ޚަބަރު

‏ދެން މަސްވެރިންނަށް ފައިސާ ލިބޭނީ އޮޑިވެރިޔާގެ ބޭންކު ލޯނަށް ކަނޑާފަ ބާކީވާ އެއްޗެއް

ދިޔަވަރު
‏ދެން މަސްވެރިންނަށް ފައިސާ ލިބޭނީ އޮޑިވެރިޔާގެ ބޭންކު ލޯނަށް ކަނޑާފަ ބާކީވާ އެއްޗެއް

‏ރައީސް މުއިއްޒު މަސްވެރިންނަށްވީ ވައުދު ފުއްދާނެ މޮޅުގޮތެއް ހޯދައިފިއެއެވެ.

‏ރައީސް މުއިއްޒު އަޑީގައި ހުންނަވައިގެން، ބޭންކު އޮފް މޯލްޑިވްސް ގެ ބޯޑާއި ވެރިން ބަދަލުކުރުމަށްފަހު އެ ބޭންކުގައި ހުރި ފައިސާ ސިޔާކަންކަމަށް ތަންމިނަށް ބޭނުންކުރަން ވަނީ ނިންމާފައެވެ. މަސްވެރިން ބާނާ މަސް މިފްކޯއަށް ކިރުމުން ބޭންކްއޮފް މޯލްޑިވްސް އިން ފައިސާ ދޫކުރަން ނިންމާފައި ވާގޮތް އިނގޭ ފަރާތަކުން ބުނީ އޮޑި ދޯނިފަހަރު ބަނުމަށާއި އިންޖީނުއެޅުމަށް އޮޑިވެރިން ނަގާފައިވާ ލޯނު ތަކަށް ބޭންކަށް ބަރާބަރަށް ފައިސާ ދައްކަމުން ނުދާތީ ބޭންކާ ސަރުކާރާއެކު މިހާރު އެއްބަސް ވެފައިވަނީ އޮޑިވެރިޔާގެ ނަމުގައި އޮންނަ އެކައުންޓަކަށް ފައިސާ ޖަމާކުރަންޖެހޭ ގޮތަށް ހެދުމަށް ކަމަށެވެ.

‏އޮޑިފަހަރު ބަނދެ ބޭލުމަށްފަހު އޮޑީގެ ނަމުގައި އެކައުންޓް ހުޅުވައި އެ އެކައުންޓަށް ފައިސާ ޖަމާކުރާތީ ބޭންކަށް އެފައިސާގައި އަތް ނުލެވޭ ކަމަށް ބޭންކުން ހާމަ ކުރިކަމަށް ދިޔަވަރަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން ފައިސާ ދިނުމުގެ ނަމުގައި މިހާރު ކުރަންއުޅޭ ކަމަކީ މަސްވެރި މީހާއަށާއި އޮޑިވެރި މީހާއަށް ފައިސާ ފޮއްޗެއް ލިބުމުގެ ކުރިން ބޭންކަށް ލިބެންޖެހޭ ބައި ހޯދުން ކަމަށެވެ.

މިފްކޯއަށް މަސް ކިރުމުން ލިބޭ ފައިސާ ދޫކުރުމުގެ އައު އުސޫލުގެ ދަށުން، ފައިސާ ޖަމާކުރެވޭނީ އޮޑިވެރިޔާގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. މިގޮތަށް ހަމަޖައްސާފައިވަނީ ބޭންކަށް ދައްކަންޖެހޭ ލޯނުގެ ފައިސާ ކަށަވަރުކުރުމަށްޓަކައެވެ.

މިހާތަނަށް މަސްވެރިކަމުގެ ދަތުރުތަކުން ލިބޭ އާމްދަނީ ބެހިގެން އައީ އަންނަނިވި ގޮތަށެވެ:

  • ފުރަތަމަ ދަތުރުގެ ޚަރަދުތައް (ތެޔޮ، ފެން، ކާބޯތަކެތި، އަދި އެހެނިހެން ޒަރޫރީ ބޭނުންތައް) އުނިކުރެވެއެވެ.
  • ދެން ބާކީވާ ފައިސާ އޮޑިވެރިޔާއާއި ފަޅުވެރިންގެ މެދުގައި ބެހެއެވެ.
  • އޮޑިދޯނި ބަނުމަށާއި އިންޖީނު އެޅުމަށް ނަގާފައިވާ ލޯނަކީ އޮޑިވެރިޔާގެ އަމިއްލަ ޒިންމާއެކެވެ. މި ލޯނު ދެއްކުމަކީ ފަޅުވެރިންގެ ޒިންމާއެއް ނޫނެވެ.

ނަމަވެސް، އައު އުސޫލުގެ ދަށުން ބޭންކުން މިހާރު ފައިސާ ދޫކުރާނީ އޮޑިވެރިޔާ ދައްކަންޖެހޭ ލޯނުގެ ފައިސާ އުނިކުރުމަށްފަހުގައެވެ. މިގޮތުން ފަޅުވެރިންނަށް ލިބޭ އާމްދަނީއިންވެސް އޮޑިވެރިޔާގެ ލޯނަށް ފައިސާ ކެނޑޭނެއެވެ.