ރާއްޖޭގެ މީޑިޔާގައި ފެއިލް ވެފައިވާ ހަލީލަކީ މީހުންނަށް އޮޅުވާލުމާއި، ދޮގު ވާހަކަ ދައްކައިގެން އެތައް ބައެއްގެ އަތުން މީޑިޔާ ހިންގުމުގެ ނަމުގައި ފައިސާ ނަގައިގެން އުޅޭ މީހަކަށް ވާތީ، ރާއްޖޭގެ މީޑިޔާ އިންޑަސްޓްރީ ތެރޭގައި "އަނގަވިއްކައިގެން" އުޅޭ މީހެއް ގޮތުގައި މަޝްހޫރުވެފައިވާ އަގެއް ނެތް މީހެކެވެ. އާންމުކޮށް ރައީސް މުއިއްޒުގެ ސަރުކާރުގައި ފެންވަރު ދަށް މީހުންނަށް ފުރުޞަތު ދޭ އުސޫލުން މީނާއަށް ވެސް ވަނީ ވަޒީރުކަން ދީފައެވެ.
މީނާ "އަނގަވިއްކުން" ފެށީ 2008 ވަނަ އަހަރު އެވެ. 2008 ރިޔާސީ އިންތިހާބަށް ކުޑަތަން ވެފައި ވަނިކޮށް ރައީސް މައުމޫނަށް ލަނޑުދީ ޓީވީއެމުން ވަކިވެ ޗަންޕާ އުއްޗު ބޮލަށް ވަދެގެން ދިއެފްއެމް ނަމުގައި ރޭޑިޔޯ ސްޓޭޝަނެއް ވުޖޫދަށް ގެނަ އެވެ. އަދި ދިޓީވީ ހެދޭތޯ މަސައްކަތް ކޮށް ކާމިޔާބު ނުވުމުން ޗަންޕާ އުއްޗު ނަވާލު ކިޔާ މީހަކާއި ދިޓީވީގެ ހުރިހާ ކަމެއް ހަވާލު ކުރި އެވެ. ދިޓީވީ ވުޖޫދު ނުކުރެވި ފެއިލް ވީ އެވެ.
2010 ވަނަ އަހަރުތެރޭގައި މީނާގެ ބަހަށް ޗަންޕާ ކުރި ބޮޑު އިންވެސްޓް ބޮލާލައި ޖަހައި، އެތައް ފައިސާއެއް ޗަންޕާގެ އަތުން ކެއުމަށްފަހު، އެމްޑީޕީ ވެރިކަމުގައި ރައީސް ނަޝީދުގެ ބޮލަށް ސަވާރުވެ އެމްއެންބީސީ ނަމަށް ޓީވީއެމް ބަދަލުކޮށް އެތަނަށް ދެމިގަތެވެ. އަދި ރައީސް ނަޝީދު ވެރިިކަން ޕްރެޝަރުވެ ވެއްޓިދާނެ ހެން ހީވުމުން 2011 ވަނަ އަހަރު ފަހު ކޮޅު ރައީސް ނަޝީދު ކައިރިން ފެއިލްވުމުން ނަޝީދު ދޫކޮށް އޭރުގެ ވަތަނިއްޔާއަށް ދެމިގަންނަން މަސައްކަތް ކުރިއެވެ.
އެހެންނަމަވެސް ވެބުކެމުން ހަލީލްގެ އޮރިޔާން މުޅި ރާއްޖެއަށް ލީކުވެ ވަތަނިއްޔާ ވަޒީފާގެ ކަންތައް ހަމަ ނުޖެހި ހަރާބުވީ އެވެ.
އެއަށް ފަހު، 2012 ވަނަ އަހަރުގެ ތެރޭގައި ގާސިމް އިބްރާހިމް ބޮލަށް ސަވާރުވެ އެތަނުގެ ވީޓީވީ މާމޮޅަށް ހިނގާނެ ކަމަށް ހުވަފެންދައްކާ އެތަނަށް "ތޮރުފި"ގަތެވެ. އަދި ސިގަޕޫރުންނާއި ދުނިޔޭގެ އެތައް މިތަނުން ވީޓީވީ އިކްޕްމެންޓުން ބަރާކޮށްލި އެވެ. އެތައް ފައިސާއެއް ޖީބަށް ކަހާލަމުންނެވެ.
އަދި 2013 ވަނަ އަހަރުގެ ގައުމުގެ ވެރިކަން ގާސިމަށް ލިބޭނެ ކަމަށް ބުނެ މީޑިޔާ އާއި ޕީއާރަށް މިލިޔަނުން ގާސިމް އަތުން ހަރަދު ކުރުމަށް ފަހު އެތަނުން ފެއިލް ވުމުން ގާސިމަށް ދޯކާދިނެވެ.
އެއަށްފަހު، 2014 ވަނަ އަހަރުގެ ތެރޭގައި އަދީބުގެ ބޮލަށް ސަވާރުވެ، ޕީއެސްއެމް ގާނޫނު ވުޖޫދުކޮށް، ޔާމީން ސަރުކާރުގެ ޕީއާރާއި މީޑިޔާއަށް ދެމިގަތެވެ. އަދި ރައީސް ޔާމީން ޕީއާރާއި މީޑިޔާ ހިންގާލި ހިންގާލުމުން މުޅި މީޑިޔާ ފެއިލްވެ ރައީސް ޔާމީންގެ ވެރިކަން ވެއްޓުނެވެ.
ރައީސް ޔާމީންގެ ވެރިކަން ވެއްޓުމާއި އެކު އަނެއްކާ ވެސް ޗަންޕާ އުއްޗުގެ ބޮލަށް ސަވާރުވެ އުއްޗުގެ ޗާޕްހާނާ ދިޕްރިންޓްގެ ތެރެއަށް ދެމިގަތެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދިޕްރިންޓްގައި ހުރި މެސެނަރީތައް "ގޯސްވެ" އިތުރު މެސެނުތަކާއި ޕްރިންޓް ކުރާ ސާމާނުތައް ޗައިނާއިން އޯޑަރުކުރި އެވެ. އަދި ދިޕްރިންޓް ހިމެނޭ ސަރަހައްދުގައި ހުންނަ ޗަންޕާ މޫނު ގެސްޓު ހައުސްގައި ބޮޑު ސިނަމާއެއް ވެސް ހެދި ކަމަށް ވެއެވެ. މި ހުރިހާ ހަރަދެއް ޗަންޕާ ލައްވާ ކޮށްފައި މުޅިއެތި ފެއިލް ވެދާނެ ކަން ޔަގީންވުމުން ކުއްލިއަކަށް ޗަންޕާ ކައިރިން ވަޒީފާއިން ކެޑިގެން ސަން ސިޔާމް ގާތަށް މީނާ ވަނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާމަށް ކަންކަން އޮޅުވާލި ހިންޏަށް އޮޅުވާލާ ގޮތަށެވެ. މޮޅުވާހަކަ ދައްކައި އިސާހިތަކު ސިޔާމް ބޮލުގެ ނާށިގަނޑު ވެސް ކާލައިފި އެވެ. ބޮޑު ބިޔަ މީޑިޔާ ހައުސްއެއް ހަދަންވީ ކަމާއި ދިރާގް ޓީވީ ގަނެ ފައިދާ އިންތިހާއަށް ނެރެވިދާނެ ކަމަށް ބުނެ މުޅި ސިޔާމް ފަކީރު ހަނާކޮށްލައިފި އެވެ. ސިޔާމް ފަކީރު ލައްވާ ދިރާގް ޓީވީ ގަނެ އެތައް މިލިޔަނެއް އިންވެސްޓް ކުރުމަށް ފަހު ސިޔާމް ފަކީރަށް އެއިން ލިބުނީ ލަނޑެވެ. ނަމަވެސް މިހާރުވެސް، ސަރުކާރުން ސިޔާމަށް ކަންކަން ފަހި ކޮށްދޭނެ ކަމަށް ބުނެ، އެސްއެސްޓީވީއިން 50،000ރ ކޮންމެ މަހަކު ނަގައެވެ.
ސިޔާމް ކައިރީ ވަޒީފާ އަދާކުރަމުން ދިޔަ ދުވަސްވަރު މީޑިޔާގެ އެކްސްޕާޓަކަށްވެ ސޯލްޓް ކެފޭއާއި އެހެންވެސް މެހެފިލްތަކުގައި ރައީސް ސޯލިހްގެ މީޑިޔާ ހިންގުމާއި ޕީއާރު މަސައްކަތް ރައީސް ސޯލިހާއި އެކުގައި ކުރިއަށް ގެންދަނީ ކަމަށް ބުނެ ވާހަކަ ދެއްކިއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމެންދެން ހުރީ ދެފަރާތަށް ރަގަޅަށް ދެފައި ބާލައިގެންނެވެ. އެމްޑީޕީގެ ކެމްޕެއިން މީޑިޔާ ޓީމުގައި ނުހިމަނައިގެން، ރައީސް ސޯލިހުއަށާއި، މިނިސްޓަރުންނަށް ކުރި މެސެޖްތައް އެހެރީއެވެ.
ފުރަތަމަ ބުރު ނިމި އިބޫ ނުހޮވޭނެ ކަން އެނގުމުން ޑރ. މުއިއްޒު ކޮޅަށް އެއްކޮށް އެރިއެވެ. އަދި ރައީސް މުއިއްޒަށް ވެރިކަން ލިބުމާއި އެކު މުއިއްޒުގެ ބޯ ކާލައި ރައީސް އޮފީހުގެ މީޑިޔާ މިނިސްޓަރުކަން ދަމައިގެންފި އެވެ.
މިހާރު އެމްއެމްޓީވީ ނަމުގައި ހަލީލް ދަރިއަކާއި، ހަލީލް ވަގު ޕާޓުނަރު ކުޑަ އިކުރާމް އަނބި ލަތީފާގެ ނަމުގައި ކުންފުނި ހަދައި ރައީސް މުއިއްޒަށް ޓީވީ ސްޓޭޝަނެއް ހަދައިދީފިއެވެ. ތަސްމީން ކޮއްކޮ މޮހޯ މެންގޭގެ 2 ބުރި ކުއްޔަށް ނަގައިގެން ހިންގަމުންދާ ޓީވީ ސްޓޭޝަނަށް އެންސްޕާއާއި ރައީސް އޮފީހުގެ ބަޖެޓުން މިހާރު ވެސް 48 މިލިޔަން ރުފިޔާ ހަރަދު ކޮށް އެއިން އެތައް މިލިއަނެއް ވަނީ ހަލީލް ނަގާފައެވެ.
މިހާތަނަށް މީނާ ހިންގި މީޑިޔާގެ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާ ބީދައިން މިކަން ވެސް ޗޮކުންދާ ތަން ދުނިޔޭގައި ދިރި ތިބި ބަޔަކު ދެކޭނެ އެވެ. މިތަނުން ވެސް އަދި ބަޗާނެ އެވެ. ރައީސް މައުމޫނާއި ޗަންޕާ އުއްޗާއި ރައީސް ނަޝީދާއި ގާސިމާއި ރައީސް ޔާމީނާއި ސަން ސިޔާމް ފަދަ ބޭފުޅުންނަށް ދައްކާލި އަވާ މެންދުރުގައި މުއިއްޒު ވެސް ޖައްސާލައިފި އެވެ.
"އަނގަ" ވިއްކައިގެން ދިރިއުޅެން ދަސްކޮށް، މިހިންގަނީވެސް ހަމަ ސްކޭމެވެ. މިއަދު ރައްޔިތުންގެ ފައިސާއިންނެވެ.