ޚަބަރު

ޕޮއިންޓު ދިނީ ޕޯޓަލުން ފޯމު ފުރާފައިވާ ގޮތަށް: އަކްރަމް

ދިޔަވަރު
ޕޮއިންޓު ދިނީ ޕޯޓަލުން ފޯމު ފުރާފައިވާ ގޮތަށް: އަކްރަމް

މި ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެންމެ ފުރަތަމަ ދޫކުރާ ފްލެޓުތަކަށް ޕޮއިންޓު ދީފައިވާނީ ޕޯޓަލްގައިވާ ފޯމު ފުރާފައިވާ ގޮތަށް ކަމަށް ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާ އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އިއްޔެ ލިސްޓު އިއުލާނުކުރުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހި ބައެއް މީހުން ވަނީ ހައުސިން މިނިސްޓްރީއަށް ގޮސް ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. އެތަނުގައި ތިބި މީހުންނާ ވާހަކަ ދައްކަވަމުން އަކްރަމް ވަނީ ޕޯޓަލް މެދުވެރިކޮށް ޝަކުވާއަށް ހުޅުވާލާފައިވާކަން ހާމަކުރައްވާފަ އެވެ.

"ފޯމުގައި ހުރި ޕޮއިންޓުތަކަކީ… އަޅުގަނޑަށް އެނގޭ ހިތްޕުޅު ހަމަނުޖެހޭނެކަން އަޅުގަނޑު މި ބުނާ އެއްޗަށް. ޕޯޓަލްގައި އިންނަ ފޯމު ފުރުއްވާ ގޮތަށް ޕޮއިންޓު ލިބޭނީ," ހައުސިން މިނިސްޓްރީގައި އަކްރަމް އެހެން ބުނުމާ އެކު އެތަނަށް ޖަމާވެ ތިބި މީހުން އަޑި ހަޅޭލަވައި އަޑުގަދަކޮށް އަކްރަމްގެ ވާހަކަ ހުއްޓުވާފަ އެވެ. އެތަނަށް އެއްވި މީހުންގެ ކިބައިން ތަކުރާރުކޮށް އަޑުއެހުމަށް އެދުނު ނަމަވެސް އަކްރަމަށް ވާހަކަ ކުރިއަށް ގެންދިޔުމުގެ ފުރުސަތު ދީފައި ނުވެ އެވެ.

ފުރަތަމަ ބުރުގައި ދޫކުރާ 4000 ފްލެޓު ދެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ދާއިމީ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބުނާ ނަމަވެސް ފުރަތަމަ ދޭ 4000 ފްލެޓުގެ ތެރޭގައި ނުހިމެނޭ މީހުންނަށްވެސް ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ދޭނެ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ. އެ ޔުނިޓުތަކުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ