ޚަބަރު

އުވާލަން އުޅޭ އެގްރޯގެ ސިޔާސީ މުއައްޒަފުންނަށް ނޮވެމްބަރު މަހުވެސް، 2.5 މިލިއަން ރުފިޔާ މުސާރައަށް ދީފި! ރައްޔިތުންގެ ފައިސާއަށް މުއިއްޒު ވާ އިހުމާލާއި، އަނިޔާވެރި ހިޔާނާތް އެންމެ ކުންފުންޏަކުން!

ދިޔަވަރު
އުވާލަން އުޅޭ އެގްރޯގެ ސިޔާސީ މުއައްޒަފުންނަށް ނޮވެމްބަރު މަހުވެސް، 2.5 މިލިއަން ރުފިޔާ މުސާރައަށް ދީފި! ރައްޔިތުންގެ ފައިސާއަށް މުއިއްޒު ވާ އިހުމާލާއި، އަނިޔާވެރި ހިޔާނާތް އެންމެ ކުންފުންޏަކުން!

އުވާލަން އުޅޭ އެގްރޯގެ ސިޔާސީ މުއައްޒަފުންނަށް ނޮވެމްބަރު މަހުވެސް، 2.5 މިލިއަން ރުފިޔާ މުސާރައަށް ދީފިއެވެ. ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވުމުގެ ކުރިން މި ކުންފުނީގެ މުސާރައަކީ 1.5 މިލިއަނެއެވެ. ފާއިތުވި މަސްތަކުގައި މިކުންފުނީގެ މުސާރަ 3.5 މިލިއަނަށް އަރާފައިވެއެވެ. ލީކްވެފައިވާ ޑޮކިޔުމެންޓް ތަކުން 2.5 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ދީފައިވީނަމަވެސް، މިއަދަދު މިހާރުވެސް. 3.5 މިލިއަނަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ.

30 ނޮވެމްބަރު 2024 އިން ފެށިގެން އެގްރޯނެޓް ހުރިހާ މަސައްކަތެއް ހުއްޓާލާފައިވާކަން އެކުންފުނިން ވަނީ މީގެ ކުރިން އިއުލާން ކޮށްފައެވެ. ނަމަވެސް އެއްވެސް މުއައްޒަފަކު ވަކި ނުކޮށް، ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން މި ބޭކާރު މުއައްޒަފުންތައް ދަނީ MIDFZ (މޯލްޑިްވސް އިންޑަސްޓްރިއަލް، ޑިވެލޮޕްމެންޓް ފްރީ ޒޯން) ގެ ދަށަށް ބަދަލު ކުރަމުން ކަމަށް ރައީސް އޮފީހުގެ އިސްފަރާތެއް ދިޔަވަރު ނޫހަށް މައުލޫމާތު ދީފައިވެއެވެ. MIDFZ އަކީ ވެސް އެއްވެސް މަސައްކަތެއް ކުރާ ކުންފުންޏެއް ނޫނެވެ. އަދި އެކުންފުނި ރަނގަޅަށް "ކަންކަން ފޯމިޔުލޭޓް" ނުކުރެވިގެން އުޅޭކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވި މިނިސްޓަރަކު ދިޔަވަރަށް މައުލޫމާތު ދެއްވިއެވެ.

ސޯޝަލް މީޑިޔާގެ މަޝްހޫރު ހަސަން ކުރުސީގެ X އެކައުންޓުން ފާޅު ކޮށްފައިވާ ތަފްސީލްތަކުން ފެންނަން ހުރި ގޮތުގައި 41 ހާހުން ފެށިގެން އެކި އެދަދު ތަކުން މުސާރައިގެ ގޮތުގައި އެތައް ބަޔަކަށް ފައިސާ ޖަމާ ކޮށްފައިވެއެވެ.

އެގްރޯ އަކީ އުވާލުމަށް ނިންމާފައިވާ ކުންފުންޏެކެވެ. މި ކުންފުނި އުވާލަން ނިންމީ މުއިއްޒުގެ ސަރުކާރުން ކުންފުންޏާއި މެދު އިހުމާލުވެ، އެތައް މިލިއަނެއް އެއްވެސް ކަމެއް ހާސިލް ނުކޮށް ކުރަމުން ގޮސް، މުޅި ކުންފުންޏަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ލިބި ރައީސް މުއިއްޒުގެ 1 އަހަރު ތެރޭ ކުންފުނި އެކީ އެއްކޮށް ބަނގުރޫޓު ވުމުންނެވެ.

މިކުންފުނީގެ މުއައްޒިފުންނަކީ %85 ސިޔާސީ މީހުންނެވެ. ދެންތިބި އެޑްމިނިސްޓްރޭޓިވް ގިނަ ފަރާތްތަކަކީ ވެސް ސިޔާސީ މީހުން ބޭނުންވެގެން އައްޔަން ކޮށްފައިވާ ފަރާތްތަކެވެ. އެހެން ކަމުން މިކުންފުނީގެ %99 އިންސައްތައަކީ ސިޔާސީ މުއައްޒަފުންނާއި، ސިޔާސީ ބޭނުމަށް އައްޔަންކޮށްފައިވާ މުއައްޒަފުންނެވެ.

މި ކުންފުނި އުވާލާފައިވާކަމަށް ރައީސް މުއިއްޒު ވަނީ ބައިނަލްއަޤްވާމީ ބޭންކުތަކަށާއި، ރޭޓިންގ އެޖެންސީތަކަށް ދޮގުހަދައި އަންގާފައެވެ. ނަމަވެސް އަދިވެސް ކުންފުނި އެއްކޮށް އުވާނުލައި، އެއްވެސް މަސައްކަތެއް ނުކޮށް، ދައުލަތުގެ ފައިސާއަށް ރައީސް މުއިއްޒު ދަނީ އިންތިހާއަށް ހިޔާނާތްތެރި ވަމުންނެވެ.

ސަރުކާރުގެ އިސްރާފައި ވައްކަމާއި، ބޭކާރު ޚަރަދުތައް ގިނަވެ، މުޅި ޤައުމު ވަނީ މާލީ ބޮޑު ދަތިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.