ބިންވެރިޔާ ސްކީމުން ބޭރުން, ވަގަށް ހުޅުމާލެއިން ގޯތި ދިން މީހުންގެ ލިސްޓުގައި ފަޒުލް ރަޝީދުގެ ކޮއްކޮގެ ނަންހިމެނި, އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު އޭނާގެ ކޮއްކޮއަށް ވަގަށް ހުޅުމާލެއިން ގޯތި ދިންކަން ހާމަވުމާއެކުވެސް, މި ވައްކަމުގެ ފަހަތުގައި ތިބި "ދެ މުލުވަގުންގެ" ގޮތުގައި ފާހަގަ ކުރެވޭ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުއާއި އޭނާގެ ކޮއްކޮ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދު މަގާމުން ވަކިކުރަން މުއިއްޒު ދެކޮޅު ހައްދަވައިފިއެވެ.
މާލޭ ރަށްވެހިންނަށް އަމާޒުކޮށްގެން ހިންގި ”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ލިބިފައިނުވާ ފަރާތްތަކަށް، ލިޔެކިޔުންތައް އޮޅުވާލައިގެން ގޯތި ވިއްކާފައިވާ މައްސަލައިގައި، މިހާތަނަށް ބެލިބެލުމުން 50 އާ ގާތްކުރާ އަދަދެއްގެ ގޯތި ވިއްކާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ޖިނާއީ ތަހުގީގެއް ފަށައި، އެޗްޑީސީގެ އޮފީހުގައި މިވަގުތު ހަރަކާތްތެރިވަމުން ދެއެވެ. ސަރުކާރުގެ އޮފިޝަލަކު ”“ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދެއްވިގޮތުގައި 30 އަށްވުރެ ގިނަ ގޯތި ވަގަށް ވިއްކާފައިވާކަމަށާއި، އެ އަދަދު 50 އާ ހަމައަށް އަދި އެއަށްވުރެވެސް އިތުރުވެދާނެކަމަށް ލަފާކުރެވެއެވެ.
”ދިޔަވަރު އޮންލައިން“އަށް ލިބިފައިވާ ލިޔެކިޔުންތަކާއި ސޯޝަލް މީޑިއާގައި އާންމުވެފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި، އެޗްޑީސީން މިގޮތަށް ދޫކޮށްފައިވާ ގޯތިތަކުގެ ވެރިފަރާތް ކަށަވަރުކުރުމަށް ހައުސިން މިނިސްޓްރީއަށް ހުށަހެޅުމުން، އެއީ އެ މިނިސްޓްރީން ހިންގި އެއްވެސް ސްކީމެއްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކެއް ނޫންކަމަށް ވަނީ އަންގާފައެވެ.
މި މައްސަލައިގައި ފާހަގަކުރެވޭ އެއް ގޯއްޗެއްގެ ވެރިފަރާތަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ކޮއްކޮ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދެވެ. ބިންވެރިޔާ ސްކީމުގެ ލިސްޓުން އެނގޭގޮތުގައި، އޭނާއަކީ އެ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި ނަމަވެސް، ކުރިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ތަނެއް ލިބިފައިވާތީ ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތެކެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުން 9000 އަށްވުރެ ގިނަ ގޯތި ދޫކޮށްފައިވާއިރު، މިހާރުވެސް ހުޅުމާލެއިން ނުދެވިހުރި ގޯތިތައް މީހުންނާ ހަވާލުކުރަމުންދާކަމަށް މި ނޫހާ ވާހަކަދެއްކި މަސްދަރަކު މައުލޫމާތު ދީފައިވެއެވެ.
ސަރުކާރުން އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިންގޮތުގައި ބިންވެރިޔާ ސްކީމުން ބޭރުން, ވަގަށް ހުޅުމާލެއިން ގޯތި ދީގެން އުޅެނީ މުއިއްޒުއަށްވެސް އެގިވަޑައިގެންނެވެ. އަދި ފަޒުލް ރަޝީދު ވަގަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރޭގައި މުއިއްޒުގެ އެންގުމަށް ދީފައިވާ ގޯތިތައް ހިމެނޭކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައި ވެއެވެ.
މި ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގަމުންދާއިރު, މިގޮތުން ހިންގަމުންދާ ބޮޑެތި ކޮރަޕްޝަންގެ ފަހަތުގައި ހުންނެވީ ރައީސް މުއިއްޒުކަން ފާހަގަ ކޮށްލެވެއެވެ.