ޚަބަރު

ޔާމީން ރައީސް އޮފީހުގެ ޚަލީލަށް އިންޒާރު: "15 އަހަރު ޖަލުގައި އޮންނަންޖެހޭނެ"

ދިޔަވަރު
ޔާމީން ރައީސް އޮފީހުގެ ޚަލީލަށް އިންޒާރު: "15 އަހަރު ޖަލުގައި އޮންނަންޖެހޭނެ"

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހީމް ޚަލީލުގެ މައްޗަށް މި ސަރުކާރުގެ ދައުރު ނިމުމުން މަނީ ލޯންޑަރިންގގެ ދަޢުވާ އުފުލާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިންޒާރުދެއްވައިފިއެވެ.

ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، "މަޤާމުގައި ހުރެގެން ފައިސާކޮޅެއް ލިބިދާނެ. އެކަމަކު އެ ފައިސާކޮޅަށްވުރެ 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ" ކަމަށެވެ.

މި ބަސްފުޅުތައް އައީ "އެމްއެމް ޓީވީ" ގެ ނަމުގައި އަލަށް އުފެދިފައިވާ ޗެނަލްގެ އިމާރާތުގައި އެންސްޕާ ހިންގުމަށް 34.8 މިލިއަން ރުފިޔާއަށް ކުއްޔަށް ހިފި މައްސަލައާ ގުޅިގެންނެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމްއެމް ޓީވީއަކީ ރައީސް މުޙައްމަދު މުޢިއްޒާ ގުޅުންހުރި ތަނެއް ނޫން ކަމަށް ބުނި ނަމަވެސް، "އެމްއެމް އަކީ ހަމަ ގައިމުވެސް މިލިލީޓަރެއް ނޫން. މުޙައްމަދު މުޢިއްޒޭ ބުނިއްޔާ މާ ފަސޭހަވާނެ" އެވެ.

ރައީސް ޔާމީން އިތުރަށް ފާހަގަކުރެއްވީ ޚަލީލަކީ މިފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރެވޭފަދަ މާލީ ތަނަވަސްކަމެއް ހުރި ބޭފުޅެއް ނޫން ކަމަށެވެ. "ކަމެއް ކުރިއަސް ވަށާޖެހޭ ގޮތަށް ކަމެއް ކޮށްލަން ނޭނގެނީ ނޫންތޯ. ޚަލީލު ނަމުގައި އެތަން އެހުރީ" އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިކަން ތަޙުޤީޤުކުރަން ޝައުޤުވެރިކަމެއް ނުދައްކާ ކަމަށް ފާހަގަކުރައްވަމުން، ރައީސް ޔާމީން ވިދާޅުވީ ޤާނޫނު އަސާސީއަށް އިސްލާޙު ގެނެސްގެން މަޖިލިސް މެންބަރުން ކޮންޓްރޯލް ކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ދެކެވަޑައިގަންނަވަނީ ރަނގަޅަށް ނޫން ކަމަށެވެ.

"މިހާލަތު ފުރޮޅިގެން ދާކަށް ވަގުތެއް ނުނަގާނެ. އަޅުގަނޑުމެން އަދިވެސް އެދެނީ މުޢިއްޒު އަމިއްލައަށް އެންމެންނަށް ދެއްވާ ނަސޭހަތް އަމިއްލައަށް ޤަބޫލުކުރައްވަން. ހެޔޮ ބަސް އަހާ ހެޔޮ ބަސް ޤަބޫލުކުރާ މީހަކަށް ވާށޭ" އެމަނިކުފާނު ވިދާޅުވިއެވެ.