ރައީސް މުހައްމަދު މުއިއްޒުގެ (އެމް އެމް) ޓީވީ އާއި، ރައީސް މުއިއްޒު އާއި އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެ، އެންސްޕާގެ އެމްޑީ ހީނާ ދޮގު ހައްދައިފި އެވެ.
ސަރުކާރުގެ ޕްރޮޕެގަންޑާ ދެއްކުމަށް އުފައްދާފައިވާ އެމްއެމްޓީވީ އާ ރައީސް މުއިއްޒު އާ އެއްވެސް ގުޅުމެއް ނެތް ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ބުނެފައިވީ ނަމަވެސް، މި ޗެނަލާއި އޭގެ ވެރިފަރާތާ ރައީސް އާ ހުރި ގާތް ގުޅުންތައް މިހާރު ވަނީ ހާމަވެފައެވެ.
އެމްއެމްޓީވީ ހިންގާ މޯލްޑިވްސް މީޑިއާ ހައުސްގެ އެންމެ އިސް ވެރިޔާއަކީ ރައީސް މުއިއްޒުގެ އަމިއްލަ ގެ، މ. ދިމްޔާތު ބަލަހައްޓަވާ އަބްދުﷲ ޒާހިރެވެ. ކުންފުނި ރަޖިސްޓްރީ ކުރިއިރު އިތުރު ދެ ހިއްސާދާރުންގެ ގޮތުގައި ތިބީ ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލުގެ ދޮންދަރި، އަހުމަދު ސައިފް ހަލީމް އާއި އައިޝަތު ޝީރީނާއެވެ.
ޗެނަލް ފެށުމުގެ ކުރިން ސައިފް އާއި ޝީރީނާގެ ނަން ކުންފުނިން އުނިކޮށް، މުޅި ކުންފުނި ބަދަލުކޮށްފައިވަނީ ޒާހިރުގެ ނަމަށެވެ. މީޑިއާގެ ތަޖުރިބާއެއް ނެތް ޒާހިރަށް މި ޗެނަލް ހިންގުމުގައި ލަފާދެއްވަނީ ރައީސް އޮފީހުގެ މިނިސްޓަރު ހަލީލު އާއި ޑެޕިއުޓީ މިނިސްޓަރު އިކްރާމް އަބްދުއްލަތީފެވެ. ޗެނަލް ހުޅުވި ރޭވެސް ޒާހިރުގެ ދެ ފަރާތުގައި ތިބީ މި ދެ ބޭފުޅުންނެވެ.
މި މައްސަލައިގައި ހީނާ ވަލީދުގެ ބަހެއް ހޯދުމަށް ރާއްޖޭގެ ނޫހަކުން ކުރި މަސައްކަތް ކާމިޔާބުވެފައި ވަނީ އެންސްޕާއަށް އެމްއެމްޓީވީން އޮފީސް އިމާރާތެއް ބޮޑު އަގެއްގައި ކުއްޔަށް ހިފައިގެން ދައުލަތުގެ ފައިސާ ނަގަމުންދާ މައްސަލައާ ގުޅިގެންނެވެ. އެކަމާ ގުޅޭ ގޮތުން ފޮނުއްވި މެސެޖެއްގައި ހީނާ ވިދާޅުވެފައިވަނީ އެމްއެމްޓީވީ އާއި ރައީސް މުއިއްޒު އާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.