ޚަބަރު

ދިވެހި ކުންފުނިތަކަށް ފުރުޞަތު ނުދީ، ކުޑަ 7 އިމާރާތެއް އަޅާލަން، ކޮރަޕްޝަން ހިމެނޭހެން 771 މިލިއަނަށް ޗައިނާ ކުންފުންޏަކާއި ހަވާލުކޮށް، އެޑްވާންސްއަށް 117 މިލިއަން ދީ މަސައްކަތް ނުފަށައި އެއް އަހަރު

ދިޔަވަރު
ދިވެހި ކުންފުނިތަކަށް ފުރުޞަތު ނުދީ، ކުޑަ 7 އިމާރާތެއް އަޅާލަން، ކޮރަޕްޝަން ހިމެނޭހެން 771 މިލިއަނަށް ޗައިނާ ކުންފުންޏަކާއި ހަވާލުކޮށް، އެޑްވާންސްއަށް 117 މިލިއަން ދީ މަސައްކަތް ނުފަށައި އެއް އަހަރު

ހުޅުމާލޭގައި އަޅަން ނިންމާފައިވާ "ކޮމާޝަލް ސްޕައިން" މަޝްރޫއު، ދިވެހި ކުންފުނިތަކަށް އެއްވެސް ފުރުސަތެއް ނުދީ، 771 މިލިއަން ރުފިޔާއަށް (50 މިލިއަން ޑޮލަރު) ޗައިނާގެ "ހުނާން ނަމްބާ ސިކްސް އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑް" އާ ހަވާލުކޮށް، މިހާރު ވަނީ އެއް އަހަރު ފާއިތުވެފައެވެ. މި މުއްދަތުގެ ތެރޭގައި އެއްވެސް މަސައްކަތެއް ފެށިފައި ނުވާކަން ދިޔަވަރު ނޫހަށް ކަށަވަރުވެއްޖެއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، 2024 ޖެނުއަރީ 9 ވަނަ ދުވަހުއެވެ. އެންމެ ސުވާލު އުފެދޭ ކަމަކީ، މި އެއްބަސްވުމުގެ ދަށުން ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 117 މިލިއަން ރުފިޔާ (7.6 މިލިއަން ޑޮލަރު) ދޫކޮށްފައިވާއިރު، އެއްވެސް މަސައްކަތެއް ނުފެށި އޮތުމެވެ.

މި މަޝްރޫއުގެ ދަށުން އަޅަން ހަމަޖެހިފައިވަނީ އެންމެ ތިން ފަންގިފިލާގެ ހަތް އިމާރާތެވެ. މިއީ 290،000 އަކަ ފޫޓު ކުޑަ ސަރަހައްދެއްގައި ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ވީނަމަވެސް، މި މަސައްކަތަށް ކަނޑައަޅާފައިވާ އަގު އާދަޔާ ޚިލާފަށް ބޮޑެވެ. މީގެ އިތުރުން، މި މަޝްރޫއު ޗައިނާ ކުންފުންޏާ ހަވާލުކުރުމުގެ ކުރިން ދިވެހި ކުންފުނިތަކަށް އެއްވެސް ފުރުސަތެއް ހުޅުވާލިކަން އެނގެން ނެތެވެ. 3 ފަންގި ފިލާގެ 7 އިމާރާތަށް ކޮންމެ އިމާރާތަކަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރެއެވެ.

ޤައުމިއްޔަތުވެގެން އުޅޭ ރައީސް މުއިއްްޒު، ޗައިނާއަށް ބޮޑު އަގުގައި މި ޕްރޮޖެކްޓް ދިން އިރު، މިއީ ރާއްޖޭގެ ކުންފުނިތަކަށް ކުރެވޭ ވަރުގެ ކުޑަ ޕްރޮޖެކްޓެކެވެ. އަދި އެތައް މިލިއަނެއްގެ ޑޮލަރެއް ސަރުކާރުން މި ކުންފުންޏަށް އިސްރާފުކުރުމުގެ ބަދަލުގައި ދިވެހި ވިޔަފާރިތަކަށް ފައިދާވާހެން މި ޕްރޮޖެކްޓް ރުފިޔާއިން ހިންގެން އޮތެވެ. ނަމަވެސް ރައީސް މުއިއްޒު ނިންމެވީ މި ޕްރޮޖެކްޓް ޗައިނާއަށް ދިނުމަށެވެ.

އެޗްޑީސީގެ ބޯޑުން މި މަސައްކަތް ޗައިނާ ކުންފުންޏާ ހަވާލުކުރަން ނިންމީ އެއްބަސްވުމުގައި ސޮއިކުރުމުގެ ދެ ދުވަސް ކުރިން، ޖެނުއަރީ 7 ގައެވެ. އެއްބަސްވުމުގެ ދަށުން، މަޝްރޫއުގެ ބާކީ 86 ޕަސެންޓް (43 މިލިއަން ޑޮލަރު) ދޭން ހަމަޖެހިފައިވަނީ މަސައްކަތް ނިމުމުންނެވެ. މަސައްކަތް ނިންމަން ދީފައިވަނީ ދެ އަހަރުގެ މުއްދަތެކެވެ.

މި މަޝްރޫއުގެ ދަށުން އަޅާ އިމާރާތްތަކުގައި 30 ވިޔަފާރި އައުޓްލެޓް ހިމެނޭނެއެވެ. މީގެ ތެރޭގައި ވިޔަފާރިތަކާއި މުނިފޫހިފިލުވުމުގެ ތަންތަނާއި، ރެސްޓޯރަންޓުތަކާއި، ބްރޭންޑް އައުޓްލެޓުތަކާއި ވެލްނަސް ސެންޓަރެއް ހިމެނެއެވެ. މި މަސައްކަތް ނުފެށި ލަސްވަމުންދާ ކަމާ ގުޅޭގޮތުން އެޗްޑީސީއާ ސުވާލުކުރުމުން، އެ ކުންފުނީގެ އޮފިޝަލަކު ވަނީ މަސައްކަތް ނުފަށާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފްސީލު ހިއްސާކުރުމަށް އިންކާރުކޮށް، "އަޕްޑޭޓެއް ބަލާލަންޖެހޭ" ކަމަށް ބުނެފައިވެއެވެ.