ކުއްލިއަކަށް އެމްއޭސީއެލްގެ 2500 މުވައްޒަފުންނަށް ޕީސީ ސިސްޓަމްގެ ބަދަލުގައި ލެޕްޓޮޕްތައް ހޯދުމަށް ނިންމައިފިއެވެ.
މި މުމުއާމަލާތް ކުރުމަށް އެމްއޭސިއެލްގެ މެނޭޖްމަންޓަށް ލަފާދީފައިވަނީ, އެނގިފައިވާ ގޮތުގައި, އެކުންފުނީގެ ސީޓީއޯ (ޗީފް ޓެކްނޮލޮޖީ އޮފިސަރ)ގެ މަގާމާ ދާދިފަހުން ހަވާލުވެފައިވާ ޝަފީޒްއެވެ. އޭނާ ދާދިފަހަކާ ޖެހެންދެން މަސައްކަތް ކޮށްފައިވަނީ ޕެންޝަން އޮފީހުގައެވެ.
އެނގިފައިވާ ގޮތުގައި, އޭނާ ވަނީ އެމްއޭސީއެލްގެ އެމްޑީ ޝަރީފުއާއި ގުޅިގެން, އެ ކުންފުނީގެ 2،500 އަށްވުރެ ގިނަ މުވައްޒަފުންގެ ސިސްޓަމްތައް ލެޕްޓޮޕަށް ބަދަލުކުރަންޖެހޭ ކަމަށް ސަބަބު ދައްކާ, އެމުއާމަލާތް ކުރުމަށް ބާރުއަޅާފައެވެ.
މި ގޮތުން ހަމަޖައްސާފައިވަނީ މެނޭޖްމަންޓަށް މެކްބުކް އަދި އެހެން މުވައްޒަފުންނަށް ސަރފެސް ލެޕްޓޮޕް ހޯދުމަށެވެ. މިއީ ބަޒާރުގައި ބޭނުންކުރެވޭ އެންމެ އަގުބޮޑު ލެޕްޓޮޕްތައްކަންވެސް ފާހަގަ ކޮށްލެވެއެވެ. މި މަޝްރޫޢުއަށް މަދުވެގެން 75 މިލިއަން ރުފިޔާ ހޭދަވާނެއެވެ. މިއީވެސް ޝަރީފާއި އޭނާގެ ބައިވެރިން ފައިސާ ވަގަށް ނެގުމަށް ރާވަމުންދާ މަޝްރޫޢު ކަމަށް އެމްއޭސީއެލްއިން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ބައެއް މުވައްޒަފުން ބުނެފައިވެއެވެ.
އެމްއޭސީއެލްއިން އެޑޯބް ޕްރޯ ފަދަ ސޮފްޓްވެއަރ ސަބްސްކްރިޕްޝަންތައް މަދުކޮށް، ޕަވަރބީއައި ބޭނުންކުރުން މުޅިން ހުއްޓާލަނީ ޚަރަދު ކުޑަކުރުމަށް ކަމަށް އެކުންފުނިން މީގެކުރިން ބުނެފައި ވެއެވެ. އެހެންނަމަވެސް ހަމައެއާއެކު އެކުންފުނިން މިވަނީ ކުއްލިގޮތަކަށް ލެޕްޓޮޕްތައް ގަތުމަށް 75 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ނިންމާފައެވެ.
މި ނިންމުމުން އެކުންފުނީގައި މަސައްކަތް ކުރަމުންދާ, މުއިއްޒު ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރަމުންދާ, ޝިއުނާ ފަދަ ސިޔާސީ މުވައްޒަފުންނަށް އޮފީހުގައި މަސައްކަތް ނުކޮށް,، ގެއިން، އަދި ޕީއެންސީ ޖަގަހައިން އަދި މުއިއްޒުއާއެކު ކުރާ ދަތުރުތަކުގައި ރަށްރަށުގައި ތިބެގެން, ދައުލަތުން މުސާރަ ނަގައިގެން މަސައްކަތް ކުރުމުގެ މަގު ފަހިވެގެން ދާނެއެވެ.
އެނގިފައިވާ ގޮތުގައި, ޕެންޝަން އޮފީހުގައި މަސައްކަތް ކުރަމުންދަނިކޮށް, އެމްއޭސީއެލްގެ ސީޓީއޯކަމަށް ޝަފީޒު ހަމަޖައްސާފައިވަނީ އެމްއޭސީއެލްގެ އެމްޑީ ޝަރީފުގެ ގާތް ރައްޓެއްސެއް ކަމަށްވާ ސީއޯއޯ މުހައްމަދު މިހާދުގެ ރެކޮމެންޑޭޝަނެއްގެ މައްޗަށް ބިނާކޮށެވެ.
އެމްއޭސީއެލްއަކީ ދައުލަތުގެ ކުންފުނިތަކުގެ ކޮރަޕްޝަންގެ އަމަލުތައް އެންމެ ފުޅާ ދާއިރާއެއްގައި ހިންގަމުންދާ އެއް ކުންފުންޏެވެ. އެހެންނަމަވެސް މުއިއްޒު ހުރީ ކޮރަޕްޝަންގެ އަމަލުތަކަށް ދެލޯ މަރާލައިގެންނެވެ.