ޚަބަރު

އެގްރޯ ނެޓުގެ މުސާރައަށް 1.5 މިލިއަނުން 3.5 މިލިއަނަށް މި ސަރުކާރުން އިތުރުކޮށް 80 މުއައްޒަފުންގެ ބަދަލުގައި 200 މުއައްޒަފުން ނަގައި ނުހިންގި ކުންފުނި އެންމެ ފަހުން އުވާލަން ނިންމައިފި

ދިޔަވަރު
އެގްރޯ ނެޓުގެ މުސާރައަށް 1.5 މިލިއަނުން 3.5 މިލިއަނަށް މި ސަރުކާރުން އިތުރުކޮށް 80 މުއައްޒަފުންގެ ބަދަލުގައި 200 މުއައްޒަފުން ނަގައި ނުހިންގި ކުންފުނި އެންމެ ފަހުން އުވާލަން ނިންމައިފި

މި ސަރުކާރާ ހަވާލުވިއިރު އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގައި ތިބީ 80 މުވައްޒަފުންނެވެ. އަހަރެއްގެ ތެރޭގައި މި އަދަދު 200 އަށް އަރައި، މުސާރައަށް ހޭދަވާ މިންވަރު މަހަކު 1.5 މިލިއަން ރުފިޔާއިން 3.5 މިލިއަން ރުފިޔާއަށް އިތުރުވިއެވެ. މިއީ ކުންފުނީގެ މާލީ ދަތިތައް ފެށުނު ހިސާބެވެ.

ކުންފުނީގެ ސީނިއަރ މުވައްޒަފުން ބުނާ ގޮތުގައި މެނޭޖިންގ ޑިރެކްޓަރު ވަނީ އެއްވެސް މިންގަނޑެއް ނެތި މުވައްޒަފުން ނަގާފައެވެ. އެގޮތުން ކުންފުނީގެ އޮނިގަނޑާ ހިލާފަށް މުސާރައިގެ ގޮތުގައި 26،000 ރުފިޔާ ދީގެން އެގްޒެކެޓިވް މަގާމުތަކަށް މީހުން ނަގައި، ޕްރޮމޯޝަން ދީފައިވެއެވެ. އަދި ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ލައްވާފައިވާއިރު، އެ ދެ ފަރާތަށް މަހަކު 35،000 ރުފިޔާ ދޭއިރުވެސް އޮފީހަށް ނުނިކުންނަ ކަމަށް މުވައްޒަފުން ބުނެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހަތް މަސްދުވަހުގެ ތެރޭގައި އެކަނި އެގްރޯނެޓަށް 40 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވެއެވެ. މިއީ މަހަކަށް 5.7 މިލިއަން ރުފިޔާއެވެ. އަދި އެކި ބޭރުގެ އެޖެންސީތަކުން ހިލޭ އެހީގެ ގޮތުގައި 40 މިލިއަން ރުފިޔާއަށް ވުރެ ގިނައިން ލިބުނު ނަމަވެސް، އެ ފައިސާ ވަނީ ދަނޑުވެރިކަން ކުރިއެރުވުމަށް އެކަށީގެންވާ ގޮތުގައި އިންވެސްޓް ނުކުރެވި ކަމަށް މުވައްޒަފުން ބުނެއެވެ.

ފުރަތަމަ 2،000 އަށް ވުރެ ގިނަ ދަނޑުވެރިން އެގްރޯނެޓާ އެކު މަސައްކަތް ކުރަން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 12 އަށް ތިރިވެފައެވެ. މުވައްޒަފުން ބުނާ ގޮތުން މިއީ ކުންފުނި ރޭވިފައިވާ ގޮތަށް ނުހިންގުމުގެ ސަބަބުން ކަމަށާއި، މިހާރު ކުންފުނި އޮތީ "ހުސް ތޮށިގަނޑެއް" ފަދައިންނެވެ.

ޔޫއެންޑީޕީގެ 11.7 މިލިއަން ރުފިޔާގެ އެހީގެ ދަށުން އެގްރި ބޯޓުތަކެއް ބަނުމުގެ މަސައްކަތް ހިންގިއެވެ. އެހެންނަމަވެސް، މުވައްޒަފުން ބުނާ ގޮތުގައި އެއީ ކުރިއަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ މަޝްރޫޢުއެއް ނޫނެވެ. މިހާރު ބަނދެފައިވާ ބޯޓުގެ އިންޖީނު ތެޔޮ ލީކުވެ، އޮޕަރޭޓް ނުކުރެވޭ ހާލަތުގައި އޮތް ކަމަށް މުވައްޒަފުން ބުނެއެވެ.

ދަނޑުވެރިންގެ އުފެއްދުންތައް ރައްކާކުރުމަށް 9 ރަށެއްގައި އެޅި އެގްރި ސެންޓަރުތައް މިހާރު ވަނީ ބޭނުން ނުކުރެވި ވީރާނާވާން ފަށާފައެވެ. 20 މިލިއަން ރުފިޔާ ހޭދަކޮށްގެން އެޅި މި ތަންތަން ހުރީ ދަނޑުވެރިކަން އެންމެ އެކަށީގެންވާ ރަށްރަށުގައި ނޫން ކަމަށާއި، އެއީ ސިޔާސީ ނުފޫޒުން ނިންމި ނިންމުންތަކެއް ކަމަށް މުވައްޒަފުން ބުނެއެވެ.

މި ހުރިހާ ކަމެއްގެ ސަބަބުން އެގްރޯނެޓަކީ މިހާރު ސަރުކާރުން އުވާލަން ނިންމާފައިވާ ކުންފުންޏެކެވެ. އަދި މުވައްޒަފުން ހާމަ ކުރައްވާ ގޮތުގައި ކުންފުނީގެ މައްސަލަތައް ވަނީ އޭސީސީއަށް ވެސް ހުށަހެޅިފައެވެ. ނަމަވެސް އޭސީސީ އަކީ ރައީސް މުއިއްޒުގެ ކޮންޓްރޯލްގެ ދަށުގައި ވާތަނެއް ކަމަށް ވާތީ މި މައްސަލަތައް ބެލޭނެ ތަނެއް ނުފެނެއެވެ.

އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި ކުންފުންޏަށް މުވައްޒަފުން ނަގަނީ ސަރުކާރުން އަންގާ ގޮތެއްގެ މަތިންނެވެ. އޭނާގެ ބަހުން، "އެމްޑީއެއް އަދި ބޯޑުން ބޭނުން ވީމަކާ ރީޒަނަކާ ނުލާ ހަމަ މުވައްޒަފުންތަކެއް ނުނެގޭނެ... އިންސްޓްރަކްޝަން ލިބެން ޖެހޭ ފަރާތުން، ރައީސް އޮފީހުން މިވެނި އަދަދަކަށް ނަގާށޭ ބުނީމާ ނަގާފައި ހުންނާނީ."

އަދި ވަކިން މުހިންމު ކަމެއްގެ ގޮތުގައި، ބޯޓް ބަން ކުންފުންޏަށް ޖޫރިމަނާ ފައިސާ އުނިނުކޮށް 9.9 މިލިއަން ރުފިޔާ ދޫކުރި މައްސަލަ ފާހަގަކޮށްލެވެއެވެ. އެއްބަސްވުމުގައިވާ މުއްދަތަށް ބޯޓް ނުނިންމި ނަމަވެސް، މެނޭޖިންގ ޑިރެކްޓަރުގެ އިސްނެގުމުގައި ޖޫރިމަނާ އުނިނުކޮށް މުޅި ފައިސާ އެއްފަހަރާ ދޫކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގެއެވެ. މުވައްޒަފުންގެ ބަހުން، މިއީ ކުންފުނީގެ އާންމު އުސޫލުތަކާ ހިލާފު ކަމެކެވެ.

ދިވެހިރާއްޖޭގައި އެގްރިކަލްޗަރ ސިނާއަތެއް ގޮތުގައި ކުރި އެރުވުމަށް ފެއްޓި މި ކުންފުނިވެސް އުވިގެން މިދިޔައީ ރައީސް މުއިއްޒުގެ އިސްރާފުގެ ސަބަބުން އެއިން ރައްޔިތުންނަށް ފޮނި މީރު ކަމެއް ނުފެނިއެވެ.