ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް, އެއްބަޑު އެއްބަފާ ބޭބެވެސް ހިމެނޭގޮތުން ހުޅުމާލެއިން ވަގަށް ގޯތި ދިންކަން ސާބިތުވެފައިވާ, މިހާރު ސަސްޕެންޝަންގައި ހުރި އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު އަލުން ވަޒީފާއަށް މުއިއްޒު ނިންމާފައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
ރައީސް އޮފީހުގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި, މުއިއްޒު ފޮލިހަށް އަންގާފައިވަނީ ގިނަވެގެން 1 ފަހްތާ ތެރޭގައި ތަހުގީގު ނިންމުމަށެވެ. އަދި ތަހުގީގު ފުލުހުން ނިންމާއިރު, ވަގަށް ގޯތި ދިން މައްސަލާގައި ފަޒުލްގެ ދައުރެއް ނެތްކަމަށް ނިންމާ, މައްސަލާގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވަމަށްވެސް މުއިއްޒު ޕޮލިހަށް އަންގާފައިވާކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި, މިހާރު ކުރިޔަށްދާ ތަހުގީގު ނިމޭއިރު, އެޗްޑީސީން ވަގު ލިޔުންތައް ހަދާ, އަދި ފަޒުލްގެ ބޭބެ ފަޒީލްއަށް ވަގަށް ގޯތި ކަނޑާ އެޗްޑީސީން ދިން ހުއްދަތައްވެސް ދިނުމުގައި ފަޒުލްގެ ދައުރެއް ނެތްކަމަށް ތަހުގީގުން ނިންމާނެއެވެ. އެއީ ތަހުގީގު އެމަގުން ބައްޓަން ކުރުމަށް މުއިއްޒު ޕޮލިހަށް އަންގާފައިވާތީކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.
ބިންވެރިޔާ ސްކީމުން ބޭރުން, ވަގަށް ހުޅުމާލެއިން ގޯތި ދިން މީހުންގެ ލިސްޓުގައި ފަޒުލް ރަޝީދުގެ އަމިއްލަ ބޭބެގެ ނަންހިމަނާ, އެކަން މިހާރުވަނީ ފަޅާ އަރާފައެވެ. އެކަން ފަޅާ އެރުމުން މުއިއްޒުގެ އަމުރަށް އެރޭ އޭނާވަނީ ކުއްލިގޮތަކަށް ނޫސްވެރިންނާއި ބައްދަލު ކޮށްފައެވެ. އެބައްދަލުވުމުގައި އޭނާ ވިދާޅުވީ އަމިއްލަބޭބެއަށް ގޯއްޗެއް ލިބުނީ އިއްތިފާގުން ކަމަށެވެ. އަދި ވަގަށް ދިން ގޯތީގައި ވަށާފާރު ރާނާފައި ނުވާނެކަމަށް ބުނެ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު މުޠުލަގަށް ދޮގު ހަދާފައި ވެއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އެއް ގަޑިއިރުވަންދެން ނޫސްވެރިން ކޮޅަށް ބޭތިއްބުމަށްފަހު, ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންދެމުން ފަޒުލް ވިދާޅުވެފައިވަނީ ވަގަށް ދިން ގޯތީގައި ވަށާފާރު ރާނާފައި ނުވާނެކަމުގައެވެ. އެހެންނަމަވެސް އެ ގޯތީގައި އެޗްޑީސީގެ ހުއްދައާއެކު ފަޒީލް ރަޝީދު އިންފާރުވެސް ރާނާފައިވާކަން ވަނީ އެނގިފައެވެ.
އަދި އެއަށްފަހު, މިމައްސަލާގައި ކުރިމަތިވި ރައްޔިތުންގެ ޕްރެޝަރާހެދި މުއިއްޒު އަންގައިގެން ޕީސީބީން ވަނީ ފަޒުލް ސަސްޕެންޑް ކޮށްފައެވެ.
ބިންވެރިޔާ ސްކީމުން ބޭރުން, ވަގަށް ހުޅުމާލެއިން އަމިއްލަ ބޭބެއަށް ގޯތި ދީފައިވާކަން ފަޅާއެރިނަމަވެސް, އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު މަގާމުން ދުރުކުރުމަކީ ރައީސް މުއިއްޒުއަށް ކުރެވޭނެ ކަމެއް ނޫންކަމުގައި ސަރުކާރުގެ އޮފިޝަލަކު ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.
މައުލޫމާތު އެނގިހުރި ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި, އެޗްޑީސީގެ އެމްޑީކަމުގެ މަގާމުގައި ހުރެ ފަޒުލް ކުރަމުންދާ ވައްކަންތަކުން އެންމެ ބޮޑު ފައިދާއެއް ލިބެމުންދާ ފަރާތަކީ ރައީސް މުއިއްޒު ކަމުގައެވެ. އެހެންކަމުން ފަޒުލް ރޯމާ ދުވާލު މުޠުލަގަށް ވައްކަން ކުރަމުންދިޔަ ނަމަވެސް އެޗްޑީސީގެ އެމްޑީގެ މަގާމުން ފަޒުލް ވަކުކުރުމަކީ މުއިއްޒުއަށް ކުރެވޭނެކަމެއް ނޫންކަމުގައި ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި, މުއިއްޒު މިވަގުތު ހުންނެވީ ބްލެކް މެއިލް ވެފައެވެ. އޭގެ އެއް ސަބަބަކީ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މުއިއްޒުއަށް އެންމެ ބޮޑެތި ވައްކަންތައް ކޮށްދީފައިވާ އެއް އެމްޑީއަކީ ފަޒުލް ރަޝީދުކަމަށް ވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މުއިއްޒު ބެލެކްމެއިލް ކުރެވޭވަރުގެ މައުލޫމާތު ފަޒުލް ރަޝީދު އަތުގައި ހުރި ކަމުގައިވެސް ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.
މުއިއްޒު ފާހަގަ ކުރެވިފައިވަނީ, ބަހާއި އަމަލާއި ދިމާނުވާ, މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ވެރިއެއްގެ ގޮތުގައެވެ. އަދި މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ އޭނާ އިތުބާރު ކުރާ ފަރާތްތައް މެދިވެރިކޮށް ދައުލަތުން ބޮޑެތި ވައްކަންތައް ކޮށްގެން ކަންވެސް ފާހަގަ ކޮށްލެވެއެވެ.