ޚަބަރު

ބިންވެރިޔާ ސްކީމުން ބޭރުން, ވަގަށް ހުޅުމާލެއިން ގޯތި ދިން މީހުންގެ ލިސްޓުގައި ފަޒުލް ރަޝީދުގެ ކޮއްކޮ, އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ ފަޒީލު ރަޝީދު ވެސް ހިމެނޭ

ދިޔަވަރު
ބިންވެރިޔާ ސްކީމުން ބޭރުން, ވަގަށް ހުޅުމާލެއިން ގޯތި ދިން މީހުންގެ ލިސްޓުގައި ފަޒުލް ރަޝީދުގެ ކޮއްކޮ, އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ ފަޒީލު ރަޝީދު ވެސް ހިމެނޭ

ބިންވެރިޔާ ސްކީމުން ބޭރުން ވަގަށް ހުޅުމާލެއިން ގޯތި ދިން މީހުންގެ ލިސްޓުގައި ފަޒުލް ރަޝީދުގެ ކޮއްކޮ, އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދު ވެސް ހިމެނޭކަން "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިއްޖެއެވެ.

މާލޭ ރަށްވެހިންނަށް އަމާޒުކޮށްގެން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބިފައިނުވާ ފަރާތްތަކަށް، ލިޔެކިޔުންތައް އޮޅުވާލައިގެން ގޯތި ވިއްކާފައިވާ މައްސަލައިގައި، މިހާތަނަށް ބެލިބެލުމުން 50 އާ ގާތްކުރާ އަދަދެއްގެ ގޯތި ވިއްކާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ޖިނާއީ ތަހުގީގެއް ފަށައި، އެޗްޑީސީގެ އޮފީހުގައި މިވަގުތު ހަރަކާތްތެރިވަމުން ދެއެވެ. ސަރުކާރުގެ އޮފިޝަލަކު ""ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެއްވިގޮތުގައި 30 އަށްވުރެ ގިނަ ގޯތި ވަގަށް ވިއްކާފައިވާކަމަށާއި، އެ އަދަދު 50 އާ ހަމައަށް އަދި އެއަށްވުރެވެސް އިތުރުވެދާނެކަމަށް ލަފާކުރެވެއެވެ.

"ދިޔަވަރު އޮންލައިން"އަށް ލިބިފައިވާ ލިޔެކިޔުންތަކާއި ސޯޝަލް މީޑިއާގައި އާންމުވެފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި، އެޗްޑީސީން މިގޮތަށް ދޫކޮށްފައިވާ ގޯތިތަކުގެ ވެރިފަރާތް ކަށަވަރުކުރުމަށް ހައުސިން މިނިސްޓްރީއަށް ހުށަހެޅުމުން، އެއީ އެ މިނިސްޓްރީން ހިންގި އެއްވެސް ސްކީމެއްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކެއް ނޫންކަމަށް ވަނީ އަންގާފައެވެ.

މި މައްސަލައިގައި ފާހަގަކުރެވޭ އެއް ގޯއްޗެއްގެ ވެރިފަރާތަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ކޮއްކޮ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދެވެ. ބިންވެރިޔާ ސްކީމުގެ ލިސްޓުން އެނގޭގޮތުގައި، އޭނާއަކީ އެ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި ނަމަވެސް، ކުރިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ތަނެއް ލިބިފައިވާތީ ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތެކެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުން 9000 އަށްވުރެ ގިނަ ގޯތި ދޫކޮށްފައިވާއިރު، މިހާރުވެސް ހުޅުމާލެއިން ނުދެވިހުރި ގޯތިތައް މީހުންނާ ހަވާލުކުރަމުންދާކަމަށް މި ނޫހާ ވާހަކަދެއްކި މަސްދަރަކު މައުލޫމާތު ދީފައިވެއެވެ.