ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް ވަދެއްޖެ އެވެ.
މިކަމާ ގުޅިގެން އޭސީސީން ބުނީ, ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުށަހަޅާފައިވާ މައްސަލަ އެ ކޮމިޝަނުން ބަލަމުންދާ ކަމަށާއި, ތަހުގީގު ނިމުމުން އިތުރު ތަފްސީލު ހާމަކުރާނެ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގަށް ހައުސިން މިނިސްޓްރީގައި ހަރަކާތްތެރިވާކަން އެ ކޮމިޝަނުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ޕްލޭނިން މިނިސްޓްރީން އާންމުކުރީ ހޮނިހިރު ދުވަހު އެވެ. އެ ލިސްޓު އާންމު ކުރީ ވެސް އުސޫލުން ބޭރުން, ކޮރަޕްޝަން އެކުލެވޭހެން 4,000 ފްލެޓް ބަހާލަން އުޅޭކަމުގެ ތުހުމަތުގައި އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.