ދިޔަވަރު ނޫހުން ކުރިން ރިޕޯޓް ކޮށްފައިވާ ގޮތަށް ހިޔާ ފްލެޓް ޗައިނާ ކުންފުންޏަށް މުއިއްޒު ދީފައިވަނީ 18 މިލިއަން ޑޮލަރަށް ކަމަށް ފަޒުލް މަޖިލީހުގައި އެއްބަސް ވެއްޖެއެވެ.
އެޗްޑީސީއަށް އެކި ވިޔަފާރިތަކުން ދައްކަންޖެހި ނުދައްކާވާ ފައިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބާއްވި ބައްދަލުވުމެއްގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު މިކަން ހާމަކުރެއްވިއެވެ. މިކަން އޭނާ ހާމަކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
18 މިލިއަން ޑޮލަރުގެ މި މަސައްކަތަކީ ހިޔާގެ 16 ޓަވަރުގައި 32 ލިފްޓު ހަރުކުރުމުގެ މަސައްކަތްކަން ފަޒުލް ހާމަކުރެއްވިއެވެ.
ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޗައިނާގެ ޝެންޔެންގ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށް މަސައްކަތް ހަވާލުކޮށްފައިވަނީ، އިންތިހާއަށް އަގުބޮޑުކޮށެވެ. މިކަމުގައި ރައީސް މުއިއްޒަށް ކޮރަޕްޝަންގެ ތުހުމަތު ވަނީ ކުރެވިފައެވެ. އާންމުކޮށް ލިފްޓެއް ހަރުކުރުމަށް ދާ އަގަކީ 5 ލައްކަ ރުފިޔާ އާއި 1 މިލިއަނާއި ދޭތެރޭ އަގެކެވެ. ނަމަވެސް ރައީސް މުއިއްޒު ނިންމެވީ 32 ލިފްޓަށް 278 މިލިއަން ޚަރަދު ކޮށްލުމަށެވެ.