ޚަބަރު

އިހުސާން އާއި، އުޝާމް އާއި، ޝަފިޢު ވަކި ނުކޮށްފިނަމަ، ޕީއެންސީއިން ވަކިވާނެ ކަމުގެ އިންޒާރު މަޖިލީސް މެމްބަރުންތަކެއް ދީފި

ދިޔަވަރު
އިހުސާން އާއި، އުޝާމް އާއި، ޝަފިޢު ވަކި ނުކޮށްފިނަމަ، ޕީއެންސީއިން ވަކިވާނެ ކަމުގެ އިންޒާރު މަޖިލީސް މެމްބަރުންތަކެއް ދީފި

ރައީސް އޮފީހުގެ މިނިސްޓަރުން ކަމުގައިވާ އަލީ އާރިފް އާއި އަބްދުﷲ ނާސިރު ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި، ޕާޓީގެ މެންބަރުން ވަނީ ސަރުކާރުގެ އިސް މަޤާމުތަކަށް ބަދަލުގެނައުމަށް ގޮވާލައި، ހަރުކަށި އިންޒާރުތަކެއް ދީފައެވެ.

މި ބައްދަލުވުމުގައި މެންބަރުން އެންމެ ބޮޑަށް އަމާޒުކުރީ ތިން މިނިސްޓަރެއް ވަކިކުރުމަށާއި، ޕާޓީގެ ހިންގުމުގެ އެންމެހާ ބާރުތައް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ދިނުމަށެވެ. މީގެ ތެރޭގައި ހޯމް މިނިސްޓަރު އިހުސާން، އެޑިއުކޭޝަން މިނިސްޓަރު އަދި އެޓަރނީ ޖެނެރަލް ހިމެނެއެވެ.

"އަދަދު" އަށް މަޢުލޫމާތު ދެއްވި މެންބަރުން ފާހަގަކުރެއްވި ގޮތުގައި، އިރުއޮއްސުމަށްފަހު ނިމުނު މި ބައްދަލުވުމަކީ ވަރަށް ހޫނު މާހައުލެއްގައި ކުރިއަށްދިޔަ ބައްދަލުވުމެކެވެ. މެންބަރުން ވަނީ މި ޑިމާންޑުތަކަށް އިޖާބަ ނުދެވިއްޖެނަމަ ޕާޓީ ދޫކޮށްލާނެކަމުގެ އިންޒާރު ދީފައެވެ.

"ކުރިން 12 މެންބަރުން ވަކިވެގެން ދިޔައީ ވެސް ފިއްތައިގެން، ބިޑިއަޅުވައިގެން ގެންގުޅުނީމަ. އެހެންވީމާ މިނިވަންކަން މެންބަރުންނަށް ދިނުމަށް އަޅުގަނޑުމެން މި ގޮވާލަނީ. އެކަން ނުވެއްޖެނަމަ ޕާޓީ ދޫކޮށްލާނަން،" މަޖިލިސް މެންބަރެއް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް އޮފީހުގެ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވުމަކީ މިފަދަ ބައްދަލުވުމެއްގައި ފާހަގަކޮށްލެވޭ ކަމެކެވެ. ޚާއްޞަކޮށް އަލީ އާރިފަކީ ރައީސް މުޙައްމަދު މުޢިއްޒުގެ އާއިލީ ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށްވެފައި، އަބްދުﷲ ނާސިރަކީ މުޢިއްޒުގެ މޭޔަރުކަމުގެ ދައުރުގައި ވެސް ގާތް ބޭފުޅެކެވެ. މިކަން މިހެން އޮތުމާއެކު، ޕީއެންސީގެ މަޖިލިސް މެންބަރުންގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު ފޯރުވާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.