ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ނުދާތީ، އެމްޑީޕިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ތެރެއަށް ވަންނަން ޑިމޮކްރެޓްސްއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނަށް ފުރުސަތު ނުލިބޭނެ ކަން އަންގައިފި އެވެ.
އެނގިފައިވާ ގޮތުގައި ޑިމޮކްރެޓްސްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ހުށަހަޅާފައިވަނީ، މަޖިލީހުގައި ތިއްބަވާ އެ ޕާޓީގެ މެންބަރުން ވަކިވަކިންނެވެ. އެ މެންބަރުންނަށް މައްސަލަ ތެރެއަށް ތަދައްހުލް ނުވެވޭނެ ކަން ސުޕްރީމް ކޯޓުން ވަނީ އަންގައިފަ އެވެ.
ދެން ޑިމޮކްރެޓްސް ޕާޓީން ތަދައްހުލް ވުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ. ވަކިވަކި މެންބަރުން ހުށަހެޅުމުން ތަދައްހުލް ނުވެވުމުން، މިއަދު ހަވީރު ކައުންސިލް ބައްދަލުވުމެއް ބާއްވައިގެން އެ ކަމާ މެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ޕީޕީއެމް/ޕީއެންސީން މައްސަލައަށް ތަދައްހުލު ވުމަށް އެދި ހުށަހެޅުމުން، އެ ފުރުސަތު ދީފައިވާ ކަން ވެސް އެނގިފައިވެ އެވެ.
ޝަރީއަތުގައި މާދަމާ އެޓާނީ ޖެނެރަލްގެ އޮފީހުން ވަކާލާތު ކުރާނީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ. ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 9:45 އަށެވެ.