ޚަބަރު

ބައިނަލްއަގްވާމީ ކޯޓުގައި ރާއްޖެއަށް ފައިސާގެ އެހީ ދިނުމަށް އެދި މުއިއްޒުގެ ފަރާތުން އައިސީޖޭގައި އުޝާމު އަދޭސް ކޮށްފި

ދިޔަވަރު
ބައިނަލްއަގްވާމީ ކޯޓުގައި ރާއްޖެއަށް ފައިސާގެ އެހީ ދިނުމަށް އެދި މުއިއްޒުގެ ފަރާތުން އައިސީޖޭގައި އުޝާމު އަދޭސް ކޮށްފި

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ބޭއްވި އަޑުއެހުމުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ ގާނޫނީ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުމުގެ ބަދަލުގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވަނީ ރާއްޖެއަށް މާލީ އެހީތެރިކަން ހޯދުމަށް އަދޭސްކޮށްފައެވެ.

އައިސީޖޭއަކީ ގާނޫނީ ލަފާ ދިނުމުގެ މަޤްސަދުގައި އުފައްދާފައިވާ ކޯޓެއް ކަމަށްވާއިރު، މިފަދަ އަޑުއެހުމެއްގައި ބައިނަލްއަޤްވާމީ ތިމާވެށީގެ ގާނޫނުތަކުގެ ދަށުން އުފެދޭ ޒިންމާތަކާއި، އެއް ގައުމުން އަނެއް ގައުމަށް ކުރާ ގެއްލުންތަކާ ގުޅޭ މަސްއޫލިއްޔަތުތަކާއި، އަދި އިންސާނީ ހައްގުތަކުގެ ނަޒަރިއްޔާތުން މައްސަލަ ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެކެވެ.

ބަންޑާރަނައިބު އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތަކާއި ރަށްތައް ހުސްކުރަން ޖެހިދާނެކަމުގެ ބިރު އުޝާމް ފާހަގަކުރެއްވިއެވެ. ނަމަވެސް މިއަކީ ފައިސާ އަށް އެދި އާދޭސް ކުރަން ޖެހޭ، ތަނެއް ނޫނެވެ. މާލީ އެހީތެރިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަންޖެހޭނީ ޔޫއެންއެފްސީސީސީގެ ބައްދަލުވުންތަކާއި، ގްރީން ކްލައިމެޓް ފަންޑު ފަދަ އެކަމަށް ޚާއްސަކުރެވިފައިވާ މަންސަތަކުގައެވެ.

ގާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި އައިސީޖޭގެ އަޑުއެހުމުގައި ސަމާލުކަން ދޭންވާނީ:

  • ބައިނަލްއަޤްވާމީ ތިމާވެށީގެ ގާނޫނުތަކުގެ ދަށުން އުފެދޭ ގާނޫނީ ޒިންމާތަކަށް
  • އެކި ގައުމުތަކުގެ މެދުގައި އޮންނަ "ކޮމަން ބަޓް ޑިފަރެންޝިއޭޓަޑް ރެސްޕޮންސިބިލިޓީސް" އުސޫލުތަކަށް
  • މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އިންސާނީ ހައްގުތަކަށް ކުރާ އަސަރުތަކަށް
  • ގެއްލުމާއި ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގާނޫނީ އޮނިގަނޑަށް

މި ގާނޫނީ މަބްދައުތައް ރަނގަޅަށް ސާބިތުކުރުމަށްފަހު، އޭގެ މައްޗަށް ބިނާކޮށް މާލީ އެހީތެރިކަން ހޯދުމަށް ކަމާގުޅޭ މަންސަތަކުގައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ނަމަވެސް އައިސީޖޭގައި މާލީ އެހީތެރިކަމާ ގުޅޭ ވާހަކަ ދެއްކުމަކީ ރާއްޖޭގެ ގާނޫނީ މައުގަފަށް ބަލިކަށިކޮށްލާފާނެ ކަމެއް ކަމަށް ގާނޫނީ މާހިރުން ފާހަގަކުރެއެވެ. އަދި މިއިން ދައްކައި ދެނީ، އުޝާމުގެ ނާގާބިލު ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ރައީސް މުއިއްޒުގެ އެންމެ ގާތް އެޑްވައިޒަރެއް ގޮތުގައު ހުރެ، ރައްޔިތުންގެ ނަފްރަތު މުއިއްޒަށް އަމާޒުވާހެން ކަންކަން އަތުރަމުން ދަނީ އުޝާމުއެވެ.

މިއަދުގެ އަޑުއެހުމުގައި އުޝާމް ދެއްކެވި ވާހަކަފުޅުތަކުގައި މާލީ އެހީތެރިކަމަށް އެދިވަޑައިގަތުމުގެ ބަދަލުގައި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކާއި އޭގެ ގާނޫނީ މަސްއޫލިއްޔަތުތަކަށް އިސްކަންދެއްވުން މުހިންމު ކަމަށް ބައިނަލްއަޤްވާމީ ގާނޫނީ މާހިރުންވެސް ދެކެއެވެ.