ޚަބަރު

ބިންވެރިޔާ ސްކީމްގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އެޗްޑީސީއިން މެމޯއެއް ނެރެފި! މަސައްކަތް ކުރަމުންދަނީ މުއިއްޒު އާއި ފަޒުލްގެ ސަލާމަތްކޮށް އެހެން ބަޔަކު ފްރޭމް ކުރުމަށް!

ދިޔަވަރު
ބިންވެރިޔާ ސްކީމްގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އެޗްޑީސީއިން މެމޯއެއް ނެރެފި! މަސައްކަތް ކުރަމުންދަނީ މުއިއްޒު އާއި ފަޒުލްގެ ސަލާމަތްކޮށް އެހެން ބަޔަކު ފްރޭމް ކުރުމަށް!

ބިންވެރިޔާ ސްކީމްގެ ހުރިހާ މަސައްކަތެއް ވަގުތީގޮތުން ހުއްޓާލުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗީފް އިންޓަރނަލް އޮޑިޓަރ ވަނީ މެމޯއެއް ނެރެފައެވެ. ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުން، މުއިއްޒު އިސްވެހުރެ މަސައްކަތް ކުރަމުންދަނީ މުއިއްޒު އާއި ފަޒުލް ސަލާމަތްކޮށް މިކަމުގައި އެހެން ބަޔަކު ފްރޭމް ކުރުމަށެވެ.

ފަޒުލް ކުރަމުންދާ ހުރިހާ ވައްކަމެއްގައި މުއިއްޒަށް ދެބައިކުޅަ އެއްބައި ދޭކަމަށް ބެލެވެއެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ރައީސް މުއިއްޒުގެ ބައިވެރިވުމެއް ނެތި 50 ގޯތީގެ ބޮޑު ވައްކަމެއް ފަޒުލް އަމިއްލައަށް ކުރާކަށް ނުކެރޭނެއެވެ.

މި މެމޯގައި ބަޔާންކޮށްފައިވާ ގޮތުން، ބިންވެރިޔާ ސްކީމާ ގުޅުންހުރި އެންމެހާ މަސައްކަތްތަކާއި، ކުރިން ސޮއިކޮށްފައިވާ އެއްބަސްވުންތައް ފިޔަވައި އެހެން އެއްވެސް ބިމެއް ނުވަތަ ވިޔަފާރި ޔުނިޓެއް ނުވަތަ ގެދޮރެއް ހަވާލުކުރުމާއި އެއްބަސްވުމުގައި ސޮއިކުރުން ވަގުތީގޮތުން ހުއްޓާލަން އަންގާފައިވެއެވެ.

މީގެއިތުރުން، ކުއްލި އަދި އަވަސް ހާލަތްތައް ފިޔަވައި އެހެން އެއްވެސް ޕްރޮކިއުމަންޓް މުޢާމަލާތެއް ކުރިއަށް ނުގެންދިއުމަށާއި، މުވައްޒަފުންގެ ވެލްފެއަރ އާއި ގުޅުންހުރި ކަންކަން ފިޔަވައި އެހެން އެއްވެސް ފައިސާގެ މުޢާމަލާތެއް ނުކުރުމަށްވެސް އަންގާފައިވެއެވެ. އަދި މުވައްޒަފުން ވަޒީފާއަށް ނެގުމާއި ވަކިކުރުމުގެ މަސައްކަތްތައްވެސް ވަގުތީގޮތުން ހުއްޓާލުމަށް އަންގާފައިވެއެވެ.

މި މެމޯ ނެރެފައިވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ކޮއްކޮ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދަށް ބިންވެރިޔާ ސްކީމުން ބޭރުން، ހުޅުމާލެއިން ގޯއްޗެއް ދީފައިވާކަން ހާމަވުމާ ގުޅިގެންނެވެ. މި ގޯތި ދޫކޮށްފައިވަނީ ސައްހަނޫން ލިޔުމަކުން ކަމަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް 50 ގޯތި ދޫކޮށްފައިވާކަމަށް މައުލޫމާތު ވަނީ ފެތުރިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މުހައްމަދު ފަޒީލު ރަޝީދަކީ ބިންވެރިޔާ ސްކީމްގެ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫންކަމާއި، އޭނާއަކީ ކުރިން ސޯޝަލް ހައުސިންގ ލިބިފައިވާ ފަރާތެއްކަންވެސް ވަނީ ހާމަވެފައެވެ.