިލާއަށް މަހަކު 580،000 ރުފިޔާ ދައްކަމުންދެއެވެ. ނަމަވެސް، މި 580،000ރ އަކީ 4 ފަންގިފިލާގެ އަގެވެ.