ރިޕޯޓު

ދަޢުވަތު ދިނީ ސީދާ މޯދީއަށް! ފާޑު ކިޔުން އަމަަޒުވުމުން ފެންނަނީ އޮޅުވާލާނެ ގޮތެއް ނޭނގިގެން ރާޑިވެގެން އުޅޭ މަންޒަރު!

ދިޔަވަރު
ދަޢުވަތު ދިނީ ސީދާ މޯދީއަށް! ފާޑު ކިޔުން އަމަަޒުވުމުން ފެންނަނީ އޮޅުވާލާނެ ގޮތެއް ނޭނގިގެން ރާޑިވެގެން އުޅޭ މަންޒަރު!

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ފޮނުވަނީ ޤައުމުތަކަށް ކަމަށާއި، ވަކިވަކި ބޭފުޅުންނަށް ދައުވަތު ނުފޮނުވާކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވި ކަމަށް ދިޔަރެސް ނޫހުން ރިޕޯޓް ކޮށްފިއެވެ.

މި މަހުގެ 17 ވަނަ ދުވަހުގައި އޮންނަ އިންތިޚާބީ ރައީސް ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގެ ދައުވަތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުވާފައިވާކަމަށް އެ ޤައުމުގެ ނޫސްތަކާ ހަވާލާދީ ދިވެހި ބައެއް ނޫސްތަކުންވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ ރިޕޯޓުގައި މޯދީއަށް ދައުވަތު ދިންކަން ފިރުޒުލް ބައެއް ނޫސްތަކަށް ކަށަވަރުކޮސްދީފައިވެސް އެބަހުއްޓެވެ،

ނަމަވެސް ދިޔަރެސް ނޫހުން ގުޅާލުމުން، ދިޔަރެސް ނޫހަށް ވަކިން ތައްޔާރުކޮށްފައި އޮތް ޖަވާބު ފިރުޒުލް، މުއިއްޒުގެ މަޝްވަރާގެ މަތިން އެރުވިކަމަށް މިނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. މިގޮތުން ދިޔަރެސް ނޫހަށް ދެއްވި ތަފްސީލާއި އެހެން ނޫސްތަކަށް ދިން ތަފްސީލް މުޅިން ތަފާތެވެ. ދިޔަރެސް ނޫހަށް މައުލޫމާތު ދެއްވީ އިންޑިޔާގެ ބޮޑު ވަޒީރު މޯދީއަށް ދައުވަތު ނުދޭ ކަމަށާއި، ދައުވަތު ދިނީ އިންޑިޔާއަށް ކަމެވެ. އެހެންކަމުން އެ ދަޢުވަތް މޯދީ އަށް ނިސްބަތްވާންވީ ގޮތެއް ނެނގޭކަމަށް ދޭހަވާހެން ފިރުޒުލް ޖަވާބު ދެއްވިއަސް އެނގޭހާވެސް ކަމަކީ އެ ދަޢުވަތް ގަބޫލުކޮށް ރާއްޖެ އަންނަނީ ޝާހުރުހާން ނޫން ކަމެވެ. ނޫނީ އިންޑިޔާގެ ކްރިކެޓް ޓީމް ނޫންކަމެވެ.

ދިޔަރެސް ނޫހަށް ފިރުޒުލް ދެން ދިން ޖަވާބުގައި ފާހަގަ ކޮށްލަން ބޭނުންވީ އިންޑިޔާއަށް ދަޢުވަތު ދިނީ ވަކި އިންޑިޔާ ހާއްސަ ވެގެން ނޫން ކަމަށް ދޭހަކޮށް ދިނުމަށެވެ. އެއީ ދަޢުވަތުކާޑުތަކެއް ބަހަކަމުން ދަނިކޮށް އިންޑިޔާ ހިސާބަށް އެ ފައިގެން ދަތުރުކުރަމުން ދިޔަ ކޮތަރެއް އަތުން އެ ކާޑު އިންޑިޔާއަށް ވެއްޓުނީއޭ ދޭހަވާ ފަދަ ގޮތަކަށެވެ. ފިރުޒުލް ސީދާ ވިދާޅުވެފައިވަނީ އިންތިޚާބީ ރައީސްގެ އޮފީހުން ވަކި ޤައުމަކަށް ދައުވަތު ދިނުމަށް ޚާއްޞަ ސަމާލުކަމެއް ނުދޭ ކަމަށެވެ. އަދި ކުރިންވެސް ވިދާޅުވެފައިވާ ފަދައިން އަވައްޓެރި ހުރިހާ ޤައުމުތަކަށާއި، ދިވެހިރާއްޖެއާ ގުޅުން އޮންނަ ވަރަށް ގިނަ ޤައުމުތަކަށްވެސް ދައުވަތު ދީފައިވާ ކަމަށެވެ.

އިތުރު ނުކުތާއެއްގެ ގޮތުގައި ފިރުޒުލް ފާހަގަކުރެއްވީ އިންތިޚާބީ ރައީސް ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގެ ދައުވަތު ދެނީ ޤައުމުތަކާއި ޖަމްއިއްޔާތަކަށް ކަމެވެ. ވަކި ބޭފުޅަކަށް ދައުވަތު ނުދޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ޤައުމުތަކާއި ޖަމްއިއްޔާތައް ތަމްސީލުކުރައްވަން ވަޑައިގަންނަވާނެ މަންދޫބުން ކަނޑައަޅާނީ އެ ޤައުމަކުން ނުވަތަ ޖަމްއިއްޔާއަކުން ކަމަށެވެ.