ޑިޖިޓަލް ކޮށް ބޭރުގެ ސާރވާ ތަކުގައި ފްލެޓް އަދި ގޯތި ލިސްޓް ރައްކާތެރިކޮށް ހުރި ނަމަވެސް، ފްލެޓް ލިސްޓް ފުރިހަމައަށް ހުރިކަން ޔަގީންވާނީ ސިސްޓަމްތައް ރިކަވާކޮށް ނިމުމުން ކަމަށް މިނިސްޓްރީ އިން ބުނެފިއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭނެ ކަމަށް ނެރުނު ލިސްޓް ފުރިހަމައަށް ހުރިކަން ޔަގީންވާނީ ސިސްޓަމް ރިކަވާ ކުރުމަށް ފަހު ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
އަމީނީމަގަށްވާ ގޮތަށް މާފަންނުކޮޅުގައި ހުންނަ އެ އިމާރާތުގައި އަލިފާން ރޯވިކަން އެނގުނީ މިއަދު ހެނދުނު ގާތްގަނޑަކަށް 7:30 އެހާކަންހާއިރު އެވެ. އަލިފާންގަނޑު މިހާރު ވަނީ އެންވަޔަރަމަންޓް މިނިސްޓްރީ ހުންނަ ގްރީން ބިލްޑިންގަށް ވެސް ފެތުރިފަ އެވެ.
ހައުސިން މިނިސްޓްރީގެ މުޅި އިމާރާތް އަނދާ ހުލިވަމުންދާ އިރު ފްލެޓް ލިސްޓާ މެދު ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެއީ މުޅި އިމާރާތް ރޯވީ، ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ނަންތައް މުރާޖައާކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ލިސްޓު މުރާޖައާކުރަން ފެށީ ކުރީ ސަރުކާރުން ލިސްޓު ހެދުމުގައި ކޮރަޕްޝަންގެ އަަމަލުތަކެއް ހިމެނޭ ކަމަށް ބެލެވިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ލަފާގެ މަތިންނެވެ.
ރާއްޖޭގެ ދުވަހު ނޫހެއްކަމުގައިވާ 'ދައުރު'ން ސުވާލުކުރުމުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހުމަދު އިޒްމީމް މިއަދު ވިދާޅުވީ އެ މިނިސްޓްރީގައި ހުރި ހުރިހާ ސިސްޓަމެއް ވެސް މިހާރު މިނިސްޓްރީ އިމާރާތުން ނެރެފައިވާ ކަމަށެވެ. ސިސްޓަމްތައް މި ވަގުތަށް ދަރުބާރުގެއަށް ގެންގޮސް ރިކަވާކުރަން ޖެހޭ ސިސްޓަމްތައް ރިކަވާކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ދަރުބާރުގެއަށް ސިސްޓަމްތައް ގެންދަނީ މި. މި ސިސްޓަމްތައް ރިކަވާކޮށްފައި އެއްޗެއް ދަންނަވަން އެނގޭނީ. އަޅުގަނޑުމެން މި ބަލަނީ އޮންލައިން ޕޯޓަލްއާ ގުޅޭ ހުރިހާ ފައިލްތަކެއް އޮންލައިންކޮށް ލިބެން ހުންނާނެ ކަމަށް." އޭނާ ވިދާޅުވި އެވެ.