ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ މިނިވަން ޑިމިކްރަސީގެ އެންމެ މުހިންމު އެއް އަސާސްއެވެ. އެއީ ޑިމޮކްޓިކް ނިޒާމުގެ ދެމިއޮތުމާއި ގުޅިލާމެހިފައިވާ, ގާނޫނު އަސާސީން މުތުލަގަށް ދީފައިވާ މުހިންމު ހައްގެއްވެސް މެއެވެ.
އެގޮތުން 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް އާ ގާނޫނު އަސާސީންވެސް ވަނީ, އިސްލާމް ދީނުގެ އަސާސްތަކާއި ޚިލާފް ނުވާ ގޮތުގެމަތިން, ދުލާއި ގަލަމުގެ މިނިވަންކަން އޭގެ އިންތިހާއަށް ހުޅުވާލަ ދީފައެވެ. އެއްވެސް އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ, އެތައް ގުރުބާނީއަކުން ދިވެހި ރައްޔިތުން ހޯދި މިނިވަންކަމެއްވެސް މެއެވެ.
އަދި އެ މިނިވަންކަން ގާނޫނު އަސާސީން ލިބިދިންތާ 15 ވަރަކަށް އަހަރު ފާއިތުވެގެން ދާއިރުވެސް, މިނިވަންކަން އެއްވެސް ވެރިއަކަށް ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައެއް ނުމެ ވޭމެއެވެ. ވަކީން ޚާސްކޮށް ނިމިދިޔަ ރައީސް ސާލިހުގެ ވެރިކަމުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލަ ދީފައި އޮތްކަން މިއީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ.
އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ "އިންޑިއާ އައުޓް" މުޒާހިރާތައް މާލޭގެ އެކި ކަންކޮޅުތަކުގެ އޭރުގެ އިދިކޮޅު ފަރާތްތަކަށް ކުރެވި ދިޔައީ އެމިނިވަންކަން އޭރުގެ ސަރުކާރުން ލިބިދީފައި އޮތުމުންނެވެ. އޭރުގެ ސަރުކާރުން އިދިކޮޅު އެކްޓިވިސްޓުން ދެއިރު ދެދަޅަޔަށް ޕޮލިހަށް ހާޒިރުކޮށް, ދައުވާ އުފުލާފައެއް ނުވެއެވެ.
އެހެންނަމަވެސް ފާއިތުވި ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް, ވެރިކަމަށް ވަޑައިގެންނެވި މުއިއްޒުގެ ސަރުކާރަށް އަދި މިއުޅެނީ ދައުރު ދެބައި ނުކުރެވިގެންނެވެ.
ސިޔާސީ އެއްވުންތަކުގައި ސިޔާސީ ގޮތުން މި ސަރުކާރާ ޚިޔާލު ތަފާތު ފަރާތްތަކުން ދައްކާ ވާހަކަތައް މުއިއްޒުއަށް ހަޖަމެއް ނުކުރެވުނެވެ. އެއްފަހަރު ކައްޒާބަށް ނިސްބަތް ކޮށް އިނދިކޮޅު އެކްޓިވިސްޓަކު ދެއްކި ވާހަކައަކާއި ގުޅޭގޮތުން އޭނާ ޕޮލިހަށް ހާޒިރު ކޮށްފިއެވެ. އަނެއް ފަހަރު އެކްޓިވިސްޓަކު "ހޮޅިގަނޑާ"އޭ އަދި "ކުރަ ގަނޑާއޭ" ބުނުމުން އޭނާ ޕޮލިހަށް ހާޒިރު ކުރީއެވެ.
އެގޮތުން ރ. ދުވާފަރު ކައުންސިލް މަރިޔަމް ޔަޝްފާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގީ މުއިއްޒު ހަވަރަށް ދޭން ގޮވާލިކަމަށް ތުހުމަތުކޮށެވެ.
ޔަޝްފާ ޕޮލިހަށް ހާޒިރު ކުރަނީ މިދިޔަ ނޮވެމްބަރު 11 ވަނަ ދުވަހު އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ޖަލްސާގައި ކީ ބަންޖަކާ ގުޅިގެންނެވެ. އޭގައި އޭނާ ވަނީ ރައްޔިތުން ނުކުމެ، "ރައްޔިތުން އިނދަޖައްސާ ކުރަގަނޑާ" ހަވަރަށް ދޭން ޖެހޭ ކަމަށް ބުނެފައެވެ. އެހެންނަމަވެސް މުއިއްޒުގެ ނަން އޭނާގެ ރައިވަރުގެ އެއްވެސް ހިސާބެއްގައި ގެނެސްފައެއް ނުވެއެވެ.
އެއީ ސީދާ ކާކަށް ނިސްބަތްކޮށް ބުނި އެއްޗެއް ކަން ޔަޝްފާ ވިދާޅުނުވިޔަސް، އޭނާ ވަނީ މުއިއްޒަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ޔަޝްފާ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އެންގީ މާދަމާ ހެނދުނު 10:30 އަށެވެ.
”ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން“ ނަމުގައި އެމްޑީޕީން މި މަހު 10 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވެސް ޔަޝްފާ ބަނދި ކިއާފައިވެއެވެ.
އެ ޖަލްސާގައި އޭނާ ކީ ”ތިއީ ބަހުލޫލްއެކޭ“ މި ލަވައެވެ. އެ ލަވަ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެގެން ދިޔައެވެ.
މުއިއްޒުގެ ވެރިކަމުގައި ދަނީ ގާނޫނު އަސާސީން ދީފައިއޮތް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަންނަމުންނެވެ. މީގެ ކުރިންވަނީ, މުއިއްޒުއަކީ ކަޒާބު ކަމަށް ބުނިކަމަށް ތުހުމަތުކޮށް އެމްޑީޕީގެ އެކްޓިވިސްޓަކު ޕޮލިހަށް ހާޒިރު ކޮށްފައެވެ.
އެހެންނަމަވެސް އެ ތަހުގީގުގައި ކައްޒާބަކީ ކާކުކަމެއް ފުލުހުންނަށްވެސް ބުނެދެވިފައެއް ނުވެއެވެ.
ހަގީގަތުގައިވެސް, ގައުމެއްގެ ވެރިޔަކު ނިކަމެތި, އޭނާއަށް އޮތް ތާއީދު ގެއްލޭތައް ޚުދު އޭނާއަށް ފެންނާން ފެށުމުން އަތުންފައި ދެން ހެދެމުންދާނީ ހުސް ގޯހެވެ. އެހާތަނުން އޭނާއަށް ފެންނާން އޮންނާނެ ހަމައެކަނި މަގަކަށް ވެގެންދަނީ ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަތުމެވެ.
އެހެންނަމަވެސް ދިވެހި ތާރީޚު ހެކިދެނީ ދިވެހި ރައްޔިތުންނަ މި ހައްގުތައް ދޫކޮށް ނުލާނޭ ކަމެވެ. ކޮންމެފަދަ އަގެއް ދައްކައިގެން ނަމަވެސް ދިވެހިރައްޔިތުން ލެޔާއި ދާ އޮހޮރައިގެން އެކުލަވާލި ގާނޫނުއަސާސީ ހިމާޔަތް ކުރާނޭ ކަމެވެ.