ރ. ދުވާފަރު ކައުންސިލް މަރިޔަމް ޔަޝްފާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ. އޭނާ ޕޮލިހަށް ހާޒިރު ކުރަނީ މުއިއްޒު ހަވަރަށް ދޭން ގޮވާލިކަމަށް ތުހުމަތުކޮށް ކަމަށް އެނގިފައި ވެއެވެ.
ޔަޝްފާ ޕޮލިހަށް ހާޒިރު ކުރަނީ މިދިޔަ ނޮވެމްބަރު 11 ވަނަ ދުވަހު އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ޖަލްސާގައި ކީ ބަންޖަކާ ގުޅިގެންނެވެ. އޭގައި އޭނާ ވަނީ ރައްޔިތުން ނުކުމެ، ހަވަރަށް ދޭން ޖެހޭ ކަމަށް ބުނެފައެވެ.
އެއީ ސީދާ ކާކަށް ނިސްބަތްކޮށް ބުނި އެއްޗެއް ކަން ޔަޝްފާ ވިދާޅުނުވިޔަސް، އޭނާ ވަނީ މުއިއްޒަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ޔަޝްފާ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އެންގީ މާދަމާ ހެނދުނު 10:30 އަށެވެ.
"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ނަމުގައި އެމްޑީޕީން މި މަހު 10 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވެސް ޔަޝްފާ ބަނދި ކިއާފައިވެއެވެ.
އެ ޖަލްސާގައި އޭނާ ކީ "ތިއީ ބަހުލޫލްއެކޭ" މި ލަވައެވެ. އެ ލަވަ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެގެން ދިޔައެވެ.
މުއިއްޒުގެ ވެރިކަމުގައި ދަނީ ގާނޫނު އަސާސީން ދީފައިއޮތް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަންނަމުންނެވެ. މީގެ ކުރިންވަނީ, މުއިއްޒުއަކީ ކަޒާބު ކަމަށް ބުނިކަމަށް ތުހުމަތުކޮށް އެމްޑީޕީގެ އެކްޓިވިސްޓަކު ޕޮލިހަށް ހާޒިރު ކޮށްފައެވެ.
އެހެންނަމަވެސް އެ ތަހުގީގުގައި ކައްޒާބަކީ ކާކުކަމެއް ފުލުހުންނަށްވެސް ބުނެދެވިފައެއް ނުވެއެވެ.