ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ "ގެއްލުނު ކަނޑު" ހޯދައި ދިނުމުގެ ވައުދާއި އެކު އެވެ. އޭރުވެސް ވަރަށް ތަފްސީލުކޮށް، ރާއްޖެއަށް ކަނޑުން އެއްވެސް ބައެއް ނުގެއްލޭކަން ސަބަބުވެރި ކަމާއި އެކު ވިސްނަމުން ދިޔަ ދިވެހި ހުރިހާ ރައްޔިތުންނަށް އެނގެއެވެ. ގެއްލުމުގެ ޚިލާފަށް ރާއްޖެއިން ދައުވާ ކޮށްގެން މޮރިޝަސް ބޭނުންވި ކަނޑުގެ ބައެއް ބައިނަލްއަޤްވާމީ ކޯޓުގައި ދައުވާ ކޮށް ދިވެހި ރާއްޖެ ހޯދިއެވެ.
މިހާ ސާފުކޮށް ފެންނަން އޮތް ކަމެއްގައި، އިންޑިޔާއާއި ދެކޮޅުވެ ހެދި ދޮގުތަކާއި އެއްގޮތަށް، ޗާގޯސް އާއި މެދު މުއިއްޒު އާއި އޭނާގެ ޓީމުން ދޮގު ހެދިއެވެ. ވެރިކަމަށް އައުމަށް ފެން ބޮވާގެންފައިވާލެއް ބޮޑު ކަމުންނެވެ. އެ ދޮގުތައް ދެން ހަދަން ފެށީ، ވެރިކަން ލިބުމުން، ތިމަންނާއަކީ ޤައުމިއްޔަތުގެ މީހެއް ކަން ދެއްކުމަށެވެ.
ރާއްޖޭގެ ބަޖެޓުން އެތައް މިލިއަނެއް ވަނީ މިކަމާއި ގުޅިގެން މުއިއްޒު ޚަރަދު ކޮށްފައެވެ. އެއީ ރާއްޖޭގައި ރައްޔިތުންގެ ހައްޤުގައި، ރައްޔިތުންގެ މުއްސަނދިކަން އިތުރު ކުރުވުމަށް ކުރެވެން ހުރި ކަންކަން ބެހެއްޓުމަށްފަހު، ދައުލަތުގެ ބަޖެޓުން "ދޮގެއް" ތެދެއް ކަމަށް ދެއްކުމަށް ގަސްތުގައި އެނގި ހުރެ އިސްރާފުކޮށްފައިވާ ފައިސާއެވެ. މިއީ ގައުމަށް ޣައްދާރުވުމެވެ. މިއީ ރައްޔިތުންނަށް ޣައްދާރުވުމެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޓީ ފޮނުވި ކަމަށް ބުނެ އޭނާ ވަނީ ދޮގު ހަދާފައެވެ. ނަތީޖާއަކަށްވީ، މައުލޫމާތު ހޯދައިލިބިގަތުމުގެ ގާނޫނުގެ ދަށުން އެ ބުނާ ސިޓީއެއް ހޯދަން އެދުމުން، އެ ސިޓީ ހާމަނުކުރަން ސަރުކާރުން ނިންމުމެވެ. ސަރުކާރުގައި ނެތް އެއްޗެއް ހާމަ ކުރާނީ ކިހިނަކުންތޯއެވެ؟
މިއީ ސަރުކާރުން 228 ސިޔާސީ މީހުން ވަކި ކުރި ކަމަށް ބުނެ ހެދި ދޮގު ފަދަ ދޮގެކެވެ. އެއްވެސް މިނިސްޓްރީއަކުން މީހަކު ވަކި ނުކުރާކަން އެ މިނިސްޓްރީގައި ތިބި މުއައްޒަފުންނަށް ސާފުކޮށް އެނގެއެވެ. ނަމަވެސް ދޮގު ހަދައި ކަނޑާލި ކަމަށް ބުނުމުން، ރައްޔިތުން އެ މީހުންގެ ލިސްޓަށް އެދުމުން ނިންމީ ދެވެން ނެތް ކަމަށެވެ. ސަރުކާރުން ކޮންމެ ކަމެއްގައިވެސް އިސްކުރަނީ ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލުމަށެވެ.