ޚަބަރު

ބައިނަލްއަގުވާމީ ކޯޓުތަކުގެ އަމުރުތައް ރާއްޖެއިން ތަންފީޒުކުރާނެ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓް ޑިލީޓް ކުރައްވައިފި

ދިޔަވަރު
ބައިނަލްއަގުވާމީ ކޯޓުތަކުގެ އަމުރުތައް ރާއްޖެއިން ތަންފީޒުކުރާނެ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓް ޑިލީޓް ކުރައްވައިފި

ބައިނަލްއަގުވާމީ ކޯޓުތަކުގެ އަމުރުތައް ރާއްޖެއިން ތަންފީޒުކުރާނެ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓް ޑިލީޓް ކުރައްވައިފިއެވެ. މި ޓްވީޓް ކުރައްވާފައިވަނީ ނަތަންޔާހޫ ހައްޔަރު ކުރުމާއި ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން ހޯމް މިނިސްޓަރ އިހްސާން ހަނު ހުންނެވި ކަމަށް ބުނެ، ރާއްޖެ-ޓީވީ އިން ކޮށްފައިވާ ޓްވީޓް އަކަށް ހަވާލާ ދީ، ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރު ޓްވިޓަރގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރާއްޖެއަކީ އިންޓަނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ތަންފީޒުކުރާނެ ގައުމެއް ކަމަށެވެ. މި ޓްވީޓް ޑިލީޓް ކޮށްފައިވަނީ އެތައް ގަޑި އިރެއް ފަހުން، އެ ޓްވީޓުގެ މައްޗަށް ނޫސްތަކުން ޚަބަރުތައްވެސް ހަދާފައި ވަނިކޮށެވެ.

ނަތަންޔާހޫ ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރު ނެރެފައިވާ މި ދަނޑިވަޅުގައި އޭނާ ރާއްޖެ އަތުވެއްޖެ ނަމަ ހައްޔަރުކުރާނެތޯ ސޯޝަލް މީޑިއާގައި ބައެއް މީހުން ސުވާލުކޮށްފައިވެ އެވެ.

ނަތަންޔާހޫ އާއި އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް މިދިޔަ މެއި މަހު އެދުނީ އައިސީސީގެ ޕްރޮސެކިޔުޓާ ކަރީމް ޚާން އެވެ. އެއީ ފަލަސްތީނުގައި ހިންގަމުންދާ ބަނޑައްޖެއްސުމާއި، މީހުން މެރުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން ނަތަންޔާހޫ އާއި ގަލަންޓް އަދި ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ޟައީފް ހައްޔަރުކުރަން އައިސީސީއިން އަމުރު ނެރުނީ މިދިޔަ ބުރާސްފަތި ދުވަހެވެ.

އެއަށްފަހު، އެކި ގައުމުތަކުން ވަނީ ނަތަންޔާހޫ އެ ގައުމަކަށް ހިނގައްޖެ ނަމަ އަމުރު ތަންފީޒުކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް، ނަތަންޔާހޫ ހައްޔަރު ކުރާނެ ކަމަށް ދޭހަވާހެން ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓް ޑިލީޓް ކޮށްލުމުން، ނަތަންޔާހޫ ހައްޔަރު ނުކުރަން ސަރުކާރުން ނިންމީތޯ ގިނަ ބައެއްގެ ހިތުގައި ދަނީ ސުވާލު އުފެދެމުންނެވެ.