ޚަބަރު

ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔާ ރަޖުނީ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

ދިޔަވަރު
ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔާ ރަޖުނީ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

ވިނަރެސްއިން ފްލެޓު ގަނެފައިވާކަން ހާމަވުމާ ގުޅިގެން، ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔާ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު، މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން ދުރުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ބުނުއްވާ ގޮތުގައި، މި ނިންމުމަކީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ތަހުގީގުތަކުގެ އިތުބާރު ދެމެހެއްޓުމަށް އެޅުނު ފިޔަވަޅެކެވެ.

"މި ނިންމުމަކީ އެސްޕީ ރަޖުނީ ޝުއައިބާ ގުޅޭގޮތުން ކުރެވެމުންދާ ތަހުގީގުގައި، އެއްވެސް ނުރަނގަޅު ޢަމަލެއް ހިންގާފައިވާކަން މިހާތަނަށް ފާހަގަކުރެވިގެން ނިންމި ނިންމުމެއް ނޫން،" ޝިފާން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ބަލަން ފެށީ ސޯޝަލް މީޑިއާގައި "ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ އެކްސް އެކައުންޓަކުން އާންމުކުރި ވިނަރެސްގެ ލިސްޓަކާ ގުޅިގެންނެވެ. އެ ލިސްޓުގައި ރަޖުނީގެ އިތުރުން އެހެން ފުލުހުން ވެސް ހިމެނޭކަމަށް "ދިޔަވަރު" އަށް އެނގިފައިވެއެވެ. މި ފުލުހުން ފްލެޓު ގަތުމުގައި އުސޫލާ ޚިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

އެޗްޑީސީއާ ދެކޮޅަށް ކޮރަޕްޝަނާއި ޚިޔާނާތުގެ އެތައް ތުހުމަތެއް ވަނީ ކުރެވިފައެވެ. މީގެ ތެރޭގައި ބިންވެރިޔާ ސްކީމުގެ ދަށުން ކަމަށް ބުނެ އުސޫލުން ބޭރުން ބިންތަކެއް ދިނުމާއި، ސަރުކާރުގެ އިސްވެރިންނާއި މަޖިލިސް މެންބަރުންނަށް ބިން އަގުހެޔޮކޮށް ވިއްކުން، އަދި މަޝްރޫޢުތަކުގެ ނަމުގައި ގިނަ އަދަދެއްގެ ފައިސާ ދޫކުރުން ހިމެނެއެވެ.