ޚަބަރު

‏ވިނަރެސް ޓަވަރތަކުގެ ކާރު ޕާކިންގ، އެހެން ފަރާތްތަކަށް އެޗް.ޑީ.ސީއިން ދަނީ ވިއްކަމުން، ބޭނުމަކީ ކޮރަޕްޝަނުން ފައިސާ ހޯދައި ޙައްޤުވެރިން ބާކީ ކޮށްލުން

ދިޔަވަރު
‏ވިނަރެސް ޓަވަރތަކުގެ ކާރު ޕާކިންގ، އެހެން ފަރާތްތަކަށް އެޗް.ޑީ.ސީއިން ދަނީ ވިއްކަމުން، ބޭނުމަކީ ކޮރަޕްޝަނުން ފައިސާ ހޯދައި ޙައްޤުވެރިން ބާކީ ކޮށްލުން

‏އެޗް.ޑީ.ސީން 25 ނޮވެމްބަރު 2024 ގައި ވިނަރެސް ޓަވަރުތަކުގެ 154 ޕާކިންގ ޖާގަ ވިއްކުމަށް އިޢުލާނުކުރުމާ ގުޅިގެން، އެތަނުގެ ފްލެޓް ވެރިންގެ ފަރާތުން ވަނީ ދިޔަވަރު ނޫހާއި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައެވެ. މި އިޢުލާނުގައި ވާގޮތުން، ޓަވަރުތަކުގެ އެތެރޭގެ 76 ޖާގަ އަދި ބޭރު ސަރަޙައްދުގެ 78 ޖާގަ ވިއްކުމަށް ވަނީ ހަމަޖައްސާފައެވެ. އެތެރޭގެ ޖާގަތަކުގެ އަގު 650,000 ރުފިޔާއިން އަދި ބޭރުގެ ޖާގަތަކުގެ އަގު 2,000 ރުފިޔާއިން ފެށިގެން ކަނޑައަޅާފައިވުމާއެކު، މިއީ ހުޅުމާލޭގެ ޕްރީމިއަމް ސަރަޙައްދުތަކުގެ ބިމުގެ އަގަށްވުރެވެސް، އަދި އަމިއްލަ ރިއަލް އެސްޓޭޓް އިމާރާތްތަކުގެ ޕާކިންގ ޖާގަތަކުގެ އަގަށްވުރެވެސް މަތީ އަގުތަކެއް ކަމަށް ބުނެ އެފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރުމެވެ.

މި މައްސަލައާ ގުޅިގެން 400 އަށްވުރެ ގިނަ ރައްޔިތުން ސޮއިކޮށް، އެޗް.ޑީ.ސީއަށް ޕެޓިޝަނެއް ހުށަހަޅާފައިވެއެވެ. މި ޕެޓިޝަނުގައި، އަގުބޮޑުކޮށް ކާރު ޕާކުކުރުމަށް ޖާގަތައް ވިއްކުމަށް ކޮށްފައިވާ އިޢުލާން ބާޠިލުކޮށްދިނުމަށް އެދިފައިވެއެވެ. ޕެޓިޝަނުގައި ބުނާގޮތުން، މިހާ މަތީ އަގުތަކެއްގައި ޖާގަ ވިއްކުމުން، ވިނަރެސް އެޕާޓްމަންޓް ގަނެފައިވާ މަދު ބަޔަކަށް މެނުވީ އެތަނުން ޕާކިންގ ޖާގަ ގަތުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

އެޗް.ޑީ.ސީގެ މި ޢަމަލަކީ ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް ކުރާ ކަމެއްކަމަށް ތުހުމަތުކޮށް، ވިނަރެސް އެޕާޓްމަންޓް ވެރިފަރާތްތަކާ މަޝްވަރާކޮށް، ސްޓްރާޓާ ޓައިޓަލްގެ އުސޫލުން ހަމަހަމަ ފުރުސަތު ލިބޭނެ ގޮތަކަށް މި މައްސަލަ ޙައްލުކުރުމަށް ރެސިޑެންޓުން ވަނީ ގޮވާލާފައެވެ. އަދި މިކަން މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ ގޮތުން، ކުރިއަށް ގެންގޮސްފިނަމަ، ހުޅުމާލެ ފޭސް 2 ގެ އާބާދީ އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި، އިތުރު ޕާކިންގ މައްސަލަތަކެއް ކުރިމަތިވެގެންދާނެކަމަށް ވެސް ރެސިޑެންޓުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އެޗް.ޑީ.ސީން އަދި ވަކި ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، މައްސަލައިގެ ބާވަތުން މިއީ ހަމައެކަނި ވިނަރެސް ޓަވަރުތަކުގެ ރެސިޑެންޓުންނަށް އަސަރުކުރާނެ ކަމެއް ނޫނެވެ. މިއީ މުޅި ހުޅުމާލޭގެ ޕާކިންގ ވިއްކުމުގެ ސިޔާސަތަށް އަސަރުކުރާނެ ނިންމުމެކެވެ. އެހެންކަމުން، މި މައްސަލަ އިތުރަށް ބަލައި، ހުރިހާ ފަރާތްތަކަށްވެސް އިންސާފުވެރި ޙައްލެއް ހޯދުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެއެވެ.

ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް، ޕާކިންގ އަކީ ގަންނަ އެޕާޓުމެންޓްގެ ވެރިފަރާތަށް ހިލޭ އޮންނަ ޖާގައެކެވެ. ހުރިހާ އެއްޗަކުން ރައްޔިތުން އަތުން ފައިސާ ނަގައި ރައްޔިތުން ނިކަމެތި ކުރުމުގެ ފިކުރު ނޫން ކަމެއް ރައީސް މުއިއްޒުގެ ސަރުކާރުގައި ނެތެވެ.