އިދިކޮޅު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސެއިން ޝާފިއު، މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޕޯސްޓެއް ކުރި ކަމަށް ބުނެ ފުލުހުންގެ ތަޙުޤީޤަށް ހާޒިރުވުމަށް އަންގައިފިއެވެ.
ފުލުހުން މިއަދު ފޮނުވި ޗިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ނޮވެމްބަރު 8 ވަނަ ދުވަހު "އެކްސް" ޕްލެޓްފޯމުގައި ޝާފިއު ކުރި ޕޯސްޓެއްގައި ހަޑިހުތުރު ބަހުގެ އިތުރުން ބިރުވެރިކަން އުފެދޭފަދަ ޢިބާރާތްތަކެއް ހިމަނާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ. އޭނާ މާދަމާ މެންދުރު 1:30 ގައި ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާއިރު، ޕޯސްޓުގެ ތަފްސީލު ޗިޓުގައި ހިމަނާފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވަނީ ސަރުކާރުގެ އަމަލުތައް ކުށްވެރިކުރައްވާފައެވެ. "ރައްޔިތުންގެ އަޑު ކަނޑުވާލައި، ޚިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެ. ނަމަވެސް ޚިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ،" ފައްޔާޒު "އެކްސް" ގައި ލިޔުއްވިއެވެ.
މީގެ އިތުރުން، ރައީސް މުޙައްމަދު މުޢިއްޒުގެ "އަބުރުފުޅަށް" އެރި ކަމަށް ބުނެ ގއ. ގައްދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ބެލުމަށް އެލްޖީއޭއިން ވަނީ އަންގާފައެވެ. އަދި އޯގަސްޓު 2024 ގައި ސިންގަޕޫރުގެ ޝޮޕިންގ މޯލެއްގައި ރައީސް މުޢިއްޒުގެ ފޮޓޯއެއް ނެގި ފަރާތެއްގެ ފޯނު، އެ ފަރާތް ރާއްޖެ އައުމުން ކޯޓު އަމުރަކާ އެކު ފުލުހުން ވަނީ އަތުލާފައެވެ.