ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ މައްސަލައިގެ ތަހުގީގުގެ ތެރެއިން މިހާތަނަށް 6 މީހަކާއި ސުވާލުކޮށްފައިވާކަން ހާމަކޮށް, އަދި އޭގެ ތެރެއިން 3 މީހަކަށް ލިޔުން ހަވާލުކޮށްފައިވަނީ ކުރީ ސަރުކާރުންކަމަށް ފުލުހުން މިއަދު ބުނެފައިވަނީ, ވަގަށް ގޯތި ދޫކުރިކަމަށް ތުހުމަތުކުރެވޭ, އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު ސަލާމަތްކޮށްދޭން, އޭނާގެ ބޭބެ ފަޒީލް މިއަދު ތަހުގީގަށްދިން ދޮގު ބަޔާނަށް ރިއާޔަތްކޮށް ކަމަށް އެގިއްޖެއެވެ.
މި ތަހުގީގާއި ގުޅޭގޮތުން މިރޭ ފުލުހުން ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މި މައްސަލަ އެއިދާރާގެ ސަމާލުކަމަށް އައީ މީސް މީޑިއާ މެދުވެރިކޮށް ކަމަށާއި އެކަން ސަމާލުކަމަށް އައިވަގުތުން ފެށިގެން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކަމާގުޅުންހުރި އޮފީސްތަކަށް ފުލުހުންގެ ތަހުގީގު ޓީމުން ޒިޔާރާތްކޮށްފައިވާ ކަމަށެވެ.
އަދި މިއަދުގެ މިވަގުތާއި ހަމައަށް މި މައްސަލައާއި ގުޅިގެން 6 މީހަކާއި ސުވާލުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭކަންވެސް އޭސީޕީ ހާމަކުރެއްވި އެވެ. ޝަރީފް ވިދާޅުވީ އެޗްޑީސީ ޕޯޓަލްއަށް ސައްހަ ނޫން ލިޔެކިޔުން ހުށަހަޅާފައިވާ މިހާތަނަށް ފާހަގަވީ ތިން ބިމަކާ ގުޅޭ ގޮތުން ކަމަށެވެ. އޭގެ ތެރެއިން ދެ ބިމަކީ ބިންވެރިޔާ ސްކީމުން ޝަރުތު ހަމަވެގެން އެހެން ބަޔަކަށް ލިބިފައިވާ ބިންތަކެއް ކަމަށާއި އަނެއް ބިމަކީ އެއްވެސް ފަރާތަކަށް ދީފައިވާ ބިމެއް ނޫން ކަން މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފެންމަތިވެފައިވާ މައްސަލާގައި ލިޔުންތައް ހުށަހެޅި ފަރާތްތަކާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ ސުވާލުކުރެވުނު ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކާ ސުވާލުކުރުމުން އެ ފަރާތްތަކުން ހުށަހެޅި ލިޔުންތައް އެ މީހުންނަށް ދީފައި ވަނީ ކުރީގެ ސަރުކާރުގައި ކަމަށް ތަހުގީގަށް ބަޔާން ދީފައިވާ ކަމަށެވެ.
އަދި އެ ލިޔުންތައް ދިނީ ޝަރުތު ހަމަނުވާ ކަމަށް ޝަކުވާ ހުށަހެޅުމުން އޭރުގެ ހައުސިން މިނިސްޓްރީގެ އިސް ފަރާތްތަކުން ބައްދަލުކޮށްފައި ކަމަށް ތަހުގީގަށް ބަޔާން ދީފައިވާ ކަމަށާއި އެ އިސް ފަރާތަކީ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކަމަށެވެ. އެގޮތުން ފަޒުލްގެ ބޭބެ, ފަޒީލްއާއި ސުވާލުކުރުމުންވެސް އޭނާވެސް ބަޔާނުގައި އެފަދައިން ބުނެފައިވާކަން ޝަރީފް ހާމަކުރެއްވި އެވެ.
މި މައްސަލައާއި ގުޅޭގޮތުން ފުލުހުން އިތުރަށް ބުނީ އެ މީހުންގެ އަތުގައި ހުރި ލިޔުންތައް ތަހުގީގަށް ނަގައި މިހާރު ހައުސިން މިނިސްޓްރީއަށް ވެސް ގޮސް އެތަނުން ލިބެންހުރި ޑިޖިޓަލް ލިޔުންތައް ހޯދައި ތަހުލީލް ފަށާފައިވާ ކަމަށެވެ.
މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ސާފުވެގެންދިޔަ އެއް ހަގީގަތަކީ, މިމައްސަލާއިގެ ތަހުގީގު ފުލުހުން ކުރިޔަށް ގެންދަމުން ދަނީ ސީދާ މުއިއްޒު އަންގާ ގޮތަށް ކަމެވެ. އޭގެ އެއްސަބަބަކީ ގޯތިން ވައްކަށް ކޮށްފައިވާ, އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު ސަލާމަތްކުރަން އޭނާގެ ބޭބެ ދިން ބަޔާނަކަށް ރިއާޔަތްކޮށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވާހަކަ ދައްކާފައި ވާތީއެވެ.
މައުލޫމާތު އެނގިހުރި, މި ސަރުކާރުގެ އިސް ބައެއް އޮފިޝަލުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެމުން ވިދާޅުވެފައިވާ ގޮތުގައި, އެޗްޑީސީގެ އެމްޑީކަމުގެ މަގާމުގައި ހުރެ ފަޒުލް ކުރަމުންދާ ވައްކަންތަކުން އެންމެ ބޮޑު ފައިދާއެއް ލިބެމުންދާ ފަރާތަކީ ރައީސް މުއިއްޒު ކަމުގައެވެ. އެހެންކަމުން ފަޒުލް ރޯމާ ދުވާލު މުޠުލަގަށް ވައްކަން ކުރަމުންދިޔަ ނަމަވެސް އެޗްޑީސީގެ އެމްޑީގެ މަގާމުން ފަޒުލް ވަކުކުރުމަކީ މުއިއްޒުއަށް ކުރެވެނެކަމެއް ނޫންކަމުގައި ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި, މުއިއްޒު މިވަގުތު ހުންނެވީ ބްލެކް މެއިލް ވެފައެވެ. އޭގެ އެއް ސަބަބަކީ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މުއިއްޒުއަށް އެންމެ ބޮޑެތި ވައްކަންތައް ކޮށްދީފައިވާ އެއް އެމްޑީއަކީ ފަޒުލް ރަޝީދުކަމަށް ވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މުއިއްޒު ބެލެކްމެއިލް ކުރެވޭވަރުގެ މައުލޫމާތު ފަޒުލް ރަޝީދު އަތުގައި ހުރި ކަމުގައިވެސް ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.
މުއިއްޒު ފާހަގަ ކުރެވިފައިވަނީ, ބަހާއި އަމަލާއި ދިމާނުވާ, މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ވެރިއެއްގެ ގޮތުގައެވެ. އަދި މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ އޭނާ އިތުބާރު ކުރާ ފަރާތްތައް މެދިވެރިކޮށް ދައުލަތުން ބޮޑެތި ވައްކަންތައް ކޮށްގެން ކަންވެސް ފާހަގަ ކޮށްލެވެއެވެ.