ރައީސް މުއިއްޒު ވަޑައިގެންނެވި އއ. ރަސްދޫ ޖަލްސާ ޕީއެސްއެމް އިން ގެނެސް ދިން އިރު، ޖަލްސާ ފެށުމަށް ކިޔެވި ކީރިތި ޤުރުއާނުން، ފާސިޤުންގެ ވާހަކަ އައި އާޔަތުން "ފާސިޤުއް، فَاسِقٌ" ލަފްޒު އުނިކޮށް ގެނެސްދީފިއެވެ.
މި އާޔަތަކީ “ފާސިޤަކު ޚަބަރަކައިން އަތުވެއްޖެ ނަމަ އޭގެ ދޮގުތެދު އޮޅުންފިލުވުމުގެ”މައްޗަށް އޮތް އާޔަތެވެ. "إِن جَاءَكُمْ فَاسِقٌ بِنَبَإٍ” ކިޔެވިއިރު، ދައުލަތުގެ މީޑިޔާއިން “ފާސިޤު” އެތަން ކޮޅު ކަނޑާ ލުމަށް ފަހު، ގެނެސްފައިވެއެވެ.
ދިޔަވަރު ނޫހަށް މީކަން ފާހަގަ ވެފައިވަނީ ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެންނެވެ. އެކްސްގައި ސިޔާސީ ފަރާތެއް ކަމަށްވާ ވައްޑޭ ކޮށްފައިވާ މި ޕޯސްޓާއި ގުޅިގެން ދިޔަވަރު ނޫހުން ވަނީ ޓްވިޓާރގައި ޕީއެސްއެމް އިން މީގެ 3 ދުވަސް ކުރިން ގެނެސްދީފައިވާ ބްރޮޑްކާސްޓް ލިންކް ބަލައި، މިއީ ދައުލަތުގެ މީޑިޔާއިން ކުރި ކަމެއް ތޯ ޔަގީން ކޮށްފައެވެ.
ދިޔަވަރު ނޫހުން އއ.ރަސްދޫ ޖަލްސާގެ ޕީއެސްއެމްގެ ބްރޮޑްކާސްޓިންގ އިތުރަށް ބެލި އިރު، ކީރިތި ޤުރުއާނުގެ މި އާޔަތުން "ފާސިޤުއް" އިން ލަފްޒު އުނިކޮށް ގެނެސް ދީފައިވާކަން ކަށަވަރު ކުރެވުނެވެ. މިކަން ވެގެން ދިޔައީ ދިޔަވަރު ނޫހުގެ އެންމެހާ ފަރާތްތަކަށް ލިބުނު ޤަބޫލު ކުރަން ދަތި ސިހުމަކަށެވެ. ކީރިތި ޤުރުއާނުން ލަފްޒެއް އުނިކޮށް އޭގެ މާނަ ގެއްލޭހެން ގެނެސްދީފާނެ ކަމަށް ޤަބޫލުކުރުން ވީ ދަތި ކަމަކަށެވެ. މިކަން މިހެން ކޮށްފައިވަނީ ރައީސް މުއިއްޒަށް "ފާސިޤު" މި ލަފްޒު އަމާޒު ވާތީ، ކަމަށް ބެލެވެއެވެ.
މިއީ ޕީއެސް އެމް އިން ޓްވިޓަރގައި ގެނެސްދީފައިވާ ބްރޮޑްކާސްޓް ލިންކެވެ.
https://twitter.com/i/broadcasts/1djxXrRzqEEGZ
ތިރީގައި މި ވަނީ އެ ލިންކު ހިމެނޭ ޓްވީޓެވެ.
ލައިވްކޮށް ގެނެސްދިން މި ބްރޮޑްކާސްޓް އެޑިޓް ކޮށްފައިވާކަން އެ ޓްވީޓުން އެނގެއެވެ. އެ ގޮތުން 8 ޑިސެމްބަރ 2024 ގެ 5:17 ޕީއެމް ގައި ޕީއެސްއެމް އިން މި ޓްވީޓް އެޑިޓް ކޮށްފައިވެއެވެ.

މި މުނާސަބަތުގައި އެ ރަށުގައި ޖަލްސާ ފެށުމުގެ ކުރިން ކިޔަވާފައިވަނީ [الحجرات] ސޫރަތުގެ އާޔަތްތަކެކެވެ. ދައުލަތުގެ މީޑިޔާއިން އުނިކޮށްފައިވަނީ މި ސޫރަތުގެ 6 ވަނަ އާޔަތުން "ފާސިޤު" މި ލަފްޒެވެ.
މިކަމާއި ގުޅިގެން ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުން ޕީއެސްއާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ. އަދި އެއްވެސް ފަރާތަކުން އެއްވެސް ނަސޭހަތެއް ދީފައިވާކަންވެސް ދިޔަވަރު ނޫހުގެ ސަމާލު ކަމަށް އައިސްފައި ނުވެއެވެ. ދިޔަވަރު ނޫހުން މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. ޤުރުއާނަށް އިހާނާތްތެރިކޮށް ހިތުމަކީ އެއްވެސް މުސްލިމަކު ބަލައިގަންނަ ކަމެއް ނޫނެވެ. އަދި މިފަދަ އަމަލުތަކަކީ އާދައިގެ ކުޑަ ކަންކަން ގޮތުގައި ބަލައި ދޫކޮށްލެވޭ ވަރަށްވުރެ ބޮޑު ކަންކަމެވެ.