ޗައިނާއިން ޝިންޖިއާންގައި އުއިގަރު މުސްލިމުންނާއި މެދު ޢަމަލުކުރާ އަނިޔާތައް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ހާމަވެ ދަނީ ފާޑުކިޔުން އަމާޒު ވަމުންނެވެ. މީގެ ތެރޭގައި "އަލުން ތަރުބިއްޔަތު ދިނުމުގެ ކޭމްޕްތައް" ގެ ނަމުގައި އެތައް މިލިއަން މުސްލިމުންނެއް ހުކުމެއް ނެތި ޖަލުތަކުގައި ބަންދުކުރުމާއި، މަޖުބޫރުން މަސައްކަތްކުރުވުމާއި، އަޅުކަން ކުރުން މަނާކުރުމާއި، ސިސްޓަމެޓިކް ގޮތެއްގައި މީހުން މޮނިޓަރކުރުން ހިމެނެއެވެ.
މީގެ އިތުރުން ކުޑަ ކުދިން އުމުރުން 3 އަހަރާއި 10 އަހަރާއި ދެމެދު މުސްލިމް މައިން ބަފައިން ކައިރިން ވަކިކޮށް، ޔަތީމް ހާނާތަކަށް ގެންގޮސް، ކާފަރުންގެ ގޮތުގައި ބޮޑު ކުރުން ހިމެނެއެވެ. މި ގޮތަށް ކުޑަކުދިން ގަދަކަމުން ނެގުމަކީ، އަންދަލުސް އިން އިސްލާމް ދީން ފުހެލުމަށް އެތާގައި މީގެ އެތައް ސަތޭކަ އަހަރު ކުރިން މުސްލިމުންނާއި ދެކޮޅަށް ހިންގި ފަދަ ލާއިންސާނީ އަމަލެކެވެ.
މި ފާޑުކިޔުންތަކަށް ރައްދު ދީ، ޗައިނާއިން އެތައް މިލިއަން މުސްލިމުންނަށް ދެމުންދާ އަނިޔާތައް ފޮރުވުމަށް ޗައިނާއިން އަޅަމުންދާ ފިޔަވަޅުތަކުގައި މުއިއްޒުގެ ސަރުކާރުން ދަނީ ބޮޑެތި އެއްބާރު ލުންތައް ދެމުންނެވެ. މި ގޮތުން ޗައިނާ އިން މިކަންކަން ފޮރުވުމަށް ހިންގާ ބައެއް ޕްރޮޕަގަންޑާތައް ފާހަގަ ކޮށްލާނަމެވެ.
މުސްލިމް ޤައުމުތަކުގެ ވަފުދުތަކަށް ދަޢުވަތު ދިނުމުގެ ސިޔާސަތު:
ޗައިނާ ސަރުކާރުން މުސްލިމް ޤައުމުތަކުގެ ވަފުދުތަކަށް ޝިންޖިއާންގ ސަރަޙައްދަށް ޒިޔާރަތްކުރުމުގެ ދަޢުވަތު ދެއެވެ. ނަމަވެސް މި ޒިޔާރަތްތަކަކީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިގެން ކުރިއަށްގެންދާ ޒިޔާރަތްތަކެކެވެ. މި ވަފުދުތަކަށް ދައްކަނީ ވަކި ޚާއްޞަ ސަރަޙައްދުތަކެވެ. އެއީ ޗައިނާ ސަރުކާރުން ޚާއްޞަކޮށް ތައްޔާރުކޮށްފައި ހުންނަ ތަންތަނެވެ. މި ތަންތަނުގައި ހުންނަނީ "ވޮކޭޝަނަލް ސެންޓަރު" ތަކެއްގެ ގޮތުގައި ދައްކުވައިދޭ ތަންތަނެވެ. ނަމަވެސް މިއީ ޙަޤީޤަތުގައި މީހުން ބަންދުކޮށްގެން ގެންގުޅޭ ތަންތަނެވެ. މި ވަފުދުތަކަށް، ޗައިނާގައި ދިރިއުޅޭ އާންމު ރައްޔިތުންނާ މިނިވަންކަމާއެކު ވާހަކަދެއްކުމުގެ ފުރުޞަތެއް ނުދެއެވެ. އަދި ސަރުކާރުން ކަނޑައަޅާފައިވާ ތަންތަން ނޫން އެހެން ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުޞަތެއްވެސް ނޯވެއެވެ. ރާއްޖެއިން ދަނީ މިފަދަ ޒިޔާރަތްތަކަށް ރާއްޖޭގައި ތިބި ދީނީ ފަރާތްތައް ފޮނުވައި، ޗައިނާއިން ހަދަމުންދާ މި މަކަރުވެރި ދޮގު ފެތުރުމަށް އިސްލާމީ އިލްމުވެރިންގެ ބޭނުން ހިފަމުންނެވެ. މިކަން ކުރަމުން ދަނީ ރައީސް މުއިއްޒު އާއި، އިސްލާމިކް މިނިސްޓަރު ޝަހީމުއެވެ.
އިޤްތިޞާދީ ނުފޫޒު ބޭނުންކުރުން:
ޗައިނާއިން ބެލްޓް އެންޑް ރޯޑް އިނީޝިއެޓިވް (ބީ.އާރް.އައި) އާއި އެހެނިހެން ވިޔަފާރީގެ އެއްބަސްވުންތައް ބޭނުންކޮށްގެން މުސްލިމް ޤައުމުތަކުގެ މައްޗަށް ނުފޫޒު ފޯރުވައެވެ. މި އެއްބަސްވުންތަކުގެ ދަށުން އެ ޤައުމުތަކަށް ލިބޭ އިޤްތިޞާދީ ފައިދާތަކުގެ ސަބަބުން، ގިނަ ޤައުމުތަކުން ޝިންޖިއާންގ ސަރަޙައްދުގައި ހިނގާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާމެދު އަޑުއުފުލަން ޖެހިލުންވެއެވެ. މީގެ ބަދަލުގައި ބައެއް ޤައުމުތަކުން ޗައިނާގެ ސިޔާސަތުތަކަށް ތާއީދުކުރާކަން ފާޅުގައި ހާމަކުރެއެވެ. ރާއްޖެއަށް ވެސް ޗައިނާ އިން ވަނީ މި ނުފޫޒު ފޯރުވާފައެވެ. ރާއްޖޭގައި ހިނގާ ޗައިނާގެ ހުރިހާ ޕްރޮޖެކްޓްތަކަކީ ސިޔާސީ ފަރާތްތަކަށް ބޮޑުކޮށް ކޮރަޕްޝަނުގެ ފައިސާ ހުށައެޅިގެން ހިނގާ ޕްރޮޖެކްޓްތައް ކަމުން، މިއިން އެއްވެސް ކަމެއްގެ ވާހަކަ ނުދެކެވެއެވެ.
ޕްރޮޕެގަންޑާ އަދި މީޑިއާ ކެމްޕެއިންތައް:
ދައުލަތުގެ ބާރުގެ ދަށުގައިވާ މީޑިއާ އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ޗައިނާއިން ގިނަގުނަ މަސައްކަތްތަކެއް ކުރެއެވެ. މީގެ ތެރޭގައި "އުފާވެރި އުއިގަރުން" ގެ ވާހަކަތައް ފެތުރުން ހިމެނެއެވެ. މި ވާހަކަތަކުގައި ދައްކުވައިދެނީ ސަރުކާރުގެ ޕްރޮގްރާމްތަކުން އުއިގަރުންނަށް ލިބޭ ފައިދާތަކާއި، އެކަމަށް އެމީހުން ޝުކުރުވެރިވާކަމެވެ. އަދި ހިއުމަން ރައިޓްސް ޖަމާޢަތްތަކުން ނެރޭ ރިޕޯޓުތަކަށް ރައްދުދީ، އެ ރިޕޯޓުތަކަކީ ސިޔާސީ މަޤްޞަދުތަކެއް ޙާޞިލުކުރުމަށް ނެރޭ، ނުވަތަ ދޮގު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓުތަކެއްކަމަށް ބުނެ ޕްރޮޕެގަންޑާ ފަތުރައެވެ. މިއީ މަދު ބަޔަކަށް ފައިސާ ދީގެން، ކަމުގެ ހަޤީގަތް އޮޅުވާލުމަށް ޗައިނާ ސަރުކާރުން ކުރާ ކަމެކެވެ.
ދީނީ މިނިވަންކަން އޮތްކަން ދެއްކުމަށް ކުރާ މަސައްކަތް:
ޗައިނާއިން މިސްކިތްތަކާއި ޙަލާލު ކާބޯތަކެތި އުފައްދާ ތަންތަނަށް ކުރާ އިންވެސްޓްމަންޓްތައް ފާހަގަކޮށް، އެ ސަރަޙައްދުގައި ދީނީ މިނިވަންކަން އޮތްކަން ދައްކުވައިދިނުމަށް މަސައްކަތްކުރެއެވެ. ދައުލަތުގެ މީޑިއާގައި އުއިގަރުން ނަމާދުކުރާ މަންޒަރާއި އެހެނިހެން ދީނީ ޝިޢާރުތައް ފާޅުކުރާ މަންޒަރުތައް ދައްކައެވެ. މި މަންޒަރުތައް ދެއްކުމަށް ޗައިނާއިން ވަނީ ވަކި ބަޔަކު ނަގައި، ޙަޤީޤަތާ ޚިލާފު މި މަންޒަރުތައް ދައްކައެވެ. އިންސާނީ އެހީދޭ ބައިނަލްއަގުވާމީ އެތައް ޖަމާއަތްތަކަކުންނާއި، އެހެން މުސްލިމް ޤައުމުތަކުގައި ތިބި، ހާއްސަކޮށް ތުރުކީގައި ތިބި ޝިންޖިއާންގައި ދިރިއުޅޭ މީހުންގެ އާއިލީ ފަރާތްތަކަށް ޗައިނާއިން ދެމުންދާ އަނިޔާއާއި ގުޅޭ ގޮތުން ފެންނަން ހުރި ހެކިތަކަކުން ދައްކުވައިދެނީ އުއިގަރުންނަށް އެމީހުންގެ ދީނީ އަޅުކަން ކުރުމަށް މިނިވަންކަން ނެތްކަމެވެ.
މިނިވަން ނޫސްވެރިކަން ހުއްޓުވުން:
ޗައިނާއިން މިނިވަން ނޫސްވެރިންނާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކަށް ޝިންޖިއާންގ ސަރަޙައްދަށް ވަނުން މަނާކުރެއެވެ. މިގޮތުން އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ މިނިވަން ރިޕޯޓިންގ ހުއްޓުވައެވެ. އަދި އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކުގެ މަޢުލޫމާތު ހާމަކުރާ ފަރާތްތަކާއި، އެކްޓިވިސްޓުންނާއި، ތަޙްޤީޤުކުރާ ފަރާތްތަކާ ދެކޮޅަށް ދޮގު މަޢުލޫމާތު ފަތުރައި، ސައިބަރ ހަމަލާތައް ދެއެވެ.
ޗައިނާގެ މި މަސައްކަތްތަކާމެދު ފާޑުކިޔުން:
އެމްނެސްޓީ އިންޓަނޭޝަނަލް އަދި ހިއުމަން ރައިޓްސް ވޮޗް ފަދަ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނާގޮތުގައި ޗައިނާގެ މި މަސައްކަތްތަކަކީ ފުޅާ ދާއިރާއެއްގައި ހިންގާ އަނިޔާވެރި ޢަމަލުތައް ފޮރުވުމަށް ކުރާ ރޭވުންތެރި މަސައްކަތްތަކެކެވެ. އެތަނުން އަނިޔާ ލިބިގެން ނިކުމެފައިވާ މީހުންގެ ހެކިބަހާއި، ސަރުކާރުގެ ލީކްވެފައިވާ ލިޔެކިޔުންތަކާއި، ސެޓެލައިޓް މެދުވެރިކޮށް ނަގާފައިވާ ފޮޓޯތަކުން ދައްކުވައިދެނީ ޗައިނާއިން ބުނާ "ވޮކޭޝަނަލް ޓްރެއިނިންގ" ގެ ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމެވެ.
ނިންމުން
ޗައިނާއިން، އެހެން ޤައުމުތަކުގެ މުސްލިމް ލީޑަރުންނަށް ދަޢުވަތު ދީ، މިނިވަންކަމުގެ ވާހަކަ ދެއްކި ނަމަވެސް، ލިބިފައިވާ ހެކިތަކުން ދައްކުވައިދެނީ ޝިންޖިއާންގ ސަރަޙައްދުގައި ދީނީ އަދި ޘަޤާފީ ޙައްޤުތައް ހަނިކުރެވިފައިވާކަމެވެ. މިކަމާއި ގުޅޭ ގިނަ މަޢުލޫމާތުތައް ހިއުމަން ރައިޓްސް ވޮޗް އަދި އެމްނެސްޓީ އިންޓަނޭޝަނަލްގެ ރިޕޯޓުތަކުން ލިބިވަޑައިގަންނަވާނެއެވެ.