ފަޒުލް ހައްޔަރު ކުރުމުގެ ބަދަލުގައި، އެމްޑީޕީގެ ފަރާތްތައް ފްރޭމް ކުރުމަށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން މުއިއްޒު އަންގައިގެން ޕީޖީ އިން ތަހުގީގީ އިދާރާތަކުގެ މައްޗަށް މިއަދު އަމުރުކޮށްފި އެވެ.
އެ ދެ ސްކީމަށް އެދި ފޯމު ބަލައިގަތުމާއި ގޯއްޗާއި، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމުގެ ކަންބޮޑުވުން ޕީޖީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.
"ގޯއްޗާއި ފްލެޓް ދޫކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ތަހުގީގެއް ހިންގުމަށް ފަހު، މިކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެމަ، އެކަން ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށްޓަކައި މި އޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ހިދުމަތަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ޕްރޮސިކިއުޓާ ޖެނެރަލް އަމުރުކުރައްވައިފި," އެ އޮފީހުން މައުލޫމާތު ދީފައިވެ އެވެ.
އޭގެ އިތުރުން, އެ ކަމުގެ ތަހުގީގު ހިނގަމުންދާ ގޮތް ކޮންމެ ހަފްތާއަކު އެއް ފަހަރު ޕީޖީއާ ހިއްސާކޮށް އަވަސް ތަހުގީގެއް ހިންގަން ވަނީ އަންގަވާފަ އެވެ.
މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުތަކާ ގުޅޭ ތަހުގީގެއް ހިންގަން އަމުރުކުރި ދަނޑިވަޅަކީ ސަރުކާރު ބަދަލުވުމަށް ފަހު އައި އެޗްޑީސީގެ މެނޭޖުމަންޓުން ވަގަށް ގޯތިތަކެއް ވިއްކާފައިވާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެކެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުގައި މާލެ ރައްޔިތުންނަށް 9،003 ގޯތި ދޫކުރި އެވެ. ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތައް ހުންނަނީ ހުޅުމާލޭ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. އެއީ ހުޅުމާލެއިން ދޫކުރާ 1407 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2219 ގޯއްޗާއި ގިރާވަރުފަޅުން ދޫކުރާ 5433 ގޯއްޗެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުވާލުމާއެކު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް މިދިޔަ އޯގަސްޓު 8، ގައި ނެރުނު ވަގުތީ ލިސްޓުގައި އޮތީ 15،046 މީހުންނެވެ. ސަރުކާރުން ނިންމާފައި ވަނީ ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓް ދިނުމަށެވެ. ނަމަވެސް ކޮންޓްރެކްޓު ކުރެވި މަސައްކަތް ފަށާފައި ވަނީ 4000 ފްލެޓުގެ އެވެ.
ފުރަތަމަ 4،000 ފްލެޓް ލިބޭނީ ޕޮއިންޓް ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުނަށް ކަމަށް ކަނޑައަޅާފައިވަނިކޮށް އޭސީސީއަށް ހުށަހެޅު މައްސަލައަކާ ގުޅިގެން އެ މަސައްކަތް މަޑުޖައްސާލަން އެންގި އެވެ.
ޕްލެޓް ލިސްޓާ ގުޅޭ މުހިންމު ތާރީޚުތައް:
- ޖުލައި 29: ޕެޓިޝަން ކޮމެޓީގައި މިނިސްޓަރު ވިދާޅުވީ އިމާރާތްތަކުގެ މަސައްކަތް ނިމުމުގެ ކުރިން ފައިނަލް ލިސްޓު އެކުލަވާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް
- އޮކްޓޫބަރު 7: އިންޑިއާ އެހީގެ 700 ހައުސިންގ ޔުނިޓު ސަރުކާރާ ހަވާލުކުރުން
- ފެބްރުއަރީ 5: އޭސީސީން ކުރިން އިއުލާންކުރި ލިސްޓުގެ ތަފްސީލު ހާމަކުރުން
އޭސީސީގެ ތަހުގީގުން ފާހަގަވި ކަންކަން:
- ޝަރުތު ފުރިހަމަވެ، މައްސަލައެއް ނެތް: 20.7%
- ޝަރުތު ފުރިހަމަވި ނަމަވެސް މައްސަލަ ހުރި: 19.7%
- މައުލޫމާތުގެ ފުށުއެރުން ހުރި: 70%
ކުރިން އިއުލާންކުރި ލިސްޓުގައި:
- ޝަރުތު ހަމަވާކަމަށް ކަނޑައެޅި: 15,046 މީހުން
- އެމްޑީޕީ ސަރުކާރުން ނިންމީ މި އަދަދަށް ފުލެޓު ދިނުމަށް
- ފުރަތަމަ ފޭސްގައި ދޭން ނިންމީ: 4,000 ފުލެޓު
މި ހުރިހާ މައުލޫމާތެއް ލިބިހުރެ، ރައީސް މުއިއްޒު ވަނީ އޭނާ އެކަށައެޅި ކޮމިޓީއަކަށް ފްލެޓް ލިސްޓް ރިވިއު ކުރަން ހުށައަޅާފައެވެ. ނަމަވެސް އެ ކޮމިޓީއިން ނިންމާފައިވާ ގޮތާއި ރައީސް މުއިއްޒު ހިތްހަމަ ނުޖެހި ފްލެޓް ލިސްޓް އާންމު ކުރުން ލަސް ކުރަމުން ދާ ކަމަށް ވާހަކަ ދެކެވެއެވެ.
ޖިނާއީ ތަހުގީގެއް ހިންގަން އެކަށީގެންވާ މައްސަލަތައް ހުރިކަމަށް ރައީސް މުއިއްޒު އަށާއި، އެމަނިކުފާނު ކޮންޓްރޯލް ކުރާ ޕީޖީ އަށް ފާހަގަވީ، ފަޒުލް ހައްޔަރު ކުރުމަށް ރައްޔިތުން ގޮވާލަން ފެށުމުންނެވެ.