ޚަބަރު

މާދަމާ ރޭގެ ޖަލްސާއަށް މަސްވެރިން ހާޒިރުވިޔަ ނުދިނުމަށްޓަކައި، 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރާނެ ކަމުގެ ދޮގު ވައުދު 3 ވަނަ ފަހަރަށް މުއިއްޒު ވެއްޖެ! މަސްވެރިން މި މަކަރުގައި އަނެއްކާވެސް ޖެހޭނެބާ؟

ދިޔަވަރު
މާދަމާ ރޭގެ ޖަލްސާއަށް މަސްވެރިން ހާޒިރުވިޔަ ނުދިނުމަށްޓަކައި، 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރާނެ ކަމުގެ ދޮގު ވައުދު 3 ވަނަ ފަހަރަށް މުއިއްޒު ވެއްޖެ! މަސްވެރިން މި މަކަރުގައި އަނެއްކާވެސް ޖެހޭނެބާ؟

މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގައި، ރައީސް މުއިއްޒު މިއަދު ކ. ގާފަރަށް ކުރެއްވި ދަތުރުފުޅުގައި އަނެއްކާވެސް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރާނެ ކަމަށް ވިދާޅުވެއްޖެއެވެ.

މި ވައުދަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު ފުރަތަމަ ފަހަރަށް ދެއްވި ވައުދެކެވެ. އަދި މީގެ ފަހުން މިއަހަރުގެ މާރިޗު 3 ވަނަ ދުވަހު ރ. ދުވާފަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ދަތުރުފުޅެއްގައި މި ވައުދު ދެވަނަ ފަހަރަށް ތަކުރާރު ކުރެއްވިއެވެ. އަދި މިއަދު ކ. ގާފަރުގައި މި ވައުދު ތިންވަނަ ފަހަރަށް ތަކުރާރުކުރައްވާފައިވެއެވެ.

މާދަމާ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއާ ދިމާކޮށް މި ވައުދު އަނެއްކާވެސް ތަކުރާރުކުރެއްވުމަކީ، މަސްވެރިން އެ ޖަލްސާއަށް ނުދިއުމަށް ކުރައްވާ މަސައްކަތެއް ކަމަށް ސިޔާސީ ދާއިރާގެ ފަރާތްތަކުން ދެކެމުންދެއެވެ.

މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ދިމާވާ ލަސްތަކަކީ ގިނަ މަސްވެރިން ކަންބޮޑުވާ ކަމެކެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ވެސް ފާހަގަކުރެވެއެވެ.

މިފްކޯއިން މިހާރު މަސް ގަންނަމުން އަންނަނީ މާކެޓް އަގަށް ބަލައިގެން ކަމަށް ވީނަމަވެސް، ފައިސާ ދޫކުރުމުގައި ދިގު މުއްދަތެއް ނަގަމުންދާކަން މަސްވެރިން ފާހަގަކުރެއެވެ. އަދި މިކަމަށް އަވަސް ހައްލެއް ބޭނުންވެފައިވާކަން ވެސް މަސްވެރިން ތަކުރާރުކޮށް ފާހަގަކުރަމުންދެއެވެ.