އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުއާއި އޭނާގެ ބޭބެ, އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ފަޒީލް ރަޝީދު ރޯމާ ދުވާލު ބޮޑު ވައްކަމެއްކޮށް, އެކަން ފަޅާ އެރުމުންވެސް, ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ދޭނެކަމަށް ވިދާޅުވި މުއިއްޒު ގެންދަވަނީ ހަނު ހުންނަވުމުންނެވެ.
ބިންވެރިޔާ ސްކީމުން ބޭރުން, ވަގަށް ހުޅުމާލެއިން ގޯތި ދިން މީހުންގެ ލިސްޓުގައި ފަޒުލް ރަޝީދުގެ އަމިއްލަ ބޭބެގެ ނަންހިމަނާ, އެކަން މިހާރުވަނީ ފަޅާ އަރާފައެވެ. އެކަން ފަޅާ އެރުމުން މުއިއްޒުގެ އަމުރަށް ރޭ އޭނާވަނީ ކުއްލިގޮތަކަށް ނޫސްވެރިންނާއި ބައްދަލު ކޮށްފައެވެ. އެބައްދަލުވުމުގައި އޭނާ ވިދާޅުވީ އަމިއްލަބޭބެއަށް ގޯއްޗެއް ލިބުނީ އިއްތިފާގުން ކަމަށެވެ. އަދި ވަގަށް ދިން ގޯތީގައި ވަށާފާރު ރާނާފައި ނުވާނެކަމަށް ބުނެ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު މުޠުލަގަށް ދޮގު ހަދާފައި ވެއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އެއް ގަޑިއިރުވަންދެން ކޮޅަށް ބޭތިއްބުމަށްފަހު, ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފަޒުލް ވިދާޅުވެފައިވަނީ ވަގަށް ދިން ގޯތީގައި ވަށާފާރު ރާނާފައި ނުވާނެކަމުގައެވެ. އެހެންނަމަވެސް އެ ގޯތީގައި އެޗްޑީސީގެ ހުއްދައާއެކު ފަޒީލް ރަޝީދު އިންފާރުވެސް މިހާރު ރާނާފައިވާކަން ވަކީ އެނގިފައެވެ.
ބިންވެރިޔާ ސްކީމުން ބޭރުން, ވަގަށް ހުޅުމާލެއިން އަމިއްލަ ބޭބެއަށް ގޯތި ދީފައިވާކަން ފަޅާއެރިނަމަވެސް, އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު މަގާމުން ދުރުކުރުމަކީ ރައީސް މުއިއްޒުއަށް ކުރެވޭނެ ކަމެއް ނޫންކަމުގައި ސަރުކާރުގެ އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.
މައުލޫމާތު އެނގިހުރި ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި, އެޗްޑީސީގެ އެމްޑީކަމުގެ މަގާމުގައި ހުރެ ފަޒުލް ކުރަމުންދާ ވައްކަންތަކުން އެންމެ ބޮޑު ފައިދާއެއް ލިބެމުންދާ ފަރާތަކީ ރައީސް މުއިއްޒު ކަމުގައެވެ. އެހެންކަމުން ފަޒުލް ރޯމާ ދުވާލު މުޠުލަގަށް ވައްކަން ކުރަމުންދިޔަ ނަމަވެސް އެޗްޑީސީގެ އެމްޑީގެ މަގާމުން ފަޒުލް ވަކުކުރުމަކީ މުއިއްޒުއަށް ކުރެވެނެކަމެއް ނޫންކަމުގައި "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި, މުއިއްޒު މިވަގުތު ހުންނެވީ ބްލެކް މެއިލް ވެފައެވެ. އޭގެ އެއް ސަބަބަކީ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މުއިއްޒުއަށް އެންމެ ބޮޑެތި ވައްކަންތައް ކޮށްދީފައިވާ އެއް އެމްޑީއަކީ ފަޒުލް ރަޝީދުކަމަށް ވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މުއިއްޒު ބެލެކްމެއިލް ކުރެވޭވަރުގެ މައުލޫމާތު ފަޒުލް ރަޝީދު އަތުގައި ހުރި ކަމުގައިވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.
މުއިއްޒު ފާހަގަ ކުރެވިފައިވަނީ, ބަހާއި އަމަލާއި ދިމާނުވާ, މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ވެރިއެއްގެ ގޮތުގައެވެ. އަދި މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ އޭނާ އިތުބާރު ކުރާ ފަރާތްތައް މެދިވެރިކޮށް ދައުލަތުން ބޮޑެތި ވައްކަންތައް ކޮށްގެން ކަންވެސް ފާހަގަ ކޮށްލެވެއެވެ.