ޚަބަރު

ރައްޔިތުންގެ ސަބްސިޑީއިން ވައްކަންކޮށް، އެ ފައިސާ އެމްއެންޑީއެފް އަށް ޚަރަދު ކުރުމުގެ ބާރެއް ފަހުމީއަކަށް ލިބިގެން ނުވޭ! ބިލްތައް އަގުބޮޑުކޮށްގެން އެމްއެންޑީއެފް އަށް ޑްރޯން ގަތުމަކީ ރައްޔިތުންނަށް ހަރާންކޯރުވުން!

ދިޔަވަރު
ރައްޔިތުންގެ ސަބްސިޑީއިން ވައްކަންކޮށް، އެ ފައިސާ އެމްއެންޑީއެފް އަށް ޚަރަދު ކުރުމުގެ ބާރެއް ފަހުމީއަކަށް ލިބިގެން ނުވޭ! ބިލްތައް އަގުބޮޑުކޮށްގެން އެމްއެންޑީއެފް އަށް ޑްރޯން ގަތުމަކީ ރައްޔިތުންނަށް ހަރާންކޯރުވުން!

ސަރުކާރުގެ އެންމެ ބޮޑު ސަބްސިޑީ ލިބޭ ކުންފުންޏެއް ކަމުގައިވާ ސްޓެލްކޯއިން މިއަދު ވަނީ، ރައްޔިތުންގެ ފައިސާއިން ގަތް މިލިއަން ރުފިޔާގެ އަގުހުރި ވަސީލަތްތަކެއް އެމްއެންޑީއެފްއަށް ހަދިޔާކޮށްފައެވެ. މި ބޮޑު ހޭދައިގައި ހިމެނެނީ 200 މީޓަރު އުހަށް ދަތުރުކުރެވޭ ފެންޖަހާ ޑްރޯނަކާއި، 200 މީޓަރު ފުންމިނަށް ފީނާ ރޮބޮޓިކް އާރމް އެކުލެވޭ ޑީޕް ޓްރެކަރެކެވެ.

މިއީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ސާފު މިސާލެކެވެ. މިއީ ސީދާ ރައްޔިތުންގެ ޖީބަށް އަތްބާނާ، އެ ފައިސާއިން ސިޔާސީ މަޤްޞަދު ހާސިލުކުރަން އުޅޭ އުޅުމެކެވެ. ފަހުމީގެ މަގުބޫލުކަން އިތުރު ކުރުމަށް، ރައްޔިތުންގެ ފައިސާއަށް ވާ ބޮޑު ހިޔާނާތެކެވެ.

މިއަދު ރާއްޖޭގެ އާންމު ރައްޔިތުން ދަނީ:

ކަރަންޓު ބިލްތައް ބޮޑުވެ ދަރަންޏަށް ބިލް ދައްކަމުންނެވެ. ކަރަންޓު ބިލްތައް ހިސާބު ކުރުމުގައި ގޯސްތަކެއް ހުރި ކަމަށް ސްޓެލްކޯއިން އަމިއްލައަށް ޤަބޫލު ކޮށްފައިވާއިރު އެކަމަށް ހައްލެ ހޯދަން ސްޓެލްކޯއިން އެއްވެސް މަސައްކަތެއް ނުކޮށް، ރައްޔިތުންގެ ބިލްތަކުން ލިބޭ ފައިސާއިން ސްޓެލްކޯއާއި ގުޅުމެއް ނެތް ކަންކަމަށް އިސްރާފު ކުރުމަކީ ރައްޔިތުންނަށް އަނިޔާވެރި ވުމެވެ.

ސްޓެލްކޯއިން ސަބްސިޑީ ފައިސާ އިސްރާފު ކުރަމުން ދާއުރު، ބިލް ނުދެއްކިގެން ކަރަންޓު ކަނޑާލުމުގެ އިންޒާރު ލިބެމުންދާ ދިވެހިން ދަނީ ކޮންމެ މަހަކު އިތުރުވަމުންނެވެ. ދިރިއުޅުމުގެ އަސާސީ ޚަރަދުތައް ހަމަނުޖެއްސިގެން ވަރަށް ބޮޑު ދަތިކަމާ ކުރިމަތިލަމުންނެވެ.

މިއީ ހިޔާނާތެއް:

  1. ސަރުކާރުގެ ސަބްސިޑީގެ ފައިސާއިން މިފަދަ އަގުބޮޑު ވަސީލަތްތައް ގަނެ، އެމްއެންޑީއެފްއަށް ދިނުމުގެ ފަހަތުގައި އޮތީ ސިޔާސީ މަޤްޞަދެކެވެ. ފަހުމީގެ މަގުބޫލުކަން އިތުރު ކުރުމެވެ. އަދި މިފަދަ ނިންމުމެއް ނިންމުމުގައި ސްޓެލްކޯ ބޯޑުން ރައްޔިތުންނަށް މިކަން ކޮށްފައިވާ މަޤްޞަދު ސާފު ކޮށްދޭން ޖެހެއެވެ. އެމީހުންނަށް މިކަމުގެ ޒިންމާއިން ރެކިގަނެވެން ނެތެވެ.
  2. ރައްޔިތުންނަށް ދޭންޖެހޭ ލުޔެއްގެ ބަދަލުގައި، އެހެން މުއައްސަސާއަކަށް މިފަދަ އަގުބޮޑު ހަދިޔާއެއް ދިނުމަކީ ސީދާ ރައްޔިތުންނަށް ވައްކަން ކުރުން ނޫން އިތުރު ކޮން ކަމެއްތޯއެވެ.
  3. މި ހުރިހާ ކަމެއްގެ އިތުރަށް މިފަދަ ހަރަދެއް ކުރުމުގައި، ކޮރަޕްޝަން ހިމެނިފައި ވުމަކީވެސް ވަރަށް ގާތް ކަމެކެވެ. މި މުޢާމަލާތްތަކުގައި ޕްރޮކިއުމަންޓް އުސޫލުތައް ގަސްތުގައި ބައިޕާސްކޮށްފައިވޭތޯ ބަލަން ޖެހެއެވެ. މާލީ ހާލަތު މިހާ ބޮޑަށް ދަށް ދުވަސް ވަރެއްގައި މިފަދަ އިސްރާފެއް ސްޓެލްކޯ އިން ކުރުމުގައި ކޮރަޕްޝަނާއި، ނާޖާއިޒް މަންފާ ހޯދުމުގެ މަޤްޞަދު އޮތް ކަމުގައި ބެލެވެއެވެ.

ސާފުކޮށް ފެންނަން އޮތް ޙަޤީޤަތަކީ:

  • ރައްޔިތުންގެ އަތުން ކަރަންޓް ބިލަށް ނަގާ ފައިސާ ސިޔާސީ ބޭނުންތަކަށް ހޭދަކުރާ ކަމެވެ.
  • އަދި މިއީ ސަރުކާރުގެ ސަބްސިޑީ ދޭންޖެހޭ ނިކަމެތި މީހާ ދޫކޮށް، ސީދާ ސަބްސިޑީ ވަގަށް ނެގުންކަމެވެ.
  • ކަރަންޓު ބިލްތަކުގެ އަގު މަތިކޮށްގެން ރައްޔިތުންގެ އަތުން ނަގާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާކަމެވެ.
  • ސްޓެލްކޯގެ މެންޑޭޓާ ޚިލާފަށް ސިޔާސީ މަޤްޞަދުތައް ހާސިލުކުރުމަށް މަސައްކަތްކުރާކަމެވެ.
  • ކަރަންޓުގެ ޚަރަދަށް ބޭނުންވާ ވަރަށް ވުރެ ބޮޑަށް ރައްޔިތުން އަތުން ފައިސާ ނަގައި، އެ ފައިސާ ބާކީވެގެން ހަދާނެ ގޮތެއް ނެތިގެން ޑްރޯން ގަންނަ ހިސާބަށް ސްޓެލްކޯގެ އަމަލުތައް ގޮސްފައިވާކަމެވެ.

މިއީ ހަމައެކަނި ކޮރަޕްޝަންގެ މައްސަލައެއް ނޫނެވެ. މިއީ ސީދާ ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ސާފު މިސާލެކެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުން މި މައްސަލަ ވަގުތުން ތަޙްޤީޤުކޮށް، މީގެ ފަހަތުގައި ތިބި އެންމެހާ ފަރާތްތަކެއް ހާމަކޮށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހެއެވެ. މަޑުކޮށްލަވާށެވެ. އެންޓިކޮރަޕްޝަން ކޮމިޝަން އަކީ މުއިއްޒުގެ މިލްކިއްޔާތެކެވެ. އެހެން ކަމުން އެކަމެއް ވާކަށް ނެތެވެ.

ހަމައެއާއެކު، މި އަނިޔާވެރި ނާގާބިލު ސަރުކާރުގެ އިސްވެރިން ވިސްނަންޖެހޭ ޙަޤީޤަތަކީ، ރައްޔިތުންގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ކަރަންޓުގެ ޚިދުމަތުގެ އަގު ބޮޑުކޮށްގެން، އެ ފައިސާ ސިޔާސީ މަޤްޞަދުތަކަށް ބޭނުންކުރުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫންކަމެވެ.