30 ދުވަހަށް ޓެކްސީ ތައް ހިފަހައްޓަކައި މުއިއްޒު ދައްކާލީ، ރައްޔިތުންނަށް އަނިޔާވެރިވުމުގައި މުޅި ދުނިޔޭގައިވެސް މިއަދު އެފަދަ ދެވަނަ ވެރިއަކު ނެތްކަމެވެ.
މިފަހުގެ ތާރީޚުގައި އަމިއްލަ ޤައުމެއްގެ ރައްޔިތުންނަށް އަނިޔާވެރިވި ވެރިއެއް ތުހުމަތު އޮތީ ސީރީޔާގެ ކުރީގެ ރައީސް ބައްޝާރުގެ އަތުގައެވެ. ބައްޝާރު ވިއްޔާ އަނިޔާވެރިވީ، ހުޅަނގުން ހަތިޔާރު ހޯދައިގެން، އަރަބި ސްޕްރިންގ ތެރެއިން އޭނާގެ ވެރިކަން ވައްޓާލުމަށް މިލިޓަރީ ބާރުވެރިކަން ބޭނުން ކުރި ހަމަ އެފަދަ އަނިޔާވެރި ބަޔަކާއި ދެކޮޅަށެވެ.
ބައްޝާރުގެ ވެރިކަން ނިމިއްޖެއެވެ. މިއަދު ރައްޔިތުންނަށް ކަނޑައެޅިގެން އަނިޔާވެރި ވަމުންދާ އެފަދަ ވެރިއަކު ދުނިޔޭގައި ނެތެވެ. އިޒްރޭލުން އަނިޔާވެރިވަމުން ދަނީ ފަލަސްތީނު ރައްޔިތުންނަށެވެ. އެ މީހުންގެ އަމިއްލަ ރައްޔިތުންނަކަށް ނޫނެވެ.
ޑްރައިވަރުން މުޒާހަރާ އަށް ނުކުމެ، މަގު ބަންދު ކުރީ އެމީހުން ދިރިއުޅުމަށް ކުރަމުންދާ މަސައްކަތަށް ރައީސް މުއިއްޒު ހުރަސް އެޅުމުންނެވެ. މުއިއްޒުގެ އަނިޔާވެރިކަން އެމީހުންގެ މައްޗަށް ފޯރައި، ހަދާނެ ގޮތް ހުސްވެގެންނެވެ.
އަނިޔާވެރިވުމަށް މުއިއްޒު ކުރީ ކޮންކަމެއްތޯއެވެ؟
- ޓެކްސީ ލައިނެއް އުފައްދައި ޓެކްސީ ކުރަން މުއިއްޒުގެ ސަރުކާރުން ނިންމުން
- އެއްވެސް ހަމައެއް ނެތި، ކާރުތައް ޓޯކުރުން
- ޓޯކުރާ ކާރުތަކަށް ސަރުކާރުން ބޮޑެތި ގެއްލުން ދިނުން
- ޓްރާންސްޕޯޓުން ދޭ ޚިދުމަތްތަކުގައި ޓެކްސީ ޑްރައިވަރުންނަށް ސަރުކާރުން ދަތިކޮށް ޖައްސާލުން
ސަރުކާރުން ޓެކްސީ ލައިނެއް އުފެއްދުމަކީ، މި ދާއިރާއަށް ކުރިމަތިވާނެ ގެއްލުން ބޮޑު ބަދަލެކެވެ. އިނދަޖެހުމުންދާ އިޤްތިޞާދީއެއްގައި އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއްނޫނެވެ. ޕްރައިވެޓް ވިޔަފާރިތަކާއި މެދު މިފަދަ ހާލަތްތަކުގައި ގެންގުޅެން ޖެހޭނީ "ލެޒިޒްފެއަރ" އުސޫލެވެ. އެއީ ވިޔަފާރިތައް މިނިވަން ކަމާއި އެކު ކުރިއަށް ދިޔުމަށް ފުރުޞަތު ދީ، ސަރުކާރުން ވިޔަފާރިތަކަށް ނުވަނުމުގެ މިނިވަން އުސޫލެވެ.
ރައީސް މުއިއްޒު އާއި އޭނާގެ މިނިސްޓަރުންގެ ނާގާބިލު ކަމުން، އަދި އިޤްތިޞާދީ މި ޙަޤީގަތް ނޭނގިތިބެ، ޓެކްސީ ލައިނެއް އުފައްދައި، އޭގެތެރެއަށް ވަދެ، އެ ވިޔަފާރި ފުނޑާލައި، މި އިޤްތިޞާދީ ދަތި ހާލަތުގައި އެމީހުން އިނދަޖައްސާލުމަކީ އަނިޔާވެރި ކަމުގައި ހައްދެއް ނެތުމެވެ.
އެއާއި އެކު، މުއިއްޒު ވައުދުވި ޕާކިންގ އިމާރާތްތައް ނުދައްކައި، ޓެކްސީތައް ޓޯކޮށް އެތައް ހާސް ރުފިޔާގެ ގެއްލުމެއް އެފަރާތްތަކަށް މުއިއްޒު ވަމުން ދާތީ އެކަމާއި ދެކޮޅަށް ނުކުމެ، ޙައްޤަށްޓަކައި ޓެކްސީ ޑްރައިވަރުން އިޙްތިޖާޖް ކުރުމުން، މުއިއްޒުގެ ކިބައިން ފެނުނީ، އަނިޔާވެރިކަމުގައި، އޭނާ ފަދަ އެފަދަ ދެވަނައެއް މުޅި ދުނިޔޭގައިވެސް ނެތްކަމެވެ. 30 ދުވަހަށް ޓެކްސީތައް ހިފެހެއްޓީއެވެ. މިއީ މާތްﷲ އެބަޔަކަށް ކޯފާލެއްވި ސަދޫމުގައި އޮތް އިންސާފެވެ. މިއީ މިއަދުގެ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ކަން ހިނގާނެ ގޮތެއް ނޫނެވެ.
އެހެންވީމާ މުއިއްޒަށް މަރުޙަބާ ކިޔާށެވެ. ރައްޔިތުންނަށް އަނިޔާވެރިވުމުގައި މުޅި ދުނިޔޭގައިވެސް މިއަދު އެފަދަ ދެވަނަ ވެރިއަކު ނެތްކަން އޭނާ ސާބިތު ކޮށްދީފިއެވެ. ބައެއްގެ މުދަލަށް މިފަދައިން އަރައިގަންނަން ކެރޭނީ އިންސާނީ އެއްވެސް ރަހުމެއް އެއްވެސް ވަރަކަށް ނެތް ބަޔަކަށެވެ.