ޚަބަރު

‏ސާވާ ސަލާމަތް ނުކުރެވުނީތަ؟

ދިޔަވަރު
‏ސާވާ ސަލާމަތް ނުކުރެވުނީތަ؟

ހައުސިންގ މިނިސްޓްރީގައި ހުންނަ އެ މިނިސްޓްރީގެ ސާވާ އަލީފާނުގެ ސަބަބުން އަނދައި އެ މިނިސްޓްރީގެ ޑިޖިޓަލް ހުރިހާ މައުލޫމާތަކާއި ކާރުދާހުގައި ހުރި ހުރިހާ މައުލޫމާތެއް އަނަދާފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ.އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.

ރަނގަޅު ވާހަކަފުޅެކެވެ. އެ މިނިސްޓްރީ އަނަދައި ހުލި ވީމައި އެ ތަނުގެ އެތެރޭގައި ހުރިނަމަ ހުރި އެއްޗެއްވެސް އަނދައި ހުލިވާނެއެވެ. ނަމަވެސް ސުވާލަކީ ކުރިއަރާފައިވާ މި ތަހްޒީބީ ޒަމާނުގައި އެފަދަ ހާދިސާއެއްގައި އެއްޗެއް ސަލާމަތްކުރާނެ ވަގުތެއް ނުވަތަ ބައި މިނެޓް ލިބުނަސް އެއްމެ އިސްކަމެއް ދޭންވާނީ ސާވާ އެއް ނުވަތަ އެހެން ގޮތަކަށް ބުނަނީ ނަމަ ޑީބީ ސަލކާމަތް ކުރެވޭ ތޯއެވެ.

މިނިސްޓްރީގައި އަލިފާން ރޯވި ވާހަކައާއި މިނިސްޓްރީގެ މުވައްޒަފުންނަށް އޮފީހަށް ނުނިކުތުމަށް އިލްތިމާސްކޮސް އެ ދުވަހުގެ ހެނދުނު 6:30 ވުމުގެ ކުރިން މެސެޖްތައް ކޮށްފައިވާކަމަށް ބުނާއިރު ސިފައިންވެސްވެސް ވަނީ އެ މިނިސްޓަރީގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު އެދުވަހުގެ ހެނދުނު 6:30 ގެ ކުރިން ލިބިފައިވާ ކަމަށް ބުނެފައެވެ.

އަދި ސިފައިންގެ ޔުނީފޯމްގައި ތިއްބެވި ބޭކަމުން ކިހިލިޖަހާލައިގެން ފައިލްބޮނޑިތައް އެ މިނިސްޓްރީން ނެރޭ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ދަނީ މީސްމީޑިއާގައި ދައުރު ވަމުންނެވެ.

ހައުސިންގ މިނިސްޓްރީގެ މަސައްކަތްކުރާ ޑިޕާޓްމަންޓް ތަކާއި ޔުނިޓްތައް އެ އިމާރާތުގައި ހުރި ތަންތަނަށް ބަލާއިރު އެ މިނިސްޓްރީން އެއްމެ ފުރަތަމަ ނުވަތަ އެއްމެ ފަސޭހައިން އެއްޗެއް ސަލާމަތް ކުރެވޭނެމަ ސަލާމަތްކުރެވޭނެ އެއްޗަކީ އެ މިނިސްޓްރީގެ އައިޓީ ޔުނިޓް ތެރޭގައި ހުރި އެއްޗެކެވެ.

އެ މިނިސްޓްރީގެ ސާވާ އާއި ޑީބީ ތައްވެސް ހުންނަނީ އައިޓީ ޔުނިޓް ތެރޭގައެވެ. އައިޓީ ޔުނިޓް ހުންނަނީ އެ މިނިސްޓްރީގެ ގްރައުންޑް ފްލޯރ ގެ އެއްމެ މަގަތަށެވެ. މާނަ އަކީ އެ މިނިސްޓްރީ އަށް ވަންނަ ފަރާތަކަށް ރިސެޕްޝަން ފިޔަވައި އެއްމެ އަވަހަށް ބައްދަލުވާނީ އައިޓީ ޔުނިޓް ހުންނަ ތަނާއެވެ. އެ މިނިސްޓްރީ އަކީ އިމާރާތުގެ ތެރޭގައި އެއްވެސް ފާރެއް ނުހުންނަ ފިލާ ޕާޓިޝަން ތަކުން ޑިޕާޓްމަންޓް ތަކާއި ޔުނިޓްތައް ވަކިކޮށްފައިވާ މިނިސްޓްރީ އެކެވެ.

އަދި އެ މިނިސްޓްރީގެ ރިސެޕްޝަން ހުންނަނީ ބިއްލޫރި ދޮރާއި ބިއްލޫރި ފެނަލް ތަކެވެ. އަދި އެ މިނިސްޓްރީގެ ގްރައުންޑް ފްލޯރ އަށް ވަދެވޭނެ 5 ދޮރު ހުރެއެވެ.

މަންޒަރު ދުއް ފަރާތްތަކާއި މީޑިއާ ތަކުގެ ކަވަރޭޖަށް ބަލާއިރު އަލިފާން ހިފާފައިވަނީ 4 ބުރިއަށް ހުންނަ އެ އިމާރާތުގެ އެއްމެ މަތީ 2 ފްލޯރ ގައެވެ. އެ އިމާރާތުގެ 2ވަނަ ފުލޯރ ގައި ހުރި ކުޑަދޮރުތަކުން ބޭރަށް އަލިފާނުގެ އަސަރު ފެންނަން ފަށާފައިވަނީ އެ ދުވަހުގެ ހެނދުނު 9 ވެސް ޖެހިފަހުންނެވެ. އެހެންކަމަށް ވާނަމަ ހާމައަށް ބިއްލޫރި ޕެނަލް ތަކެއް ހުރި ރިސެޕްޝަން ކައިރީ ހުރި އައިޓީ ޔުނިޓް ތެރޭގައި ހުރި އެއްމެ މުހިއްމު އެތި ސަލާމަތްކުރުމުގެ ބަދަލުގައި މާ އެތެރެއަށް ވަދެ ކަރުދާސް ފައިލްތަށް ނެރުނީ ކީއްވެ ބާއެވެ. އެކަމުގެ އިރުޝާރު ދޭނެ ފަރާތެއް އެވަގުތު އެތަނުގައި ނެތީ ބާވައެވެ.

މި ޒަމާނަކީ ޑިޖިޓަލް ޒަމާނެވެ. އެ މިނިސްޓްރީގައިވެސް ޑިޖިޓަލް ކޮށް ހުރިހާ ލިޔެކިޔުމެއް ބަލަހައްޓަމުން އަންނައިރު ކަރުދާސް ފައިލް ތައް ނެރުމުގެ ބަދަލުގައި އައިޓީ ޔުނިޓް ތެރޭގައި ހުރި އެ ލިޔެކިޔުންތައް ހުރި ސާވާ ތަކާއި ޑީބީތައް ނެރުނު ނަމަ އަޅެފަހެ އެތަށް ފަރާތެއްގެ އެތަށް މައުލޫމާތަކާއި ކުންފުނިތަކާއި މަޝްރޫޢުތަކާ ގުޅޭ އެތަށް މުއާމަލާތްތަކެއްގެ މައުލޫމާތު ސަލާމަތްކުރެވުނީސް ނޫންތޯއެވެ.