މިދިޔަ މަހު ފުލުހުންނަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަންކަމުގެ މައްސަލަތައް ކަމަށް އެ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކުށްތައް އިތުރުވެފައި މިވަނީ، ސިނގިރެޓް އަގުބޮޑު ކޮށްފައިވަނިކޮށެވެ. އިޖްތިމާޢީ ދާއިރާގެ ގިނަ ބަޔަކު ކުރިންވެސް ބުނަމުން ދިޔައީ، ސިނގިރެޓް އަގު ބޮޑު ކުރުމާއި އެކު ކުށްތައް އިތުރުވެ، އާންމުންގެ ސަލާމަތަށް ނުރައްކާތެރިކަން އިތުރުވެގެން ދާނެކަމަށެވެ. އެއީ ސިނގިރެޓަށް ދެވިހިފައި ކުށުގެ ވެށީގައި އުޅޭ ފަރާތްތަކުން ސިނގިރެޓް ގަތުމަށް ފައިސާ ހޯދުމަށް ކުށްތަކަށް އިތުރަށް އަރައިގަންނާނެތީއެވެ.
ފުލުހުން އާއްމު ކުރި ތަފާސް-ހިސާބުތައް ދައްކާގޮތުން މިދިޔަ ނޮވެމްބަރު މަހު އެ އިދާރާއަށް 989 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. މީގެތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލައެވެ. މިިދިޔަ މަހު އެކަނިވެސް ވައްކަމުގެ 310 މައްސަލައެއް ފުލުހުންނަށް ވަނީ ހުށައަޅާފައެވެ. މީ އޭގެ ކުރީ ދެމަހާއި އަޅާކިޔާއިރު އިތުރުވުމެކެވެ.
މީގެއިތުރުން މީގެ ކުރީ ދެމަހާއި އަޅާ ބަލާއިރު މިދިޔަ މަހު މީހުންނަށް އަނިޔާކުރުމުގެ މައްސަލަތައްވެސް ވަނީ އިތުރުވެފައެވެ. މިގޮތުން މިދިޔަ މަހު މީހުންނަށް އަނިޔާކުރުމުގެ 63 މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.
މިދިޔަ ނޮވްމެބަރު މަހު ދެވަނައަށް އެންމެ ގިނައިން ފުލުހުންނަށް ހުށައަޅާފައިވަނީ އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. މިގޮތުން ނޮވެމްބަރު 236 އެކްސިޑެންޓެއް ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. މާލޭގައި ދެ އެކްސިޑެންޓްގައި 48 ގަޑިއިރުގެ ތެރޭގައި ދެ ޒުވާނަކު މަރުވުމުން ފުލުހުން އަންނަނީ 24 ގަޑިއިރު މާލޭގެ މަގުތައް ފޯރިވެސް މަރަމުންނެވެ.
ފުލުހުންނަށް މިދިޔަ މަހު ހުށައެޅި މައްސަލަތަކުގެ ނަމްބަރުތައް
- ވައްކަމުގެ 310 މައްސަލަ
- އެކްސިޑެންޓްގެ 236 މައްސަލަ
- މަސްތުވާތަކެތީގެ 130 މައްސަލަ
- އެއްޗެހި ގެއްލުމުގެ 67 މައްސަލަ
- މާރާމާރީގެ 63 މައްސަލަ
- މަކަރާއި ހީލަތް ހެދުން 51 މައްސަލަ
- މުދަލަށް ގެއްލުން ދިނުމުގެ 46 މައްސަލަ
- ފޭރުމުގެ 32 މައްސަލަ
- ޖިންސީ ގޯނާގެ 24 މައްސަލަ
- ގެވެށިއަނިޔާ 18 މައްސަލަ
- ފޯޖް ކުރުމުގެ 11 މައްސަލަ
ފުލުހުން ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގެ 51 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. އަދި ފޭރުމުގެ 32 މައްސަލައެއްވެސް މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފައެވެ.