ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ކީރިތި ގުރުއާން ބަދަލުކޮށް ކޮންޓެންޓް ގެނެސް, އަދި ބަރަހަނާ މަންޒަރު އެކުލެވޭ ވީޑިއޯ ބްރޯޑްކާސްޓް ކުރުމަށްފަހުވެސް, މިއިން ކޮންމެ ފަހަރަކު މާފަށް އެދުމަށްފަހު އެކުންފުނީގެ އިސްވެރިން ގެންދަނީ އަދިވެސް މަގާމުގައި ދެމި ތިބެމުންނެވެ.
ޕީއެސްއެމްއަކީ ދައުލަތުގެ މާލިއްޔަތުން ޚަރަދުކޮށްގެން ހިންގާ މީޑިއާއަކަށް ވާއިރު, ކީރިތި ޤުރުއާން ބަދަލުކޮށް ކޮންޓެންޓް ގެނެސް އަދި އެއަށްފަހު މުޅި ރާއްޖެއަށް ބަރަހަނާ ވީޑިއޯ އާންމު ކުރުމަށްފަހުވެސް މުވައްސަސާގެ ވެރިން ދަނީ އޭގެ ޒިންމާ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ބޮލުގައި އެޅުވުމަށްފަހު, ވަޒީފާ ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ.
މިއިން ކޮންމެ ފަހަރަކުވެސް ޕީއެސްއެމްއިން އަމަލު ކޮށްފައިވާ ގޮތަކީ ބަޔާނެއް އާންމުކޮށް, އެކަންކަމުގެ ޒިންމާ އާދައިގެ މުވައްޒަފުންގެ "ބޮލަށް ކަނޑާލުމަށްފަހު" ބައެއް މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށްފަހު, ބޮޑު ޒިންމާއިން ރެކި ގަތުމެވެ.
އެހެންނަމަވެސް ޕީއެސްއެމްގެ ގާނޫނުގައި ބަޔާން ކޮށްފައިވާގޮތުން, އާންމު އިޖުތިމާއީ މިންގަޑާއި ޚިލާފަށް ކުންފުނިން ހިންގާ އަމަލުތަކަށް އެކުންފުނީގެ މެނޭޖްމަންޓުން ޒިންމާ އުފުލާން ޖެހޭނެއެވެ. އަދި މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޒިންމާދާރު މީޑިއާތަކުގައި އަމަލު ކުރަމުންދާ އުސޫލުވެސްމެއެވެ.
އެހެންނަމަވެސް ޕީއެސްއެމްގެ ބޮޑުންވަނީ މިއިން ކޮންމެ ފަހަރަކުވެސް އާދައިގެން މުވައްޒަފުންގެ ބޮލަށް ޒިންމާ ކަނޑާލުމަށްފަހު, އަސްލު މައްސަލަ އޮޅުވާލާފައެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު ދައުލަތުގެ މީޑިއާ ސިޔާސީކޮށް, އަދި އެއްވެސް ތަޖުރިބާއެއް ނެތް މީހުންވަނީ އެމީޑިއާގެ އިސްމަގާމްތަކަށް ހަމަޖައްސާފައެވެ. އެގޮތުން އެ މުވައްސަސާގެ އެމްޑީކަމުގެ މަގާމަށް މިހާރު ހަމަޖައްސާފައިވަނީ މީޑިއާގެ އެއްވެސް ތަޖުރިބާއެއް ނެތް ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.