ޚަބަރު

"އިންޑިއާ ފަސްޓް" ސިޔާސަތު ތައާރަފްކުރީ ޔާމީން، މިސަރުކާރަކުން ނޫން: ޝާހިދު

ދިޔަވަރު
"އިންޑިއާ ފަސްޓް" ސިޔާސަތު ތައާރަފްކުރީ ޔާމީން، މިސަރުކާރަކުން ނޫން: ޝާހިދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދެމެހެއްޓި ނަމަވެސް "އިންޑިއާ ފަސްޓް" ސިޔާސަތު ފުރަތަމަ ތައާރަފްކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

"އަދަދު" ނޫހުގެ "އެތެރެފުށް" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝާހިދު ވިދާޅުވީ އިންޑިއާއާ އެކު ރާއްޖޭގެ ސަރުކާރުތަކުން ގާތް ގުޅުމެއް ބާއްވަނީ އެއީ ރާއްޖެއާ އެންމެ ކައިރީގައި އޮތް ގައުމަށް ވާތީ ކަމަށެވެ. ރާއްޖެއަށް ކުރިމަތިވި ބައެއް ކާރިސާތަކުގެ ހަނދާން އާއްކުރައްވަމުން އޭނާ ވިދާޅުވީ އެ ކަންކަމުގައި އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނީ އިންޑިއާއިން ކަަމަށެވެ.

"އެހެންވީމާ ނޫންތޯ ރައީސް ޔާމީނު އިންޑިއާއަށް ވަޑައިގެންފައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ ،މޯދީގެ ކުރިފުޅުމަތީގައި ހުންނަވައިގެން ވިދާޅުވީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަކީ އިންޑިއާ ފަސްޓް ޕޮލިސީއޭ. އިންޑިއާ ފަސްޓް މީކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އުފެއްދެވުމެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އެ އިޝާރާތްކުރެއްވީ 2016 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީނު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ އެކު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓް އަށެވެ.

އެ ސްޓޭޓްމަންޓްގައި ޔާމީނު އޭރު ވިދާޅުވެފައި ވަނީ އިންޑިއާ އަކީ ރާއްޖޭގެ އެންމެ މުހިއްމު އެކުވެރިޔާ ކަމަށާއި އެއީ ތަކުރާރުކުރުމުގެ ބޭނުމެއް ނެތް ވާހަކަފުޅެއް ކަމަށެވެ. ދެގައުމުގެ ގުޅުމަކީ ހަޟާރާތްތަކުގެ ފެށުމާ ހިސާބުން އައިސްފައިވާ ގުޅުމެއް ކަމަށް ވެސް އެމަނިކުފާނު އޭރު ސިފަކުރެއްވި އެވެ.

"ދެކުނު އޭޝިއާއާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އަމާންކަމާއި ހަމަޖެހުމާ މެދު ދިވެހިރާއްޖެއާއި އިންޑިއާއިން ހިއްސާކުރަނީ އެއް ވިސްނުމެއް. އިންޑިއާ ފަސްޓް [އިންޑިއާއަށް އިސްކަންދޭ] ހާރިޖީ ސިޔާސަތެއް ދިވެހިރާއްޖޭން ގެންގުޅެނީ މިހެންވެ،" ޔާމީނު އޭރު ވިދާޅުވި އެވެ.

އެތެރެފުށް ޕްރޮގްރާމްގައި ޝާހިދު ވެސް ވިދާޅުވީ އިންޑިއާ ފަސްޓް ހާރިޖީ ސިޔާސަތު ގެންގުޅުއްވާނެ ކަމަށް ޔާމީނު އޭރު ވިދާޅުވީ ސަބަބުތަކެއް ހުރީމާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެންމެ ފަހު އަހަރު ފިޔަވައި ޔާމީނުގެ ވެރިކަމުގައި އިންޑިއާއާ އެކު ރަނގަޅު ގުޅުމެއް ބޭއްވެވި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.