ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޮޑެތި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކެއް ވަނީ މިދިޔަ ޖުލައި މަހު އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު، ރައީސް މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއަކުން ހާމަކުރައްވާފައެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ މި ހަތް ސަފުހާގެ ސިޓީގައި އެޗްޑީސީގެ އެތެރޭގެ މައްސަލަތަކާއި، ހިޔާނާތުގެ މައްސަލަތަކާއި އަދި ވިޔަފާރިވެރިންގެ ޝަކުވާތައް ވަނީ ތަފްސީލުކޮށް ހިއްސާކޮށްފައެވެ.
ޒުހޫރުގެ ސިޓީގައި ވިދާޅުވެފައިވަނީ، އެޗްޑީސީގެ މެނޭޖުމަންޓާމެދު ވިޔަފާރިވެރިންގެ ޝަކުވާތައް ގިނަވެފައިވާ ދަނޑިވަޅެއްގައި، އޭނާ ވަނީ އެ މައްސަލަތައް ހައްލުކުރުމަށް އިސްކަންދެއްވައި، ޗެއާމަންގެ މަގާމާ ހަވާލުވެވަޑައިގެންފައި ކަމަށެވެ. އަދި މި މައްސަލަތައް ފަޒުލްއާ ހިއްސާކުރެއްވުމުން، އޭނާ ރުޅިއައިސް "ތިމަންނާ ކަންތައް ކުރާނެ ގޮތް އެނގޭނީ ތިމަންނާއަށް" ކަމަށް ވިދާޅުވެ، ހިތްހަމަނުޖެހޭނަމަ ޗެއާމަންގެ މަގާމު ދޫކޮށްލުމަށް ވިދާޅުވިކަމަށް ޒުހޫރު ފާހަގަކުރައްވާފައިވެއެވެ.
ބޮޑެތި ވިޔަފާރިތަކުގެ ޝަކުވާ
އެޗްޑީސީން ކަންތައް ކުރާ ގޮތާމެދު ބޮޑެތި އެތައް ކުންފުންޏަކުން ނުރުހުން ފާޅުކޮށްފައިވާ ކަމަށާއި، "އެންމެންގެ ވާހަކައިން ދޭހަވަނީ ފަޒުލް ރަޝީދުގެ ހަމައެކަނި ބޭނުމަކީ އަމިއްލަ މަންފާއަށް ފައިސާ ހޯދުން" ކަމަށް ޒުހޫރު ސިޓީގައި ލިޔުއްވާފައިވެއެވެ.
"އެކި ވަރުވަރުން އެކި ފަރާތްތަކުން ފައިސާ ނަގަމުންދާ ވާހަކަ އަޑުއިވެއެވެ. ވިނަރެސް ފްލެޓް ލިބެނީވެސް ފައިސާ ދޭ ފަރާތްތަކަށް ކަމަށް އަޑުއިވެއެވެ. އެކި އަދަދުން ފައިސާ ނަގައިގެން ބިމާއި ފްލެޓް އެޅުމުގެ ފުރުސަތު ދޭކަން ފާހަގަކުރަމެވެ. މީގެ އިތުރުން ފްލެޓް ދީފައި އަތުލާ ފަރާތްތަކުގެ ޝަކުވާވެސް ހަމަ އެހާމެ ގިނައެވެ," ޒުހޫރުގެ ސިޓީގައި ވެއެވެ.
އަމިއްލަ މަސްލަހަތާއި ރިޝްވަތުގެ ތުހުމަތުތައް
ޒުހޫރުގެ ސިޓީގައި ފަޒުލްގެ އަމިއްލަ މަސްލަހަތު ފުށުއަރާ އެތައް މައްސަލައެއް ފާހަގަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި:
- ފަޒުލްގެ އަނބިކަނބަލުން ޒުލްފީނާ ރަޝީދަށް ޚާއްސަ އުސޫލަކުން ބިމެއް ވިއްކުން
- އެ މުއާމަލާތް ފޮރުވުމަށް އިތުރު ފަސް މީހަކަށް ޚާއްސަ އުސޫލުން ބިން ވިއްކުން
- މޯލްޑިވްސް އޮއިލް ކޮމްޕެނީއާއި ހައިޕާލޫޕް ފަދަ ފަޒުލްގެ މަސްލަހަތު އޮތް ކުންފުނިތަކަށް ތިލަފުށިން ބޮޑެތި ބިންތައް ދޫކުރުން ހިމެނެއެވެ.
މީގެ އިތުރުން، ހިޔާ ފްލެޓުގައި އިތުރު 32 ލިފްޓު ހަރުކުރުމުގެ މަސައްކަތް 18 މިލިއަން ޑޮލަރަށް ހަވާލުކޮށްފައިވަނީ މާކެޓް އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށް، ކޮރަޕްޝަނާއެކު ކަމަށް ޒުހޫރު ފާހަގަކުރައްވާފައިވެއެވެ.
އަދި ލޯނު ހަމަނުޖެހި ވަނިކޮށް އޮޓޯ ސެންޓަރު އެޅުމާއި ކޮމާޝިއަލް ސްޕައިން އެޅުމަށް އެޑްވާންސްގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ދޫކޮށްފައިވަނީ، އެ މުއާމަލާތްތައް ކުރިއަށް ނުގެންދިއުމަށް ބޯޑުން ނިންމާފައި ވަނިކޮށް ކަމަށްވެސް ޒުހޫރު ފާހަގަކުރައްވާފައިވެއެވެ.
"ފަސް ލަގްޒަރީ ހައުސިން، އޮޓޯ ސެންޓަރު، ކޮމާޝަލް ސްޕައިން، 32 ލިފްޓް އަދި ސީއެމްސީ މެދުވެރިކޮށް 15 މިލިއަން ޑޮލަރު ނަގާފައިވާ ކަމަށް ވާހަކަ ދެކެވެއެވެ," ޒުހޫރުގެ ސިޓީގައި ވެއެވެ.
ޒުހޫރު އިތުރަށް ވިދާޅުވީ، ބޯޑަށް ތަފްސީލު މަޢުލޫމާތު ނުދީ ހަމައެކަނި "އާނބަސް" ބުނާ ބަޔަކަށް ބޯޑު ވެއްޖެނަމަ، ކަންތައްތައް ވެގެންދާނެ ގޮތް ރައީސްއަށް ރަނގަޅަށް އެނގިލައްވާނެ ކަމަށެވެ.
ކުންފުނި ހިންގަން ޖެހެނީ ބޯޑުގެ ދަށުން ކަމަށް ވިޔަސް، އެކަށީގެންވާ މަޝްވަރާކޮށްގެން ކަންކަން ކުރަން ފަޒުލް ބޭނުން ނުވާކަން ހާމަ ކުރިއެވެ.
ޒުހޫރުގެ ވަކިކުރުމާ ގުޅޭ ގޮތުން އޭނާ ވިދާޅުވި: "އަޅުގަނޑު ވަކިކުރުމަށް މަނިކުފާނު ނިންމީ މި ހުރިހާ ކަމެއް އެނގިހުރެ ކަމުގައިވަނީ ނަމަ އަޅުގަނޑަށް މިކަންކަން ހިނގާގޮތް ނޭގުމަކީ އަޅުގަނޑުގެ މައްސަލައެއް ކަމަށްވުމުން އަޅުގަނޑު ވަކިކުރުމާއި މެދު އިތުރަށް ބުނާނެ އެއްޗެއް ނެތެވެ"
ރައީސް މުއިއްޒަށް އޮތް ޒުހޫރުގެ އުންމީދު: "އަޅުގަނޑުގެ އުންމީދަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ގައުމުގެ ކަންކަން ރަނގަޅު ކޮށްދެއްވުމެވެ"
ގިނަވާހަކަ ތަކެއް ހިމެނޭ މި ސިޓީތައް ފޮނުވުމުގެ ކުރިން މުއިއްޒަށް އެކި ގޮތްގޮތުން ޒުހޫރު ދިޔައީ މައުލޫމާތު ފޯރުކޮށްދެމުންނެވެ. ނަމަވެސް، މުއިއްޒު ވަނީ އެކަމާއި ހިތްހަމަ ނުޖެހި ޒުހޫރު މަގާމުން ވަކި ކޮށްފައެވެ.
ސީޓީ ފޮނުވުމުންވެސް، އިތުރަށް މައުލޫމާތު ހޯދައި މައްސަލަތައް ބެލުމަށް މުއިއްޒު މަސައްކަތް ކޮށްފައި ނުވެއެވެ. އަދި މިކަމާއި ޒުހޫރު އާއި ބައްދަލުކޮށް ސިޓީ ގައި ވާކަންކަމުގެ ސައްޙަކަން ކަށަވަރު ކުރަން އިތުރު މަސައްކަތެއްވެސް ކޮށްފައި ނުވެއެވެ.