ކޮންސްޓްރަކްޝަން ކުންފުނިތަކަށް ދޭން ހުރި ފައިސާ ފިނޭންސް މިނިސްޓްރީއާއި، ފެނަކައިން ނުދޭތީ، މަސައްކަތްތެރިންނަށް މުސަރަ ނުދެވިގެން މުއިއްޒާއި ދެކޮޅަށް މަސައްކަތްތެރިން މުޒާހަރާއަށް ނުކުމެއްޖެއެވެ. މީގެ ތެރޭގައި ގިނައީ އަވަށްޓެރި ޤައުމުތަކުން ރާއްޖޭގައި މަސައްކަތް ކުރާ މުއައްޒަފުންނެވެ.
މުއިއްޒުގެ އަނިޔާވެރި ވެރިކަން ހައްދުފަހަނައަޅައި ގޮސް، ކުންފުންޏަކަށް ފައިސާ ފޮއްޗެއް ދޫކުރަނީ އެ ދޫކުރާ ފައިސާއަށް %20 ނަގައިގެންނެވެ. މިކަން ފިނޭންސް މިނިސްޓްރީއިންނާއި، ފެނަކައިން ދަނީ ކުރަމުންނެވެ. އަދި މިފައިސާއިން ބޮޑު އިންސައްތައެއް ސީދާ މުއިއްޒުގެ ޖީބަށް ވަންނަ އިރު، ފާއިތުވި 1 އަހަރު ތެރޭ ފެނަކައިން އެކަނި ރައީސް މުއިއްޒު ވަނީ 100 މިލިއަން ރުފިޔާ ނާޖާޒުކޮށް، ރައްޔިތުންގެ އަތުން އެކި ގޮތްގޮތަށް އަތުލައި، މުޅި ޤައުމު ނިކަމެތިކަމެއްގެ ތެރެއަށް ވައްޓާލާފައެވެ.
7000 ސިޔާސީ މުއައްޒަފުން ވެރިކަން ހިފެހެއްޓުމަށް ނަގައި، ޕްރޮޖެކްޓްތަކަށް މަސައްކަތް ކުރި ފަރާތްތަކަށް ފައިސާ ނުދީ މުއިއްޒު ވަނީ ހިފަހައްޓާފައެވެ. ބައެއް ކުންފުނިތަކަށް މުއިއްޒު ވެރިކަމަށް އައި ފަހުން އެއްވެސް ފައިސާއެއް ލިބިފައި ނުވާ އިރު، ބައެއް ކުންފުނިތަކަށް ފައިސާ ލިބިފައިވަނީ މީގެ 7 މަސް ކުރިންނެވެ.
މިކަމުގެ ސަބަބުން މުއައްޒަފުންނަށް މުސާރަ ދޭނެ ފައިސާއެއް ނެތި އެތައް ކޮންސްޓްރަކްޝަން ކުންފުންޏެއް ދަނީ ބަނގުރޫވަމުންނެވެ. މިކަމުގެ ޒިންމާ ސީދާ ރައީސް މުއިއްޒު ނަންގަވައި ރާއްޖޭގެ ވިޔަފާރިތައް ފުނޑު ފުނޑުކޮށްލުމަށް ފަހު، އެއީ ރައްޔިތުން ފަޅި ނޫން ކަމަށް މުއިއްޒު އާއި އޭނާ މުސާރަދޭ ސިޔާސީ ފަރާތްތައް ދަނީ ގޮވަމުންނެވެ. ބަޔަކަށް އަނިޔާވެރިވެ، އެއީ ދިވެހި ރައްޔިތުން ނޫން ކަމަށް ބްރޭންޑްކޮށް، އިތުރަށް އަނިޔާވެރިކަން އިސްކުރުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތުން އެތައް އާއިލާއެއް އިތުރަށް ބިކަވެ، ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތައް ފިޔަވައި އެންމެންނަށް އިންތިހާއަށް ފަގީރު ކަމާއި ދަރަންޏާއި، ވަނީ ކުރިމަތިލާން ޖެހިފައެވެ.
މުއިއްޒުގެ ސަރުކާރުގެ މި އަނިޔާވެރި ކަމާއި ދެކޮޅަށް އަޑު އުފުލައި ގާނޫނީ އިމުގެ ތެރެއިން ލިބިދޭ ހުރިހާ ހައްޤެއް ހޯދައި ލިބިގަތުމަކީ މިއަދު ރައްޔިތުންގެ މައްޗަށް އޮތް ހަމަ އެކަނި ޗޮއިސްއެވެ.