ފާއިތުވެދިޔަ ނޮވެމްބަރުމަހު, މުއިއްޒު ޕީއެންސީގެ މަޖިލިސް މެމްބަރުން ލައްވާ ގާނޫނު އަސާސީ ބަދަލު ކުރުވީ, އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ އިސް މަދު މެމްބަރުންކޮޅަކަށް އެޗްޑީސީ މެދުވެރިކޮށް ހުޅުމާލެއިން ގޯއްޗާއި އަދި ވިނަރެސް ފްލެޓްއިން އެޕާޓްމަންޓްތައް ދީގެންކަން ހާމަވެއްޖެއެވެ.
މިހާރު އާންމުވެފައިވާ, ނުހައްގުން ފްލެޓާއި ގޯތި ލިބިފައިވާ މީހުންގެ ލިސްޓުތަކުން ހާމަވެފައިވާ ގޮތުގައި, މުއިއްޒު ހުޅުމާލެއިން ގޯއްޗާއި ފްލެޓް ދީފައިވަނީ ޕީއެންސީގެ ޕާލަމެޓްރީ ގުރޫޕުގެ އިސް މަދު މެމްބަރުންކޮޅަކަށް ކަން ހާމަވެއެވެ. އޭގެ ތެރޭގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހިމް ފަލާހުގެ އިތުރުން ބާރަށު ދާއިރާގެ މެމްބަރުން އިބުރާހިމް ޝުޖާއުވެސް ހިމެނެއެވެ. އަދި މަޖިލިސް ރައީސް އަބުދުއްރަހީމްގެ ނުފޫޒުން, އަބުދުއްރަހީމްގެ ދަރިއެއްގެގެ ބަފާބެ ކަމުގައިވާ, އެމްޕީއެލްގެ ސީއީއޯ ވަޖީހު (ޖުހާ)ގެ ދަރިއަކަށްވެސް ވަނީ ހުޅުމާލެއިން ގޯއްޗެއް ދީފައެވެ.
އަދި އޭގެ އިތުރުން ބައެއް މެމްބަރުންނަށް ވިނަރެސް ފްލެޓްވެސް މުއިއްޒުގެ އެންގުމަށް ދީފައި ވެއެވެ. އޭގެ ތެރޭގައި ށ. މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދުވެސް ހިމެނެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, މުއިއްޒު ގާނޫނު އަސާސީ ބަދަލު ކޮށްފައިވަނީ, ގޯއްޗާއި ފްލެޓް ދިން, ޕީއެންސީގެ ޕީޖީގެ އިސް މަދު މެމްބަރުން ލައްވާ ޕީޖީ ގުރޫޕުގެ އެހެން މެމްބަރުންނަށް ނުފޫޒު ފޯރުވައިގެންނެވެ. އެގޮތުން އެ މެމްބަރުންނަށް ދާއިރާގެ ބައެއް ފަރާތްތަކަށް ވަޒީފާ ހަމަޖައްސާދިނުންފަދަ ކުދި ކުދި ކަންތައްތައް ކޮށްދީފައިވާކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް, ޕީއެންސީގެ ޕީޖީ ގުރޫޕުގެ އިސް މަދު މެމްބަރުން ކޮޅަކަށް ގޯއްޗާއި ފްލެޓް ލިބިގެން ދިޔައިރު, 80 އެތައް މެމްބަރުންނެއް ހިމެނޭ ޕީއެންސީގެ ޕީޖީ ގުރޫޕުގެ ގިނަ މެމްބަރުން ތިބީ ހުސްއަތާކަން އެނގިފައި ވެއެވެ. އަދި މި ކަންކަމާއި ގުޅޭގޮތުން މިމެމްބަރުންގެ ޝަކުވާތައް ހުރިނަމަވެސް, މިއަދު އެމެމްބަރުންނަށް ކުރެވޭނެކަމެއް ނެތްކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި އޮފިޝަލް ވިދާޅުވެފައިވެއެވެ. އެއީ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސިއަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުންނެވެ.
މުއިއްޒު ވަނީ މެމްބަރުން ޕާޓީ ބަދަލު ކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް, މަކަރާއި ހީލަތުން މެމްބަރުން ލައްވާ ގާނޫނު އަސާސީއަށް އިސްލާހު ގެނެސްފައެވެ.