ޚަބަރު

މުއިއްޒު ޓީވީއާއި އެންސްޕާގެ ބޮޑު ޚިޔާނާތް: ތަހުގީގަށް އޭސީސީން ފިނޭންސްއަށާއި އެންސްޕާއަށް ވަދެއްޖެ, ޚިޔާނާތުގައި މަތިޖެހުމަށް މުއިއްޒު ދަނީ އޭސީއަށް ނުފޫޒު ފޯރުވަމުން!

ދިޔަވަރު
މުއިއްޒު ޓީވީއާއި އެންސްޕާގެ ބޮޑު ޚިޔާނާތް: ތަހުގީގަށް އޭސީސީން ފިނޭންސްއަށާއި އެންސްޕާއަށް ވަދެއްޖެ, ޚިޔާނާތުގައި މަތިޖެހުމަށް މުއިއްޒު ދަނީ އޭސީއަށް ނުފޫޒު ފޯރުވަމުން!

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ހިންގަން އިމާރާތެއް ކުއްޔަށް ހިފީ އުސޫލުގެ ތެރެއިންތޯ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ ތަހުގީގުގެ ބޭނުމަށް އެ މުއައްސަސާގެ ޓީމުތަކުން އެންސްޕާ އަށާއި ފިނޭންސް މިނިސްޓްރީއަށް ވަދެއްޖެ އެވެ.

"ދިޔަވަރު އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭ އޭސީސީގެ ޓީމުތަކުން ވަނީ ފިނޭންސަށް އަދި އެންސްޕްއާ އަށް ވަދެ ތަހުގީގަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ގެންގޮސްފަ އެވެ. ނަމަވެސް ގެންދިޔަ ތަކެތީގެ ތަފުސީލެއް ނުލިބެ އެވެ.

މިކަމާ ގުޅިގެން، އޭސީސީގެ މީޑިއާ އޮފިޝަލް މީޑިއާތަކަށް މައުލޫމާތުދެމުން ވިދާޅުވީ ތަހުގީގު ކުރުމުގެ ތެރޭގަ ވަންނަން ޖެހޭ މުއައްސަސާތަކަށް އޭސީސީއިން އަބަދުވެސް ވަންނާނެ ކަމަށެވެ.

"މިވަރަށް އަޅުގަނޑަށް މައުލޫމާތު ދެވެން އިނީ މިވަގުތަށް. މައުލޫމާތު ހޯދަން ޖެހޭ މުއައްސަސާތަކަށް އަބަދުވެސް އޭސީސީ އިން ވަންނާނެ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެންސްޕާއިން އެ އިމާރާތް ކުއްޔަށް ހިފީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސްލަހަތު އޮތް އެމްއެމްޓީވީ ހިންގާ ކުންފުނި "މޯލްޑިވްސް މީޑިއާ ހައުސް" މެދުވެރިކޮށް ކަމަށް ބުނެ ތުހުމަތުތަކެއް ވަނީ އަމާޒުވެފަ އެވެ. މި މައްސަލަ ފެންމަތިވުމުން އެންސްޕާއިން ބުނަމުންދިޔައީ އޮފީސް އިމާރާތެއް ހޯދާފައި ވަނީ "އޮންނަ އުސޫލުގެ ތެރެއިން" ކަމަށެވެ.

ނަމަވެސް، އެކަމާ ގުޅިގެން އެތައް ބަޔަކު ފާޑުކިޔަމުން ދިޔުމުގެ ސަބަބުން މީޑިއާ ހައުސްއަށް ފޫނުބެދޭ ގެއްލުން ކުރިމަތިވަމުންދާ ކަމަށް ބުނެ އެއްބަސްވުން ބާތިލުކޮށްދޭން އެ ކުންފުނިން އެދިފައިވާ ކަމަށް އެންސްޕާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ހުރި މައުލޫމާތުން އެނގޭ ގޮތުގައި އެންސްޕާގެ އޮފީސް އިމާރާތް ބަދަލުކުރަން، 12،000 އަކަފޫޓުގެ ތަނެއް، ހޯދަން ކުރި އިއުލާނުކުރީ ޓެންޑަ ބޯޑު މެދުވެރިކޮށެވެ. އެ އިއުލާނާ ގުޅިގެން އިމާރާތް ކުއްޔަށް ދޭން ހުށަހެޅީ ވެސް ހަމައެކަނި މޯލްޑިވްސް މީޑިއާ ހައުސިންނެވެ.

ފަނަރަ ބުރިއަށް ހަދާފައިވާ މއ. ސީރާޒީގެއިން ހަތަރު ފަންގިފިލާއެއް އެމްއެމްޓީވީ އަށް ކުއްޔަށް ނަގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އޭގެތެރެއިން އެންސްޕާއަށް ކުއްޔަށް ދިނީ ދެ ފަންގިފިލާ ކަމަށް އިތުބާރުކުރެވޭ މަސްދަރުތަކުން މައުލޫމާތު ދީފައިވެ އެވެ. ސީރާޒީގޭގެ ޖުމުލަ ބޮޑުމިނަކީ 4365 އަކަފޫޓެވެ.

އެންސްޕާއިން ބޭނުންވާ 12،000 އަކަފޫޓުގެ ޖާގަ ލިބޭނީ ސީރާޒީގޭގެ ތިން ފަންގިފިލާއިންނެވެ. ދެ ފަންގިފިލާ ކުއްޔަށް ނަގާފައި ވާނަމަ އެއީ 8730 އަކަފޫޓެވެ.

އެންސްޕާގެ އޮފީސް ހިންގަން، ރައީސް މުއިއްޒުގެ މަސްލަހަތު އޮތް މޯލްޑިވްސް މީޑިއާ ހައުސިން އޮފީސް އިމާރާތެއް ކުއްޔަށް ދީފައި ވަނީ މަހަކަށް 580،000ރ. އަށެވެ. އެއީ ފަސް އަހަރަށް 34.8 މިލިއަން ރުފިޔާ އެވެ.

އެނގިފައިވާ ގޮތުގައި 35 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މި މުއަމާލާތަކީ ސައްހަ މުއާމަލާތެއްކަމަށް ދެއްކުމަށް މުއިއްޒު ގެންދަނީ އޭސީސީއަށް ނުފޫޒު ފޯރުވަމުންނެވެ. އަދި މިމައްސަލަ އޭސީސީން ނިންމުން, އެ މުވައްސަސާއަށް މުއިއްޒު އައްޔަންކުރާ މެމްބަރުން އައްޔަން ކުރެވެންދެން މައްސަލައިގެ ތަހުގީގު ލަސްކުރުމަށްވެސް މުއިއްޒުވަނީ އަންގާފައެވެ.