ބިންވެރިޔާ ސްކީމުން ބޭރުން, ވަގަށް ހުޅުމާލެއިން ގޯތި ދިން މީހުންގެ ލިސްޓުގައި ފަޒުލް ރަޝީދުގެ އަމިއްލަ ބޭބެގެ ނަންހިމަނާ, އެކަން ފަޅާ އެރުމުން މުއިއްޒުގެ އަމުރަށް މިރޭ ކުއްލިގޮތަކަށް ނޫސްވެރިންނާއި ބައްދަލުވުމެއް ބައްވާ, އަމިއްލަބޭބެއަށް ގޯއްޗެއް ލިބުނީ އިއްތިފާގުން ކަމަށް ބުނެ, އަދި ވަގަށް ދިން ގޯތީގައި ވަށާފާރު ރާނާފައި ނުވާނެކަމަށް ބުނެ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު މުޠުލަގަށް ދޮގު ހަދައިފިއެވެ.
މި ނޫސްވެސް އެއް ގަޑިއިރުވަންދެން ކޮޅަށް ބޭތިއްބުމަށްފަހު, ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފަޒުލް ވިދާޅުވެފައިވަނީ ވަގަށް ދިން ގޯތީގައި ވަށާފާރު ރާނާފައި ނުވާނެކަމުގައެވެ.
އެހެންނަމަވެސް, ފަޒުލްގެ ބޭބެ ފަޒީލްވަނީ, ހައުސިންއިން އެ ގޯތި ރަޖިސްޓްރީވެސް ނުކޮށްދެނީސް, އެޗްޑިސީން ހުއްދަ ދީގެން, އެ ގޯތީގެ ވަށާފާރުވެސް ރާނާފައެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައު ފަޒުލް ބުނެފައިވަނީ އޭނާގެ ބޭބެއަށް ގޯތި ލިބިފައިވަނީ ފޯޖު ކޮށްފައި އޮތް ލިޔުމަކުންކަން މިހާރު އެނގިފައިވާ ކަމުގައެވެ.
އަދި މިހާރު އެނގިފައިވާ ގޮތުގައި ފަޒުލްގެ ބޭބެ ފަޒީލް އެ ގޯތީގައި ވަށާފާރު ރާނާފައި ވަނީ ލިޔުން ފޯޖު ކޮށްގެން އެގޯތި އެޗްޑީސީން ހޯދާ, އަދި ވަށާފާރު ރާނަން އެޗްޑީސީން ހުއްދަވެސް ދިނުމުންނެވެ. އެހެންނަމަވެސް އެޗްޑީސީން އެ ހުއްދަ ދީފައިވަނީ, އެ ގޯތި އެއްވެސް ފަރާތަކަށް ހައުސިން މިނިސްޓްރީން ރަޖިސްޓްރީ ކޮށްދީފައި ނުވަނީސްކަންވެސް މިހާރުވަނީ ފަޅާ އަރާފައެވެ.
ބިންވެރިޔާ ސްކީމުން ބޭރުން, ވަގަށް ހުޅުމާލެއިން ގޯތި ދިން މީހުންގެ ލިސްޓުގައި ފަޒުލް ރަޝީދުގެ އަމިއްލަ ބޭބެގެ ނަންހިމަނާފައިވާކަން ފަޅާ އެރުމާއެކު ކުއްލި ގޮތަކަށް ފަޒުލް ނޫސްވެރިންނާ ބައްދަލު ކުރުމަށް ނޫސްވެރިންނަށް ދައުވަތު ދިނުމަށްފަހު އެޗްޑީސީއަށް ނޫސްވެރިން ދިއުމުން އެ މީހުން ބައިތިއްބާފައިވަނީ ކޮޅަށެވެ.
އަދި ކޮންމެ ނޫސްވެރިއަކަށް ލިބޭނީ އެއް ފުރުސަތުކަމަށް ވިދާޅުވެ, ހަރުކަށިކަމާއެކު ރުންކުރުކޮށް ނޫސްވެރިންގެ ބައްދަލުވުން ކުރިޔަށް ގެންދިއުމަށްފަހު ފަޒުލް ނޫސްވެރިންގެ ބައްދަލުވުން ނިންމާލީ ނޫސްވެރިން ޖާވާބު ބޭނުންވާ ސުވާލުތައް ކުރަމުން ދަނިކޮށެވެ.
އަދި ނޫސްވެރިންގެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބުދާރީ ވެފައެއް ނުވެއެވެ.
މިރޭ ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ އޭނާގެ ބޭބެއަށް ވަގަށް ގޯތި ދެވުމަކީ އިއްތިފާގެއް ކަމުގައެވެ. އަދި އޭނާގެ އާއިލީ މީހުންނަށް އެތަނުން ޚިދުމަތް ދޭނެ ކަމަށާއި, އޭގެ ނަތީޖާއެއްގެ ގޮތުން އޭނާ އެޗްޑީސީގެ އެމްޑީކަމުން ތަނާޒުލް ވާން ނުޖެހޭނެކަމަށެވެ.
އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު އޭނާގެ ކޮއްކޮއަށް ވަގަށް ހުޅުމާލެއިން ގޯތި ދިންކަން ހާމަވުމާއެކުވެސް, މި ވައްކަމުގެ ފަހަތުގައި ތިބި “ދެ މުލުވަގުންގެ” ގޮތުގައި ފާހަގަ ކުރެވޭ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުއާއި އޭނާގެ ކޮއްކޮ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދު މަގާމުން ވަކިކުރަން މުއިއްޒު ވަނީ ދެކޮޅު ހައްދަވާފައެވެ.
އަދި މި ބޮޑު ޚިޔާނާތް ފަޅާ އެރުމާއެކު, މުއިއްޒު ހެއްދެވި ގޮތަކީ ފަޒުލްއަށް އަންގައިގެން އޭނާ ލައްވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމެވެ.
މާލޭ ރަށްވެހިންނަށް އަމާޒުކޮށްގެން ހިންގި ”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ލިބިފައިނުވާ ފަރާތްތަކަށް، ލިޔެކިޔުންތައް އޮޅުވާލައިގެން ގޯތި ވިއްކާފައިވާ މައްސަލައިގައި، މިހާތަނަށް ބެލިބެލުމުން 50 އާ ގާތްކުރާ އަދަދެއްގެ ގޯތި ވިއްކާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ޖިނާއީ ތަހުގީގެއް ފަށައި، އެޗްޑީސީގެ އޮފީހުގައި މިވަގުތު ހަރަކާތްތެރިވަމުން ދެއެވެ. ސަރުކާރުގެ އޮފިޝަލަކު ”“ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދެއްވިގޮތުގައި 30 އަށްވުރެ ގިނަ ގޯތި ވަގަށް ވިއްކާފައިވާކަމަށާއި، އެ އަދަދު 50 އާ ހަމައަށް އަދި އެއަށްވުރެވެސް އިތުރުވެދާނެކަމަށް ލަފާކުރެވެއެވެ.
”ދިޔަވަރު އޮންލައިން“އަށް ލިބިފައިވާ ލިޔެކިޔުންތަކާއި ސޯޝަލް މީޑިއާގައި އާންމުވެފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި، އެޗްޑީސީން މިގޮތަށް ދޫކޮށްފައިވާ ގޯތިތަކުގެ ވެރިފަރާތް ކަށަވަރުކުރުމަށް ހައުސިން މިނިސްޓްރީއަށް ހުށަހެޅުމުން، އެއީ އެ މިނިސްޓްރީން ހިންގި އެއްވެސް ސްކީމެއްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކެއް ނޫންކަމަށް ވަނީ އަންގާފައެވެ.
މި މައްސަލައިގައި ފާހަގަކުރެވޭ އެއް ގޯއްޗެއްގެ ވެރިފަރާތަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ކޮއްކޮ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދެވެ. ބިންވެރިޔާ ސްކީމުގެ ލިސްޓުން އެނގޭގޮތުގައި، އޭނާއަކީ އެ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި ނަމަވެސް، ކުރިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ތަނެއް ލިބިފައިވާތީ ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތެކެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުން 9000 އަށްވުރެ ގިނަ ގޯތި ދޫކޮށްފައިވާއިރު، މިހާރުވެސް ހުޅުމާލެއިން ނުދެވިހުރި ގޯތިތައް މީހުންނާ ހަވާލުކުރަމުންދާކަމަށް މި ނޫހާ ވާހަކަދެއްކި މަސްދަރަކު މައުލޫމާތު ދީފައިވެއެވެ.
ސަރުކާރުން އިސް އޮފިޝަލަކު “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިންގޮތުގައި ބިންވެރިޔާ ސްކީމުން ބޭރުން, ވަގަށް ހުޅުމާލެއިން ގޯތި ދީގެން އުޅެނީ މުއިއްޒުއަށްވެސް އެގިވަޑައިގެންނެވެ. އަދި ފަޒުލް ރަޝީދު ވަގަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރޭގައި މުއިއްޒުގެ އެންގުމަށް ދީފައިވާ ގޯތިތައް ހިމެނޭކަމަށްވެސް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިފައި ވެއެވެ.
މި ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގަމުންދާއިރު, މިގޮތުން ހިންގަމުންދާ ބޮޑެތި ކޮރަޕްޝަންގެ ފަހަތުގައި ހުންނެވީ ރައީސް މުއިއްޒުކަން ފާހަގަ ކޮށްލެވެއެވެ.