ހައްޖު ކޯޕަރެޝަނުން 200 ކޯޓާ އިސްލާމިކް މިނިސްޓްރީއަށް ދިނުމަށް ޝަހީމް އަންގައިފި ކަމަށް ދިޔަވަރަށް މައުލޫމާތު ލިބިއްޖެއެވެ. ކިޔުގައި ތިބި، ބައެއްގެ ހައްޖުގެ ހައްޤަށް އަރައިގަތުމަކީ ނުބައިގެން ބޮޑު ފާފައެކެވެ. އަދި ދީނީ ގޮތުން ބޮޑުވެގެންވާ ހިޔާނާތެކެވެ. މީގެ އިތުރުން އެކަން ހިމެނިގެންދާނީ ކޮރަޕްޝަނާއި، ބައެއްގެ ޙައްގެއް ފޭރިގަތުމުގެ ނުބައި އަމަލުގެ ތެރޭގައެވެ.
މިފަދަ ގޮތަކަށް ބައެއްގެ ޙައްޤަކަށް އަރައިގަނެގެން ހޯދާ ކޯޓާއިން ހައްޖަށް ދާ ނުބައި އަނިޔާވެރި ދިވެހިންވެސް އުޅެއެވެ. ބައެއްގެ ޙައްޤަށް އަރައިގަނެ، މިފަދައިން އަނިޔާވެރިވެގެން ހައްޖަށް ދާ މީހުންގެ ހައްޖު މާތްﷲ ޤަބޫލު ނުކުރައްވައި އެމީހުންނާއި އެމީހުންގެ މަދަދުކާރުންނަށް ފާފަ ލެއްވުމަށް އެދި ދުވާ ކުރައްވާށެވެ. އާމީން.
ޙައްޖުގެ އަޅުކަމުގައި އެތައް އަހަރެއް ވަންދެން ކިޔު ޖެހިގެން ތިބެ، އެތައް ފައިސާއެއް ދައްކައި، ހައްޖުގެ އަޅުކަމުގެ ފޮނި އިންތިޒާރުގައި، އަނިޔާވެރި ސަރުކާރުގެ މިފަދަ ނިންމުންތަކުގެ ސަބަބުން އެކަމަށް ހުރަސްއެޅި، އެފުރުޞަތު ނުލިބި، އެމީހުން ދުނިޔެ ދޫކޮށް މަރުވެ ދާން ޖެހިފަވެސް އެބަހުއްޓެވެ. މިއީ ދިވެހި އާންމު ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ބަޔާން ނުކުރެވޭ ވަރުގެ ހިތްދަތި ބޭއިންސާފު އަނިޔާއެކެވެ.
ސިޔާސީ ގޮތުން ބޮޑު މަގާމަކަށް އައުމަކީ ނުވަތަ ސިޔާސީ ބަޔަކާއި ބާރުވެރި ގުޅުންތަކެއް އުފެދުމަކީ، މާތްﷲ ފަރުޟުކޮށްފައިވާ ހައްޖުގެ އަޅުކަމުން އެހެން މީހަކު މަހުރޫމުކޮށް އަމިއްލައަށް ދެވެން އޮތް ގޮތެއް ނޫނެވެ. އެއީ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ. މިކަމުގައި ފާފަވެރި ކަން އިތުރުވުން ނޫން ކަމެއް އެމީހަކަށް ނުވެއެވެ. ނަމަވެސް ބައެއް ފަރާތްތަކަކީ ދުނިޔެއަށް ދެއްކުމަށް ހައްޖަށް ދާ ފަރާތްތަކަކަށް ވުމަކީ އެކަށީގެންވާކަމެކެވެ.
އެންމެ ފަހު، ހައްޖު ކޯޓާތައްވެސް އޭގެ ހައްޤުވެރިންނަށް ނުދީ، ސަރުކާރުން އެކި ފަރާތްތައް ފޮނުވައި ހައްޖުގެ އަޅުކަމުން އެތައް ބަޔަކު ވަނީ މަހުރޫމް ކޮށްފައެވެ.
ބައެއްގެ ހައްޤަށް އަރައިގަނެ މިގޮތަށް ހައްޖަށް ދާ މީހުންގެ މައުލޫމާތު އެއްވެސް ދިމާލަކުން އެއްވެސް ކިޔުންތެރިއަކަށް ލިބިއްޖެނަމަ ދިޔަވަރު ނޫހާއި ހިއްސާ ކޮށްދެއްވުމަށް އެދެމެވެ. އަދި މިފަދަ ނުބައި ފާފަވެރި އަމަލުތަކުން އަޅަމެން ސަލާމަތް ކުރައްވައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް މާތްﷲގެ ކޯފާގެ އަޒާބު ހަނދާން ކޮށްދިނުމުގައި ކޮންމެ ރައްޔިތަކުވެސް އެމީހެއްގެ ދައުރު އަދާ ކޮށްދެއްވާށެވެ.