ޚަބަރު

ރިޓަޔާ ކުރާ މީހުންނަށް ދޭ އެލަވަންސް ކަނޑާލަން ސަރުކާރުން ނިންމައިފި

ދިޔަވަރު
ރިޓަޔާ ކުރާ މީހުންނަށް ދޭ އެލަވަންސް ކަނޑާލަން ސަރުކާރުން ނިންމައިފި

ސަރުކާރުގެ ވަޒީފާތަކުން ރިޓަޔާވާ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަ އެލަވަންސް ކަނޑާލަން ސަރުކާރުން ނިންމައިފި އެވެ.

ނޭޝަނަލް ޕޭ ކޮމިޝަންގެ ރައީސް އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރައްވައި އިދާރާތަކަށް ފޮނުވާފައިވާ ސިޓީގައިވާ ގޮތުން ސަރުކާރުގެ ރިފޯމު އެޖެންޑާގައި ހަރަދު ކުޑަ ކުރަން އަޅަން ނިންމާފައިވާ ފިޔަވަޅެއްގެ ގޮތުން، އަލަށް ވަޒީފާ އިން ރިޓަޔާ ކުރާ މުވައްޒަފުންނަށް އަންނަ ޖެނުއަރީން ފެށިގެން މަހުން މަހަށް ދޭ އެލަވަންސެއް ނުދޭނެ އެވެ. އެކަމަކު، ރިޓަޔާ ކުރާ އިރު އެއް ފަހަރާ ދޭން ކަނޑައަޅާފައި އޮންނަ ފައިސާގެ އަދަދު އޮންނަ އުސޫލުން ލިބޭނެ އެވެ.

އެ ސިޓީގައި ވަނީ، އަންނަ ޖެނުއަރީން ފެށިގެން އަމަލުކުރަން ފަށާ އެ އުސޫލުގެ ދަށުން، ރިޓަޔާ ކުރާ މީހުންނަށް ކޮންމެ މަހަކު ލިބޭ އެލަވަންސް ދެން ނުލިބޭނެ ކަމަށެވެ. ނަމަވެސް ރިޓަޔާ ކުރާ މުވައްޒަފުންނަށް ގަނޑުކޮށް ދޭ ފައިސާ ދެމުންދާނެ ކަމަށް އެ ސިޓީގައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އެ ފިޔަވަޅު އަޅަނީ ސަރުކާރުން ޚަރަދު ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

ރައްޔިތުންގެ އަތުން އިތުރު ޓެކްސްތައް ނަގަމުން މުއިއްޒު ސަރުކާރުން އަންނަނީ ރައްޔިތުންނަށް ލިބޭ އިނާޔަތްތަކާއި އާސަންދައިން ލިބޭ ހިދުމަތްތައް ވެސް ކަޑަމުން ނެވެ. މިފަހުން ވަނީ ރިޓަޔަމެންޓް އިނާޔަތް ދޭން ޖެހޭ މުވައްޒަފުން ގިނަވެ، 65 އަހަރުން މަތީގެ މީހުންނަށް ދޭ އިނާޔަތަށް ކުޑަ ކުރަން ވެސް މަޝްވަރާކޮށްފަ އެވެ.